ޒާތީ ގޮތުން ކުރާ ކަންކަމުން މި ސަރުކާރު ބަލިކަށި ނުކުރެވޭނެ ކަމަށް ބަންޑާރަނައިބު އަލްއުސްތާޛު އަޙްމަދު އުޝާމް ވިދާޅުވެއްޖެއެވެ.

އުޝާމް މިމޭރުމުން ވިދާޅުވެފައިވާއިރު އުޝާމަށް ރުހުން ނުދިނުމަށް އެމްޑީޕީ އާއި ޑިމޮކްރެޓުން މިއަދު ވަނީ ނިންމާފައެވެ.

އެކަމާ ގުޅިގެން އުޝާމް ވިދާޅުވީ، ވަޒީފާގެ ހައިސިއްޔަތުން ޕްރޮފެޝަނަލީ ނިންމާފަ އޮތް އެއްވެސް ނިންމުމަކާ ގުޅިގެން އޭނާއަށް ރުހުން ދޭން ނުޖެހޭ އެއްވެސް ސަބަބެއް ނޯންނާނެ ކަމަށެވެ. އަދި އިދިކޮޅު ޕާޓީތަކުގެ ނިންމުމަކީ ޒާތީކަމެއް ކަމަށް އުޝާމް ވިދާޅުވިއެވެ.

"މިއީ ޒާތީ ކަމެއް. ޒާތީގޮތުން ޖައްސާލާ، ސަރުކާރު ބަލިކަށިކުރުމުގެ ނިޔަތުގަ ކުރާ މިކަހަލަ ކަންކަމުން ސަރުކާރު ބަލިކަށިވެސް ނުކުރެވޭނެ. ރައީސް މުޢިއްޒު ހުންނެވީ ގަދަކޮށް." އުޝާމް ވިދާޅުވިއެވެ.

އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުން މިއަދު ބޭއްވި ބައްދަލުވުމުގައި ރުހުން ނުދިނުމަށް ނިންމާފައިވާ ހަތަރު ވަޒީރުންނަކީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރާއި އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް ޢަލީ ސަޢީދާއި ބަންޑާރަ ނައިބު އަހުމަދު އުޝާމަށެވެ.

އެމްޑީޕީން މިގޮތަށް ނިންމާފައިވާއިރު ޑިމޮކްރެޓުންވެސް ވަނީ ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރާއި އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް ޢަލީ ސަޢީދާއި ބަންޑާރަ ނައިބު އަހުމަދު އުޝާމާއި، ފޮރިން މިނިސްޓަރު މޫސާ ޒަމީރަށް ރުހުން ނުދިނުމަށް ނިންމާފައެވެ.

އިދިކޮޅު ޕާޓީތަކުން މިގޮތަށް ނިންމާފައިވާއިރު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓުގައި ހިމެނިވަޑައިގަންނަވާ 22 ވަޒީރުންނަށް ރުހުން ދިނުމަށް މިއަދު މެންދުރު 1:30 ގައި ވޯޓަށް އަހަން މަޖިލީހުގައި ވަނީ ތާވަލުކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން