ޢަދާލަތު ޕާޓީގެ ރައީސް އަދި ކުރީގެ ހޯމް މިނިސްޓަރ އިމްރާން
ޢަދާލަތު ޕާޓީގެ ރައީސް އަދި ކުރީގެ ހޯމް މިނިސްޓަރ އިމްރާން
ޢަދާލަތު ޕާޓީން މަކުނުދޫ ދާއިރާގެ މަޖިލީހުގެ ޓިކެޓް އެޕާޓީގެ ރައީސް އަދި ކުރީގެ ހޯމް މިނިސްޓަރ އިމްރާނަށް އަރުވައިފިއެވެ.

ޢަދާލަތު ޕާޓީން މިއަދު ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ، މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ޢަދާލަތު ޕާޓިގެ ޓިކެޓުގައި ވާދަކުރުމަށް 4 ފަރާތެއް ކަނޑައަޅާފައިވާ ކަމަށެވެ.

އެގޮތުން އެފަރާތްތަކަށް ޕާޓީގެ ޓިކެޓު ދިނުމަށް ޢަދާލަތު ޕާޓީގެ 3 ވަނަ ދައުރުގެ މަޝްވަރާ މަޖިލީހުގެ 33 ވަނަ ބައްދަލުވުމުން ފާސްކޮށްފައިވާކަމަށް ޢަދާލަތުން ވަނީ ބުނެފައެވެ.

ޢަދާލަތު ޕާޓީން އާންމުކޮށް ހުޅުވާލައިގެން އެޕާޓީގެ ޓިކެޓަށް އެދުމުގެ ފުރުސަތު ހުޅުވާލި ދާއިރާތަކަކީ، ވައިކަރަދޫ ދާއިރާ އާއި، މަކުނުދޫ ދާއިރާ އާއި، އިނގުރައިދޫ ދާއިރާ އަދި ފުނަދޫ ދާއިރާއެވެ.

ވައިކަރަދޫ ދާއިރާއަށް ޢަދާލަތު ޕާޓީން ވާދަކުރަށްވަނީ ޙުސައިން ޘަޤީފް ހިސާނެވެ. މަކުނުދޫ ދާއިރާއަށް ކުރީގެ ވަޒީރު އިމްރާން ވާދަކުރަށްވާއިރު، ފުނަދޫ ދާއިރާއަށް އެޕާޓީން ވާދަކުރަށްވަނީ އިސްމާޢީލް ޙަމީދެވެ. އަދި އިނގުރައިދޫ ދާއިރާއަށް އިސްމާޢީލް ޢަލީ ވާދަ ކުރަށްވާނެކަން އެޕާޓީން ވަނީ އިޢުލާނު ކޮށްފައެވެ.

އަދާލަތު އުފެދުނީއްސުރެ މިހާތަނަށް އެ ޕާޓީއަށް ކާމިޔާބު ކުރެވުނީ މަޖިލީސް އިންތިހާބުގެ އެންމެ ގޮނޑި އެކެވެ. އެއީ 2014 ވަނަ އަހަރު ޑރ. އަނާރާ ނައީމް ކާމިޔާބު ކުރެއްވި މަކުނުދޫ ދާއިރާގެ މަޖިލީސް ގޮނޑިއެވެ.

އަދާލަތު ޕާޓީއަކީ ނިމިދިޔަ އެމްޑީޕީ ސަރުކާރުގެ ބައިވެރިއެކެވެ. މަޖިލީސް އިންތިޚާބުގެ ހުރިހާ ގޮނޑިއަކަށް ވާދަކުރުމުގެ ޝައުޤުވެރިކަން ހުރިކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން