ދަޢުލަތުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް މިއަހަރު ދޫކުރާ ފައިސާގެ ތެރެއިން އެންމެ ގިނަ ފައިސާލިބޭ ޕާޓީއަކަށް އިދިކޮޅު އެމްޑީޕީ ވެއްޖެއެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު ހާމަކޮށްފައިވާ މަޢުލޫމާތުން ދައްކާގޮތުގައި ސިޔާސީ ޕާޓީތަކަށް ދައުލަތުގެ ބަޖެޓުން މިއަހަރު ދޫކުރުމަށް ހަމަޖެހިފައިވަނީ 44 މިލިއަން ރުފިޔާއެވެ. އޭގެ ތެރެއިން 15 މިލިއަން ރުފިޔާ ލިބެނީ އެންމެ މެންބަރުން ގިނަ އެމްޑީޕީއަށެވެ.

އީސީގެ ތަފާސްހިސާބުތައް ދައްކާގޮތުން 31 ޑިސެމްބަރ 2023ގެ ނިޔަލަށް އެމްޑީޕީގައި ތިބީ 52,142 މެމްބަރުންނެވެ. އެހެންކަމުން ދަޢުލަތުގެ ބަޖެޓުން އެޕާޓީއަށް 15,101,580.43 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ.

ދެން އެންމެ ގިނައިން ފައިސާ ލިބެނީ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އަށެވެ. އެ ޕާޓީގައި 36,223 މެމްބަރުން ތިބި އިރު، 10,491,054.20 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ.

ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގައި 28,201 މެމްބަރުން ތިބި އިރު، އެ ޕާޓީއަށް ދޭން ހަމަޖެހިފައިވަނީ 8,072,689.58 ރުފިޔާއެވެ. ޖުމްހޫރީ ޕާޓީގައި 18,349 މެމްބަރުން ތިބި އިރު، އެ ޕާޓީއަށް 5,314,312.83 ރުފިޔާ ދިނުމަށް ހަމަޖެހިފައިވެއެވެ.

އެންމެ މަދުން ލިބެނީ އަދާލަތު ޕާޓީ އާއި މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) އަށެވެ. އަދާލަތު ޕާޓީގައި 8,796 މެމްބަރުން ތިބި އިރު، އެ ޕާޓީއަށް 2,547,533.69 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ. އެމްޑީއޭގައި 8,555 މެމްބަރުން ތިބި އިރު، އެ ޕާޓީއަށް ދޭން ހަމަޖެހިފައިވަނީ 2,477,734.28 ރުފިޔާއެވެ.



ގާނޫނުގައިވާ ގޮތުން ސިޔާސީ ޕާޓީތަކުގެ ތެރެއިން ދައުލަތުގެ ބަޖެޓުން ދޭ ފައިސާ ލިބެނީ 10000 މެމްބަރުން ހަމަވާ ޕާޓީތަކަށެވެ. އެގޮތުން މިއަހަރަށް ލަފާކުރި ބަޖެޓް ފާސްކުރުމާ ހަމައަށް 6 ސިޔާސީ ޕާޓީއެއްގައި 10 ހާސް މެމްބަރުން ހަމަވާކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ.

ރާއްޖޭގައި އުފައްދާފައިވާ ސިޔާސީ ޕާޓީތަކުގެ ތެރެއިން މި ލިސްޓުގައި ނުހިމެނެނީ އެމްއެންޕީ، އެމްޓީޑީ، އެމްއާރުއެމް އަދި ދަ ޑިމޮކްރެޓްސްއެވެ.

ސިޔާސީ ޕާޓީތަކުގެ ޤާނޫނުގައިވާ ގޮތުން ސިޔާސީ ޕާޓީތަކުގެ ތެރެއިން ދައުލަތުގެ ބަޖެޓުގެ 0.01 އިންސައްތަ ފައިސާ ސިޔާސީ ޕާޓީތަކަށް ދޫކުރަންޖެހެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން