އިސްލާމިކް މިނިސްޓްރީގެ ކުރީގެ ޕާމަނަންޓް ސެކްރެޓަރީ މުޞްޢަބު ޢަބްދުﷲއަށް 1.1 މިލިއަން ރުފިޔާ ބަދަލުގެ ގޮތުގައި ދިނުމަށް ސިވިލް ސަރވިސް ކޮމިޝަނަށް ހައިކޯޓުން އެންގި އަމުރު، ބާތިލުކޮށް، އޭނާ ވަޒީފާއިން ވަކިކުރީ ގޯސްކޮށް ކަމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމް ކޮށްފިއެވެ.

އިސްލާމިކް މިނިސްޓްރީގެ ޕީއެސްގެ މަގާމަށް 25 ޖުލައި 2017 ގައި އައްޔަން ކުރި މުސްޢަބު ސަސްޕެންޑު ކުރީ މެއި 2019 ގައެވެ. މުސްޢަބް ވަޒީފާ އިން ސަސްޕެންޑް ކުރީ އިސްލާމިކް މިނިސްޓްރީގެ ސިއްރު ލިޔުމެއް ޓްވިޓާ މެދުވެރިކޮށް ލީކު ކުރިކަމަށް ބުނެއެވެ. އެއީ މުސްޢަބާއި އިތުރު މީހަކު ގުޅިގެން އެ މިނިސްޓްރީގެ ފައިސާއަށް ހިޔާނާތްތެރިވި ކަމަށް ބުނާ މައްސަލައެއް އޭސީސީން ތަހުގީގުކޮށް މިނިސްޓްރީއަށް އޭސީސީން މައްސަލަ ނިންމައި ފޮނުވި ސިޓީއެކެވެ.

ގިނަ ދުވަސްތަކެއްވަންދެން ސަސްޕެންޝަނުގައި ބެހެއްޓުމަށްފަހު، މުޞްޢަބު މަޤާމުން ވަކިކުރީ 2019 ސެޕްޓެމްބަރު މަހުގައެވެ. އެ މައްސަލާގައި ވަޒީފާ އިއާދަކުރުމާ ހަމައަށް ލިބެންޖެހޭ މުސާރައާއި އިނާޔަތްތައް ހޯދަން ސިވިލް ކޯޓުގައި މުސްޢަބު ދަޢުވާކުރުމުން 2020 ވަނަ އަހަރު ސިިވިލް ކޯޓުން ޙުކުމްކުރީ މުޞްޢަބު މަޤާމުން ވަކިކުރީ ޤާނޫނާ ޚިލާފަށްކަމަށް ސާބިތުނުވާ ކަމަށެވެ.

އެހެންނަމަވެސް މުސްޢަބުގެ ފަރާތުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކުރުމުން އެ ކޯޓުން 2022 ވަނަ އަހަރުގެ އޯގަސްޓު މަހުގެ 28 ވަނަ ދުވަހު ކުރި ޙުކުމުގައި ބުނެފައިވަނީ މުޞްޢަބު މަޤާމުން ވަކިކުރީ ޤާނޫނާ ޚިލާފަށްކަމަށް ސާބިތުވާ ކަމަށެވެ. އެހެންކަމުން މުޞްޢަބު މަޤާމުން ވަކިކުރުމަށްފަހު އެ މަޤާމަށް އެހެން މީހަކު އައްޔަންކޮށްފައިވާތީ ހޯދައިދެވެންއޮތް ހައްލަކީ ބަދަލު ނަގައިދިނުން އެކަނި ކަމަށާއި، ބަދަލުގެ ގޮތުގައި 1.1 މިލިއަން ރުފިޔާ ދިނުމަށް ހައިކޯޓުގެ ހުކުމުގައި ނިންމަވާފައިވެއެވެ.

ނަމަވެސް، ހައިކޯޓުގެ ޙުކުމް ސިވިލް ސާވިސް ކޮމިޝަނުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމުން ސުޕްރީމް ކޯޓުން މިއަދު އިއްވި ޙުކުމުގައި ބުނެފައިވަނީ މުސްޢަބުގެ މައްޗަށް މައިގަނޑު 3 ތުހުމަތެއް ކުރެވި ތަހުގީގުކޮށްފައިވާއިރު، ވަޒީފާއިން ވަކިކުރި ޗިޓުގައި އޭގެ ތެރެއިން އެންމެ ކަމެއް ހިމަނާފައިވުމުން، އޭނާ ވަޒީފާއިން ވަކިކޮށްފައިވަނީ ދެން ހިމެނޭ ތުހުމަތުތައްވެސް އޭނާގެ މައްޗަށް ކުރެވޭތީކަމަށް ބެލެވެން ނެތްކަމަށެވެ. ހަމައެއާއެކު އޭނާ ހާމަކުރި ލިއުމަކީ ދައުލަތުގެ ސިއްރު ލިއުމެއްކަމަށް ބަލަންޖެހޭ އެއްވެސް ހެއްކެއް ސިވިލް ސަރވިސް ކޮމިޝަނުން ހުށަހަޅާފައި ނެތްކަމަށް ޙުކުމުގައިވެއެވެ.

އެހެންކަމުން އޭނާއާމެދު އެންމެ ހަރުކަށި ފިޔަވަޅު ކަމުގައިވާ ވަޒީފާއިން ވަކި ކުރުމުގެ ފިޔަަވަޅު އަޅާފައިވަނީ މައުޟޫއީ އަދުލުވެރިކަން ޤާއިމު ނުކޮށްކަމަށް ދެކޭކަމަށް ސުޕްރީމް ކޯޓުން ވަނީ ނިންމާފައެވެ.

އޭގެ އިތުރުން މުސްޢަބު ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި އެއްބަސްވުުމުގެ ބާކީ މުއްދަތަށް ލިބެންޖެހޭ ފައިސާ ހޯދުމަށް އެދިފައިނުވާތީ އާއި ހަމައެކަނި އެދިފައިވަނީ ވަޒީފާ އިޔާދަ ކޮށްދިނުމަށްކަމަށް ވާތީ މުސްއަބުގެ ފަރާތުން ގެއްލުމުގެ ބަދަލު ހޯދުމުގެ ވަކި މައްސަލައެއް ކޯޓަށް ހުށަހެޅިދާނެކަމަށާއި، މުސްއަބަށް 1.1 މިލިއަން ރުފިޔާ ދޭން ސީއެސްސީގެ މައްޗަށް ހައިކޯޓުން ކުރި އަމުރު ބާތިލުކުރުމަށް ސުޕްރީމް ކޯޓުން ވަނީ ނިންމާފައެވެ.

ސުޕްރީމް ކޯޓުގައި މި މައްސަލަ ބައްލަވާފައިވަނީ ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދާއި، ފަނޑިޔާރު މަހާޒް އަލީ ޒާހިރާއި، ފަނޑިޔާރު ޑރ އަޒްމިރަލްދާ ޒާހިރެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން