ވަޒީރުންގެ މަޖިލީހަށް ރުހުން ނުދިނުމަކީ ގައުމު އިނދަޖައްސާލުން ފަދަ ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓުގައި ހިމެނިވަޑައިގަންނަވާ 22 ވަޒީރުންނަށް ރުހުން ދިނުމަށް މިއަދު މެންދުރު 1:30 ގައި ވޯޓަށް އަހަން މަޖިލީހުގައި ވަނީ ތާވަލުކޮށްފައެވެ.

މަޖިލީހުގެ ކޮމިޓީން ނިންމާފައި ވަނީ ހުރިހާ ވަޒީރުންނަށް ވެސް ރުހުން ދިނުމަށެވެ. ނަމަވެސް، ތަޅުމުގައި ވޯޓު ނަގަން ހުށަހަޅާފައި ވަނީ ކޮންމެ މިނިސްޓަރަކަށް ވަކިވަކިންނެވެ.

ކޮމިޓީ ރިޕޯޓަށް ބަހުސް ކުރަށްވަމުން ޤާސިމް މިއަދު ވިދާޅުވީ، ރައީސް ފޮނުއްވި ކެބިނެޓަށް ރުހުން ދިނުމަށް ކޮމިޓީން ނިންމާފައި ވާއިރު، އެއީ ކެބިނެޓަށް ރުހުން ދޭން ޖެހޭ ސަބަބެއް ކަމަށެވެ. އޭގެއިތުރުން މިހާތަނަށް އައި ހުރިހާ ސަރުކާރެއްގައި ވެސް ފުރަތަމަ ހުށައަޅާ ކެބިނެޓަށް ރުހުން ދީފައިވާކަން ޤާސިމް ފާހަގަ ކުރެއްވިއެވެ.

"ވަޒީރަކު ވަކި ކުރަނީ ފަހުން މައްސަލައެއް ކުރިމަތިވެއްޖެ ނަމަ، އެ މައްސަލައެއް ބެލުމަށް ފަހު. ކެބިނެޓަށް ރުހުން ނުދިނުމަކީ ގައުމު އިނދަޖައްސާލުން ފަދަ ކަމެއް." ޤާސިމް މިއަދު ވިދާޅުވިއެވެ.

ޤާސިމް ވިދާޅުވީ، ރައްޔިތުން އާސަރުކާރެއް އިންތިހާބު ކުރީ ކުރިން ސަރުކާރުގައި ތިއްބެވި ބޭފުޅުންނަށް އިތުބާރު ނެތުމުން ކަމަށެވެ.

ޤާސިމް މިމޭރުމުން ވިދާޅުވެފައިވާއިރު ރައީސް މުޢިއްޒުގެ ކެބިނެޓުގެ ހުރިހާ ވަޒީރުންނަށް ރުހުން ނުދިނުމަށް ޑިމޮކްރެޓުންވަނީ ނިންމާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން