ރައީސް ޑރ. މުޢިއްޒު އާއި ނައިބުރައީސް ޙުސައިން
ރައީސް ޑރ. މުޢިއްޒު އާއި ނައިބުރައީސް ޙުސައިން
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޢަޒުލު ކުރުމަށް ހުށައަޅަން އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުން ފާސްކޮށްފިއެވެ.

އެމްޑީޕީން ބުނީ ރައީސް ޑރ. މުއިއްޒު އަޒުލު ކުރުމުގެ މަސައްކަތް ކުރަނީ ދަ ޑިމޮކްރެޓްސްއާ ގުޅިގެން ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ އަޒުލު ކުރުމުގެ ގަރާރު ރައްޔިތުންގެ މަޖިލީހަށް ހުށަޅަން މިހާތަނަށް 34 މެމްބަރަކު ސޮއި ކޮށްފައިވާއިރު ގަރާރު ހުށަހަޅަން ބޭނުން ވަނީ 26 މެންބަރުންގެ ސޮޔެވެ.

އެމްޑީޕީ ޕާލިމެންޓަރީ ގްރޫޕުން މިއަދު ބޭއްވި ބައްދަލުވުމުގައި ޑރ. މުޢިއްޒު ޢަޒުލުކުރުމަށް ހުށައަޅަން ފާސްކޮށްފައިވަނީ ޙާޟިރުވި މެންބަރުންގެ އިއްތިފާޤުންނެވެ.

ރައީސް މުޢިއްޒު ޢަޒުލުކުރުމަށް އެމްޑީޕީން ސޮއި ހަމަކޮށްފައިވާއިރު މަޖިލީހުގެ ޢާއްމު ކޮމިޓީން މިހާރު ވަނީ ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނާއިބު އަޒުލުކުރުން ކުރިއަށް ގެންދިއުމަށް މަޖިލީހުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ މާއްދާތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން ގަވާއިދުގެ 41 ވަނަ ބާބުގެ މާއްދާތަކަށް ގެނެސްފައިވާ ބަދަލުތަކާއެކު ރައީސުލްޖުމްހޫރިއްޔާ އަޒުލުކުރުމުގެ އިޖުރާޢަތު ކުރިއަށް ގެންދިއުމަށް އެމްޑީޕީއަށް ފަސޭހަވެގެން ދާނެއެވެ.

މަޖިލީހުގެ ގަވާއިދުގެ 49 ވަނަ މާއްދާއަށް އާއްމު ކޮމިޓީން ގެނެސްފައިވާ ބަދަލާއެކު މަޖިލީހުގެ އަޣުލަބިއްޔަތު ގުނާގޮތަށް ބަދަލު އަންނާނެއެވެ. އެގޮތުން މަޖިލީހުގެ އުމުރު ހަމަވުމުގެ ކުރިން އެއްވެސް ގޮނޑިއެއް ހުސްވެއްޖެ ނަމަ، އެ ދާއިރާއަށް އަލުން މެންބަރަކު އިންތިހާބު ކުރުމާ ހަމައަށް ޖުމުލަ މެންބަރުން ގުނުމުގައި ގޮނޑި ހުސްވެފައިވާ ދާއިރާއެއް ނުގުނާނެ އެވެ.

އެހެންކަމުން މަޖިލީހުގެ މިހާރުގެ މެންބަރުގެ ޖުމްލަ ޢަދަދަކަށް ބަލާނީ 80 އެވެ. އަދި ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަޒުލުކުރަން ދެން ބޭނުން ވާނީ 54 މެންބަރުންގެ ވޯޓެވެ.

މަޖިލީހުގައި އެމްޑީޕީގެ 56 މެމްބަރުން ތިއްބަވާއިރު މިހާރު ގެނެސްފައިވާ އިސްލާޙުތަކާއެކު މަޖިލީހުގެ ތިން ބައިކުޅަ އެއްބައި މެންބަރުންގެ ސޮޔާއެކު ރައީސުލްޖުމްހޫރިއްޔާ އާއި ނައިބު ރައީސް އަޒުލު ކުރުމުގެ ގަރާރު ލިބޭތާ ދެ ދުވަސްތެރޭގައި އެބޭފުޅުންނަށް ނޯޓިސް ފޮނުވަން ޖެހެއެވެ. އަދި ނޯޓިހުގެ ތާރީހުން ފެށިގެން 14 ދުވަސް ދިނުމަށް ފަހު މައްސަލަ ކުރިއަށް ގެންދަން ޖަލްސާއެއް ބާއްވަން ޤަވާއިދުގައި ކަނޑައަޅާފައިވެއެވެ.

މިފަދަ ޤަރާރެއްގެ ބަހުސްގެ ދިގުމިނަކީ 3 ގަޑިއިރުކަމަށް ކަނޑައަޅާފައި ވާއިރު ރައީސް ނުވަތަ ނައިބު ރައީސަށް ދިފާއުގައި ވާހަކަ ދައްކަވަން ލިބިވަޑައިގަންނަވާނީ 30 މިނެޓެވެ. އެއަށްފަހު ޤަރާރު ފާސްވެއްޖެނަމަ 7 މެމްބަރުންގެ ކޮމިޓީއަކަށް ޤަރާރު ފޮނުވާނެއެވެ.

ކޮމިޓީން ބަލާނީ ޤަރާރުގައިވާ މައްސަލައަކީ ޤާނޫނު އަސާސީގެ 100 ވަނަ މާއްދާގައި ކަނޑައަޅާފައިވާ ހާލަތުންކުރެ ހާލަތަކަށް ފެތޭ މައްސަލައެއްތޯއާއި މައްސަލައިގައި ލިބެން ހުރި ހެކިތަކަށެވެ. އެކަންކަމަށް ބެލުމަށްފަހު ފަސް ދުވަސްތެރޭގައި މައްސަލަ ތަހުގީގުކޮށް ރިޕޯޓު މަޖިލީހުގެ ރައީސަށް ފޮނުވުމަކީ ކޮމިޓީގެ ޒިންމާއެކެވެ.

އަދި ރިޕޯޓާމެދު ގޮތެއް ނިންމަން މަޖިލީހުގެ ޖަލްސާއެއް ބާއްވަން ޖެހެނީ މަޖިލީހުގެ ރައީސަށް ރިޕޯޓު ލިބޭތާ ދެ ދުވަސްތެރޭގައެވެ.

ރައީސް ނުވަތަ ނައިބު ރައީސް މަގާމުން ވަކިކުރަން ކޮމިޓީން ނިންމާ ހާލަތެއްގައި، އެ ބޭފުޅުން މަގާމުން ވަކިވާނީ މަޖިލީހުގެ ޖުމުލަ މެންބަރުންގެ ތިންބައިކުޅަ ދެބައިގެ އަޣުލަބިއްޔަތުން ފާސްކުރުމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން