ތުޅާދޫ ދާއިރާގެ މެންބަރު ޙިސާން ޙުސައިން
ތުޅާދޫ ދާއިރާގެ މެންބަރު ޙިސާން ޙުސައިން
އެމްޑީޕީގެ މެންބަރުން މަޖިލީހުގައި އިއްޔެ ޢަމަލުކުރެއްވީ ނަފްސުގެ ދިފާޢުގައި ކަމަށް ތުޅާދޫ ދާއިރާގެ މެންބަރު ޙިސާން ޙުސައިން ވިދާޅުވެއްޖެއެވެ.

އެމްޑީޕީން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޙިސާން ވިދާޅުވީ މަޖިލީހުގައި އިއްޔެ އެމްޑީޕީގެ މެންބަރުންނަށް އޮތީ ރައްކާތެރި މާހައުލެއް ނޫންކަމަށެވެ. އެގޮތުން މަޖިލީހުގެ އެތެރެއާއި މަޖިލީހުގެ ބޭރުގައިވެސް ރައްކާތެރިކަމުގެ އިޙްސާސް ކުރެވޭނެ މާހައުލެއް މެންބަރުންނަށް ނެތްކަމަށް ޙިސާން ވިދާޅުވިއެވެ.

ޙިސާން ވިދާޅުވީ އިއްޔެ އެމްޑީޕީގެ ބައެއް މެންބަރުންގެ ފަރާތުން ސަރުކާރު ހިންގާ ޕާޓީގެ މެންބަރުންނަށް އަނިޔާވިކަމަށް ބުނާއިރު އެމްޑީޕީގެ މެންބަރުންގެ ޢަމަލުތަކަކީ ނަފަސުގެ ދިފާޢުގައި ހިނގާދިޔަ ކަންތައްތަކެއް ކަމަށެވެ.

އަދި އެމްޑީޕީގެ މެންބަރަކު އިސްވެ އެއްވެސް ހަމަނުޖެހުމެއް ހިންގި މަންޒަރެއް ފެނިވަޑައިގެންފައި ނުވާ ކަމަށް ހިސާން ވިދާޅުވިއެވެ.

"ސަރުކާރުގެ މެންބަރުންގެ ފަރާތުން އެ ކުރިމަތިވި ކަންތައްތައް އެގޮތަށް ކުރިމަތިވީމަ އެމްޑީޕީގެ މެންބަރުންނަށް މަޖުބޫރުވީ ސެލްފު ޑިފެންސްގަ އެ ބޭފުޅުން އެކްޝަން ނަންގަވަން." ހިސާން ވިދާޅުވިއެވެ.

މަޖިލީހުގައި އިއްޔެ ހަމަނުޖެހުން ހިނގީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓުގައި ހިމެނިވަޑައިގަންނަވާ 22 ވަޒީރުންގެ ތެރެއިން ބައެއް ވަޒީރުންނަށް ރުހުން ނުދޭން އިދިކޮޅު އެމްޑީޕީއާއި ޑިމޮކްރެޓުން ނިންމުމާ ގުޅިގެންނެވެ.

އެކަމާ ގުޅިގެން ޕީއެންސީގެ މެންބަރުން މަޖިލީހުގެ ތަޅުން ހިސޯރުކޮށްފައިވާއިރު، މަޖިލީހުގެ ބޭރުގައިވެސް ސަރުކާރަށް ތާއީދުކުރާ ފަރާތްތަކުންވަނީ އިހުތިޖާޖުކޮށްފައެވެ.

އަދި މަޖިލީހުގެ ބައެއް ތަކެއްޗަށް ގެއްލުންލިބި ބައެއް މެންބަރުންނަށް އަނިޔާވެސް ވެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން