ޕީޕީއެމް ފައްތާލައި ޕާޓީގެ އެތަކެއް މެންބަރުންނަށް ކެހިދީފައި ވާކަމަށް ކުރީގެ ނާއިބުރައީސް ޑރ. މުޙައްމަދު ޖަމީލް އަޙްމަދު ވިދާޅުވެއްޖެއެވެ.

ޑރ. ޖަމީލް މިމޭރުމުން ވިދާޅުވެފައި މިވަނީ ޕީޕީއެމް-ޕީއެންސީގެ ޓިކެޓުގައި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރުމަށް ފޯމު ހުށަހެޅި ބައެއް މީހުންގެ ކެންޑިޑެސީ ބަލައިނުގަތުމަށް އެ ޕާޓީން ނިންމާފައިވާ ދަނޑިވަޅެއްގައެވެ.

އެކަމާ ގުޅިގެން ޑރ. ޖަމީލް ވިދާޅުވީ މީސްމީހުންގެ ޙަގީގަތް ހާމަވާން ކަންތައްތަކެއް އަބަދުވެސް الله ތަޢާލާ މިންވަރު ކުރައްވާ ކަމަށެވެ. އެގޮތުން މީހެއްގެ ނުލަފާކަން ބަލާނީ އެމީހެއްގެ އަމަލާއި ކައިރީގައި ތިބި މުރުޝިދުންގެ އަޚްލާގުން ކަމަށް ޖަމީލް ވިދާޅުވިއެވެ.

“މިއަދު ޕީޕީއެމް ފައްތާލައިފި. އެތަކެއް ބަޔަކަށް އޮޅުވާލާ ޕީއެންސީގެ ފޯމް ފުރުވީ.” ޑރ. ޖަމީލް ވިދާޅުވެފައިވެއެވެ.

ޑރ. ޖަމީލް ވިދާޅުވީ ރައްޔިތުންގެ މަޖްލީހުގެ ޕްރައިމަރީގައި ވާދަކުރުމުގެ އުންމީދުގައިތިބި ޕީޕީއެމްގެ އެތަކެއް ރައްޔިތުންނަށް މިއަދު ކެހިދީފައިވާ ކަމަށެވެ. އޭގެ އިތުރުން އެތަކެއް ޢާއލާތަކުގެ ބުރަމަސައްކަތް ޖަހައިގަނެ ދުރާލާ ރާވައިގެން އެތައް ކެންޑިޑޭޓުން ކަޓުވާލާފައިވާ ކަމަށް ޑރ. ޖަމީލް ވިދާޅުވިއެވެ.

މި ސަރުކާރުން އެންމެ ފުރަތަމަ ވަޅިހެރީ ރައީސް ޔާމީނުގެ ބުރަކައްޓަށް ކަމަށާއި އެވަރުން ނުވެގެން އެމަނިކުފާނުގެ ޕާޓީވެސް ޖަހައިގަނެ އެމަނިކުފާނު ކުރި ބުރަމަސައްކަތަށް ތެޔޮހަމެއް ދީފައިވާ ކަމަށް ޑރ. ޖަމީލް ވިދާޅުވިއެވެ. އަދި މިހާރު މަސައްކަތް ކުރަނީ ރައީސް ޔާމީންގެ ޝަރީޢަތައް އަތްބާނާ ނުފޫޒް ފޯރުވަން ކަމަށް ޖަމީލް ތުހުމަތު ކުރެއްވިއެވެ.

“އިންސާނުން ދެމިތިބެނީ ހަމަތަކެއް ގަބޫލްކޮށްގެން. ބޭއިންސާފުގެ ކުރިމަތީ ބޯލަނބައިގެން ނުވާނެ.” ޑރ. ޖަމީލް ވިދާޅުވެފައިވެއެވެ.

ހަމައެއާއެކު މި ސަރުކާރު ކިތަންމެ ވަރަކަށް ރީބްރޭންޑް ކުރިއަސް ފެންނާނީ މަކަރާއި ޙީލަތާއި ދޮގާއި އޮޅުވާލުން ކަމަށާއި ރައީސް ޔާމީން ވިދާޅުވި ބާޒުތައް މިހާރު ފެންނަމުންދާކަމަށް ޑރ. ޖަމީލް ވިދާޅުވިއެވެ.

ޕީޕީއެމްގެ ޕްރައިމަރީއަށް ކުރިމަތިލާން ފޯމު ހުށަހަަޅަން ދިން ފުރުސަތުގައި އެ ކަމަށް އެދި ހުށަހެޅި ބައެއް މީހުންގެ ކެންޑިޑެސީ ބަލައިނުގަތުމަށް ނިންމައި ޕީއެންސީގެ ޗެއާޕާސަން އަދި ރައީސް މުހައްމަދު މުއިއްޒުގެ ހާއްސަ މުޝީރު، ރައީސް އޮފީހުގެ ސީނިއަ މިނިސްޓަރު އަބްދުއްރަހީމް އަބްދުﷲ ސޮއިކުރައްވައި ބައެއް މީހުންނަށް އިއްޔެ ފޮނުވާފައިވާ ސިޓީގައި ވަނީ ޕާޓީގެ އެތެރޭގައި ބައިބައިވުން އުފެދޭ ގޮތަށް އެމެންބަރުން ކަންކަން ކޮށްފައިވާތީ ކެންޑިޑެސީ ބަލައިނުގަތުމަށް ނިންމާފައިވާ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން