ބައެއް ވަޒީރުންނަށް ރުހުން ނުދިނުމަށް ޑިމޮކްރެޓުން ނިންމައިފިއެވެ.

ޑިމޮކްރެޓުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެޕާޓީން ނުހަނު ކަންބޮޑުވާ ސިޔާސަތުތަކެއް ރައީސް މުއިއްޒުގެ ސަރުކާރުން ގެންގުޅުއްވަމުން ގެންދަވާކަން ފާހަގަކުރެވޭ ކަމަށެވެ.

އޭގެ އިތުރުން ސަރުކާރު އަމަލުކުރަމުންދާ ގޮތްތައް ގާތުން ބަލައި ސަރުކާރާއި ކެބިނެޓްގެ ވަޒީރުން ޖަވާބުދާރީކުރުވުމަކީ ރައްޔިތުންގެ މަޖިލީހުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނޭ ކަމެއްކަން ޑިމޮކްރެޓުންގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. އަދި އިދިކޮޅު ޕާލަމެންޓްރީ ގްރޫޕެއްގެ ގޮތުން ޑިމޮކްރެޓުންގެ ޕާލަމެންޓްރީ ގްރޫޕުން އަމަލުކުރާނީ ފުރިހަމަ ޒިންމާދާރުކަމާއި ތެދުވެރިކަމާ އެކުގައި ކަމަށްވެސް ޑިމޮކްޜެޓުންގެ ބަޔާނުގައި ބުނެފައިވެއެވެ.

"މި ސަރުކާރުގެ ކެބިނެޓްގެ ބައެއް ވަޒީރުންނަށް ރުހުން ނުދިނުމަށް ދަ ޑިމޮކްރެޓްސްގެ ޕާލަމެންޓްރީ ގްރޫޕުގެ ބައްދަލުވުމުގެ މަޝްވަރާއަށް ފަހު އިއްތިފާގުން ވަނީ ނިންމާފައެވެ." ޑިމޮކްރެޓުންގެ ބަޔާނުގައިވެއެވެ.

ހަމައެއާއެކު ވަޒީރުންނަށް ރުހުން ދިނުމުގައި އިދިކޮޅު ޕާލަމެންޓްރީ ގްރޫޕެއްގެ ގޮތުން ޑިމޮކްރެޓުންގެ ޕާލަމެންޓްރީ ގްރޫޕުން އަމަލުކުރާނީ ފުރިހަމަ ޒިންމާދާރުކަމާއި ތެދުވެރިކަމާ އެކުގައި ކަމަށް އެޕާޓީން ވަނީ ހާމަކޮށްފައެވެ.

މީގެ ކުރިން އެމްޑީޕީއާއެކު ބޭއްވި މަޝްވަރާތަކަކަށްފަހު ޑިމޮކްރެޓުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ރައްޔިތުންގެ މަޖިލީހަކީ ސަރުކާރުން އަމަލުކުރަމުން އަންނަގޮތް ރަނގަޅުކުރުމަށާއި، ގައުމާއި ރައްޔިތުންގެ ތަނަވަސްކަމާއި ގުޅިފައިވާ އެންމެހާ ކަންކަން ސީދާ މަގަށް އެޅުވުމަށް މުހިންމު ދައުރެއް އަދާކުރާ ދައުލަތުގެ ބާރެއް ކަމަށެވެ. އެހެންކަމުން ސަރުކާރު ޖަވާބުދާރީ ކުރުވުމުގައި ދެމިއޮންނާނެކަމަށް ޑިމޮކްރެޓުން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން