ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ މެންބަރު މުޙައްމަދު ރާއީ
ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ މެންބަރު މުޙައްމަދު ރާއީ
ޢަދާލަތު ޕާޓީ އަކީ އިޚްލާސްތެރިކަމެއްނެތް އަމިއްލަ އެދުން ބޮޑު ބައެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ މެންބަރު މުޙައްމަދު ރާއީ ވިދާޅުވެއްޖެއެވެ.

މެންބަރު ރާއީ މިމޭރުމުން ޢަދާލަތު ޕާޓީއަށް ފާޑު ވިދާޅުވެފައިވާއިރު ޢަދާލަތު ޕާޓީން ވަނީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ރާއީ ތަމްސީލު ކުރަށްވާ މަކުނުދޫ ދާއިރާއަށް ވާދަކުރުމަށް ނިންމައި އެކަން އިޢުލާނު ކޮށްފައެވެ.

އެކަމާ ގުޅިގެން ރާއީ މިއަދު ވިދާޅުވީ ވޭތުވެދިޔަ އެމްޑީޕީ ސަރުކާރުގައި އެއްމެބޮޑު ހިއްސާއެއްނަގައި މުޅި ސަރުކާރު ބަލިކަށިކުރުމުގެ އެއް ސަބަބަކީ ކޯލިޝަންގައި ހިމެނުނު ބައިހަމަނުވާ ކުޑަ ޕާޓީއެއް ކަމަށެވެ. އަދި މުޅި އެމްޑީޕީގެ އެތެރޭގައި އުފެދުނު ހަމަނުޖެހުމުގެ އަސްލަކީވެސް އެކުޑަ ޕާޓީކަމަށް ރާއީ ވިދާޅުވިއެވެ.

ނަމަވެސް ނިމިދިޔަ ރިޔާސީ އިންތިޙާބުގައި އެޕާޓީގެ މުހިއްމު ބޭފުޅުން ސަރުކާރު ހިމާޔަތްކޮށް އިންތިޙާބު ކާމިޔާބު ކޮށްދިނުމަށް އެދެވޭ މަސައްކަތެއް ކޮށްދީފައިވާ ކަމަށް އެމްޑީޕީގެ މެމްބަރުންނާއި ޅީޑަރޝިޕުން ގަބޫލުނުކުރާކަމަށް ރާއީ ވަނީ ވިދާޅުވެފައެވެ.

“ކުރިއަށްއޮތް އިންތިޙާބުތަކުން އެންމެ ބޮޑަށް ފާހަގަވެގެންދާނެ ކަމަކީ، އެމްޑީޕީގެ ސަރުކާރަށާއި، އާއްމު މެމްބަރުންނަށް މިދެންނެވި ޕާޓީގެ ބައެއްވެރިންގެ އިޙްލާސްތެރިކަން ނެތްކަމާއި އެއީ އަބަދުވެސް އަމިއްލަ އެދުމާއިގެން ދުވާ ބައެއްކަމެވެ.” ޢަދާލަތު ޕާޓީއަށް ފާޑު ވިދާޅުވަމުން ރާއީ ވިދާޅުވެފައިވެއެވެ.



ރާއީ ވަނީ މަކުނުދޫ ދާއިރާ ސަލާމަތްކުރަން އޮތްމަގަކީ އެ ކުޑަޕާޓީ ބަލިކުރުން ކަމަށްވާނަމަ އެކަމަށްޓަކައި ކޮންމެ ޕާޓީއަކާއެކު މަސައްކަތްކުރުމަށްވެސް އެމްޑީޕީގެ މެމްބަރުނާއި އޭނާ ފަސްނުޖޭހޭނެ ކަމަށެވެ.

“ވަކި މީހަކަށްވުރެ މުހިއްމީ ދާޢިރާގެ މުސްތަގުބަލެވެ.” ރާއީ ވިދާޅުވިއެވެ.

ރާއީ މިމޭރުމުން ވިދާޅުވެފައިވާއިރު އަދާލަތު ޕާޓީގެ ޓިކެޓްގައި ރައްޔިތުންގެ މަޖިލީހުގެ 4 ދާއިރާއެއްގެ ގޮނޑިއަށް ވާދަ ކުރުމުގެ ފުރުސަތު އެ ޕާޓީން ވަނީ ހުޅުވާލައިފައެވެ.

އެގޮތުން އާންމުކޮށް ހުޅުވާލައިގެން އެޕާޓީގެ ޓިކެޓަށް އެދުމުގެ ފުރުސަތު ދިނުމަށް ނިންމާފައިވަނީ ވައިކަރަދޫ ދާއިރާ، މަކުނުދޫ ދާއިރާ، އިނގުރައިދޫ ދާއިރާ އަދި ފެލިދޫ ދާއިރާއަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން