ރާއްޖޭގައި ކޮންޓްރޯލް ކޮށްފައިވާ ބައްޔެއް ކަމަށްވާ ހޯއްގޮވާ ކެއްސުމަށް ގއ. ވިލިނގިލިން މި މަހު ތިން ކުއްޖަކު ޕޮޒިޓިވް ވެއްޖެ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ އެޗްޕީއޭއިން މިއަދު ބުނީ 3 ކުއްޖަކު ހޯއްގޮވާ ކެއްސުމަށް ޕޮޒިޓިވްވުމާ ގުޅިގެން އައިޖީއެމްއެޗާއި ގއ. އަތޮޅު ހޮސްޕިޓަލް ގުޅިގެން ކޮންޓެކްޓް ޓްރޭސިން ހަދާފައިވާ ކަމަށެވެ.

އަދި އެ ބައްޔަށް ޕޮޒިޓިވްވި ކުދިންގެ ކޮންޓެކްޓުންގެ ތެރޭގައި ހިމެނޭ އެއް އަހަރުން ދަށުގެ ކުދިންނާއި މާބަނޑު މީހުންގެ ތެރެއިން ބަނޑަށް ހަ މަސްވެފައިވާ މީހުންނަށް އެންޓިބަޔޮޓިކް ޕްރޮފައިލެކްސިސް ދީފައިވާ ކަމަށް އެޗްޕީއޭއިން މަޢުލޫމާތުދެއެވެ.

ހޯއްގޮވާ ކެއްސުން ފެނުމާ ގުޅިގެން ގއ. އަތޮޅު ހޮސްޕިޓަލުން އެކަމަށް ހާއްސަ ޓާސްކްފޯހެއް އެކުލަވާލައި، ބަލި ކޮންޓްރޯލް ކުރުމުގެ މަސައްކަތް ރަށުގެ މުއައްސަސާތަކާ ގުޅިގެން މިހާރު ކުރަމުންދާކަމަށް އެޗްޕީއޭ އިން ހާމަކޮށްފައިވެއެވެ.

ނޭވާލާ ނިޒާމުގެ ޒަރީޢާއިން ފެތުރޭ ހޯއްގޮވާ ކެއްސުމުގެ ޢަލާމާތްތަކުގެ ތެރޭގައި ނޭފަތް ބެދުމާއި ނޭފަތުން ފެން ފޭބުމާއި ހުން އައުމާއި ކުޑަކޮށް ކެއްސުން ހިމެނެ އެވެ. އަދި ބަލި ޖެހޭތާ ހަފުތާއެއްހާ ދުވަސް ފަހުން ވަރަށް ބޮޑަށް ކެއްސާއި މި ކެއްސުން ދިގު މުއްދަތަކަށް ދިގުލައިގެން ދިއުންވެސް ހިމެނެއެވެ.

އޭގެ އިތުރުން ބައެއް ކުދިން ކެއްސުމަށް ފަހު ނޭވާލާއިރު، އަޑެއް (ހޯއް ގޮވުން) އިވުމާއި ތުއްތު ކުދިން ކެއްސުމުގެ ބަދަލުގައި ދޭތެރެދޭތެރެއިން ވަގުތުކޮޅަކަށް ނޭވާ ހުއްޓުމަކީވެސް މި ބަލި ޖެހުމުން ދިމާވެދާނެ ކަމެކެވެ.

އެޗްޕީއޭ އިން ބުނީ މި ބަލިން ރައްކާތެރިވުމަށް ގަވާއިދުން ވެކްސިން ދޭން ފެށުމުން މި ބަލި ރާއްޖޭގައި ކޮންޓްރޯލް ކުރެވިފައިވާ ކަމަށެވެ. ނަމަވެސް، މި ބަލީގެ ކޭސްތައް ވަރަށް މަދުން ރާއްޖެއިން ފެންނަ ކަމަށް އެ އެޖެންސީން ބުންޏެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން