ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރ އައިޝަތު ނަހުލާ
ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރ އައިޝަތު ނަހުލާ
ދާއިރާ އާއި ޤައުމުގެ އެންމެހާ ރައްޔިތުންނަށް އިޚްލާޞްތެރި، ވަފާތެރި މެންބަރަކަށް ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރ އައިޝަތު ނަހުލާ ވާނެކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ޤާސިމް މިމޭރުމުން ވިދާޅުވެފައިވަނީ ވިހިވަނަ ރައްޔިތުންގެ މަޖިލީހުގައި ހުޅުމާލެ ދެކުނު ދާއިރާ ތަމްސީލުކުރެއްވުމަށް އެ ދާއިރާއަށް ކުރިމަތިލައްވާނެކަން ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރ އަދި ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އާޢިޝަތު ނަހުލާ (އަޢިޝާ) އިޢުލާންކުރެއްވުމާ ގުޅިގެންނެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މަޖިލީހުގެ މާމިގިލި ދާއިރާގެ މެންބަރު ޤާސިމް އިބްރާހިމްގެ އަނބިކަނބަލުން އައިޝާ، މަޖިލީހަށް ނިކުންނެވީ ދިވެހިރާއްޖޭގެ ސިޔާސީ މައިދާނުގައި އަންހެނުންގެ ބާރުވެރިކަން އިތުރުކޮށް، މަދަނީ، އިގްތިޞާދީ އަދި އިޖްތިމާއީ ކަންކަމުގައި އަންހެނުންގެ ދައުރު ފުޅާކޮށް، ފުރުޞަތުތައް ފަހިކުރުމުގެ މަތިވެރި ޢަޒުމުގައި ކަމަށް ޤާސިމް ވިދާޅުވިއެވެ.

ޤާސިމް ވިދާޅުވީ ޤާނޫނުހަދާ މަޖިލީހަކީ، އެމަޖިލީހަކަށް ތަޖްރިބާއާއި ހިކުމަތްތެރި، ވިސްނުންތެރި އަމާނާތްތެރިން އިންތިޚާބު ކުރާން ޖެހޭ ތަނެއް ކަމަށެވެ. އެހެންކަމުން ހުޅުމާލޭ ދެކުނު ދާއިރާގެ ރައްޔިތުންގެ ތާއީދާއި އެއްބާރުލުން ޢައިޝާއަށް ދެއްވުމަށް ޤާސިމްވަނީ އެދިވަޑައިގެންފައެވެ.

“ދާއިރާ އާއި ދިވެހި ޤައުމުގެ އެންމެހާ ރައްޔިތުންނަށް އިޚްލާޞްތެރި، ވަފާތެރި މެންބަރެއްކަމުގައި އަޅުގަނޑުމެންގެ ކެނޑިޑޭޓް ވާނެ ކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ.” ޤާސިމް ވިދާޅުވިއެވެ.



އައިޝާ ސިޔާސީ މައިދާނަށް ނިކުންނެވީ ކުރީގެ ރައީސް ޔާމީން ޢަބްދުލް ޤައްޔޫމްގެ ސަރުކާރުގައި އެކަމަނާގެ ފިރިކަލުން ގާސިމާއި ގާސިމްގެ ދަރިކަލުން އިބްރާހިމް ސިޔާދު ގާސިމް ކުށެއްނެތި ޖަލަށްލައިގެން ކުރި އަނިޔާތަކާއި ގުޅިގެންނެވެ.

އެއަށްފަހު، އައިޝާ ވަނީ 2018 ވަނަ އަހަރު އުފެދުނު ސަރުކާރުގައި ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ކެބިނެޓްގައި ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން މިނިސްޓަރުގެ މަޤާމް އަދާކުރައްވާފައެވެ. އެކަމަނާއަކީ ރާއްޖޭގެ ތާރީހުގައިވެސް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާބެހޭ ވުޒާރާ ހިންގެވި ފުރަތަމަ އަންހެން ވަޒީރެވެ.

އަޢިޝާ ވަނީ 2023 ވަނަ އަހަރު ޖުމްހޫރީ ޕާޓީގެ ފުރަތަމަ އަންހެން ޑެޕިއުޓީ ލީޑަރުކަމުގެ ޝަރަފްވެސް ހޯއްދަވާފައެވެ.

މީގެއިތުރުން އެކަމަނާއަކީ އިޖްތިމާއީ އަދި އިންސާނީ ހައްގުތައް ރައްކާތެރިކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރައްވާ ބޭކަނބަލެކެވެ. އެގޮތުން، އައިޝާ ދަނީ އެސޯސިއޭޝަން ފޯ ސޯޝަލް ބެނެފިޓްސް އެންޑް އެއިޑް (އަސްބާ)ގެ ނަމުގައި ޖަމްޢިއްޔާއެއް އުފައްދަވާ ޖަމިއްޔާގެ ފަރާތުން މުޖުތަމައުގެ ދުޅަހެޔޮކަމަށް އެތައް މަސައްކަތެއް ކޮށްދެއްވަމުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ ގޮނޑިއަށް ވާދަކުރައްވަން އެކަމަނާ ނިންމެވީ ހުޅުމާލެ ދެކުނު ދާއިރާގެ ރައްޔިތުންގެ އަޑު އުފުލައި ދާއިރާގެ ރައްޔިތުންނަށް ކުރިމަތިވަމުން އަންނަ ދަތިތަކަށް ހައްލު ހޯދައިދެއްވުމަށް ބޭނުންވާ މުހިންމު ހިދުމަތްތައް ސަރުކާރާއި ގުޅިގެން ގާނޫނު ހަދާ މަޖިލީހުގެ ތެެރެއިން ކޮށްދިނުމަށްޓަކައި ކަމަށް އައިޝާ ވިދާޅުވިއެވެ. އެހެންކަމުން، މި ގޮނޑި ކާމިޔާބުކުރުމަށް ދާއިރާގެ ރައްޔިތުންނާއި ހެޔޮއެދޭ ފަރާތްތަކުގެ އެއްބާރުލުން ދެއްވުމަށް އެކަމަނާ ވަނީ އެދިވަޑައިގެންފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން