މަޖިލީހުގެ ތަޅުމުގައި މެންބަރުން މިއަދު މާރާމާރީ ހިންގީ މަޖިލީހުގެ ރައީސް ހިތްވަރުދެއްވައިގެން ކަމަށް ވެރިކަންކުރާ ކޮންގްރެސް ކޯލިޝަނުން ބުނެފިއެވެ.

ޕީޕީއެމް/ޕީއެންސީން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ މަޖިލީހުގެ ރައީސް ހިތްވަރު ދީގެން މަޖިލީހުގެ މެންބަރުންގެ ގަޔަށް އަތްލާ މާރާމާރީ ހިންގުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.

އިދިކޮޅު ކޯލިޝަނުން ބުނީ ދައުރުން ބޭރުން ބޭއްވި މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކޮންގްރެސް ޕާޓީގެ މެންބަރަކަށް ޙަމަލާދީ އެ މެންބަރުގެ ބޯ ފަޅާލާފައިވާ ކަމަށެވެ.

“މިކަންކަން ހިނގަމުން ދިޔައިރު މިކަން ހުއްޓުވުމަށް އެއްވެސް މަސައްކަތެއް ކުރަށްވާފައި ނުވާއިރު މިކަމަށް މަޖިލީހުގެ ރައީސް ހިތްވަރު ދެއްވުން އެއީ އެއްގޮތަކަށްވެސް ބަލައިގަނެވޭނެ ކަމެއް ނޫނެވެ.” ޕީއެންސީގެ ބަޔާނުގައިވެއެވެ.

ކޮންގްރެސް ކޯލިޝަނުން ވަނީ މަޖިލީހުގައި މިއަދު ހިނގާދިޔަ ހަމަނުޖެހުންތައް ކަމާބެހޭ މުއައްސަސާތަކަށް ހުށައަޅާނެކަމަށްވެސް ބުނެފައެވެ.



ކޮންގްރެސް ކޯލިޝަނުން މިފަދަ ބަޔާނެއް ނެރެފައިވާއިރު މަޖިލީހުގެ ތަޅުމުގައި މިއަދު ހިނގި ހަމަނުޖެހުން ތަކުގައި ކަނޑިތީމު ދާއިރާގެ މެންބަރު ޢަބްދުالله ޝަހީމަށް އަނިޔާވެ އޭނާއަށް ހޮސްޕިޓަލުގައި ވަނީ ފަރުވާދީފައެވެ.

އެހެންކަމުން ކޮންގްރެސް ކޯލިޝަނުން މިހާރުވަނީ މަޖިލީހުގެ ރައީސް އާއި ނައިބުރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ 23 މެންބަރުންގެ ސޮޔާއެކު މަޖިލީހަށް ހުށައަޅާފައެވެ.

މަޖިލީހުގެ މެންބަރުންގެ މެދުގައި ހަމަނުޖެހުން ހިނގާފައިވަނީ މަޖިލީހުގެ މެޖޯރިޓީ ޕާޓީ އެމްޑީޕީ އާއި ޑިމޮކްރެޓުން ބައެއް ވަޒީރުންނަށް ރުހުން ނުދޭން ނިންމުމުން މަޖިލީހުގެ ޖަލްސާއަށް ސަރުކާރު ހިންގާ ކޮންގްރެސް ޕާޓީގެ މެންބަރުން ހުރަސް އެޅުއްވުމާ ގުޅިގެންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން