އެންވެރިކަން ކުރާ ކޮންމެ ދޯންޏެއްގައި ރެސްކިއު ޑައިވަރެއް ތަމްރީނު ކުރުމުގެ ޕްރޮގްރާމް ފެށުމުގެ ރަސްމިއްޔާތު މިއަދު ބާއްވައިފިއެވެ.

ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުގެ މިސިޔާސަތު ތަންފީޒު ކުރުމުގެ ގޮތުން މިއަދު ހަވީރު ގދ. މަޑަވެލީގައި ވަނީ ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ޕްރޮގްރާމްގެ ފުރަތަމަ ބުރުގައި 50 މަސްވެރިއަކު ތަމްރީން ކުރުމަށް ވަނީ ހަމަޖެހިފައެވެ.

ރާއްޖޭގައި ފީނައިގެން އެންވެރިކަން ކުރާ ކޮންމެ އޮޑިއަކުން މަދުވެގެން އެއް ފަޅުވެރިއަކު ރެސްކިއު ޑައިވަރ ފެންވަރަށް ތަމްރީނު ކުރުމުގެ ޕްރޮގްރާމް ފެށުމުގެ ރަސްމިއްޔާތުގައި ތިމާވެއްޓާބެހޭ ވަޒީރު ތާރިޤް އިބްރާހިމާއި މަސްވެރިކަމާބެހޭ ވަޒީރު އަޙްމަދު ޝިޔާމް އާއި ޑައިވް އިންސްޓްރަކްޓަރުންނާއި ދެވުޒާރާގެ އިސްވެރިންވަނީ ބައިވެރިވެ ވަޑައިގެންފައެވެ.

މަޑަވެލީގައި ބޭއްވި މި ރަސްމިއްޔާތުގައި ރެސްކިއު ޑައިވަރުން ތަމްރީން ކުރުމަށް ކަނޑައެޅި ފަރާތްތަކާއެކު މަސްވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ވަނީ އެއްބަސްވުމުގައި ސޮއިކޮށްފައެވެ. އެގޮތުން ޖުމްލަ 6 ފަރާތަކާއެކު ތަމްރީން ކުރިއަށްގެންދިއުމަށް އެއްބަސްވެފައިވެއެވެ.

ހަމައެއާއެކު ރައީސް ޑރ. މުޢިއްޒު ކަނޑައަޅުއްވާފައިވާ ސިޔާސަތު ތަންފީޒު ކުރުމުގެ ގޮތުން ރެސްކިއު ޑައިވަރ ފެންވަރަށް ތަމްރީނުވާ ގދ. މަޑަވެލި މަސްވެރިންނާއެކު ވަޒީރު އަޙްމަދު ޝިޔާމް މިއަދު ވަނީ ޑައިވް ކުރަށްވާފައެވެ.

“މި ޕްރޮގްރާމް ހިންގުމަށް މަސްވެރިކަމާބެހޭ ވުޒާރާއިން ކުރަމުންދާ މަސައްކަތުގެ ތެރޭގައި އޮޑިވެރިންނާއި ކެޔޮޅުންނާއި ފަޅުވެރިންނަށް ޑައިވިންއާ ގުޅޭ މައުލޫމާތު ފޯރުކޮށްދީ މަސްވެރިންގެ ސަލާމަތާއި ރައްކާތެރިކަމަށް ހޭލުންތެރި ކުރުވުމުގެ ގޮތުން ގައުމީ ކެމްޕެއިނެއް ހިންގުމަށް ވަނީ ނިންމާފަ.” މަސްވެރިކަމާބެހޭ ވުޒާރާއިން ހާމަކޮށްފައިވެއެވެ.



އޭގެ އިތުރުން މި ކެމްޕެއިން މެދުވެރިކޮށް މަސްވެރިކަމާއި އެންވެރިކަމާ ބެހޭ ގާނޫނާއި ގަވާއިދުތައް އެކުލަވާލި މަޤްސަދާއި އޭގެ މުހިންމުކަން މަސްވެރިންނާ ހިއްސާކޮށް އަހުލުވެރިކުރެވޭނެ ކަމަށް މަސްވެރިކަމާބެހޭ ވުޒާރާއިން މަޢުލޫމާތު ދީފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން