ޣައްސާނާއި މޫސާ ޒަމީރާއި އިޙްސާން
ޣައްސާނާއި މޫސާ ޒަމީރާއި އިޙްސާން
ޑިފެންސް މިނިސްޓަރ ޣައްސާނާއި ފޮރިން މިނިސްޓަރ މޫސާ ޒަމީރާއި ހޯމްލޭންޑް މިނިސްޓަރ އިޙްސާނަށް މަޖިލީހުން ރުހުންދީފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓުގައި ހިމެނިވަޑައިގަންނަވާ 22 ވަޒީރުންނަށް ރުހުން ދިނުމަށް އިއްޔެ ބޭއްވި ޖަލްސާގައި އެކި ފަހަރުމަތިން ވޯޓު ނެގުމަށް މަސައްކަތް ކުރި ނަމަވެސް ވެރިކަންކުރާ ޕާޓީގެ މެންބަރުން އެކަމަށް ހުރަސް އެޅުމުން ވޯޓަށް އެހިފައެއް ނުވެއެވެ.

ނަމަވެސް މިހާރު ކުރިއަށްދާ މަޖިލީހުގެ ޖަލްސާގައި ވަޒީރުންނަށް ރުހުން ދިނުމުގެ މަސައްކަތް ކުރިއަށް ގެންދާއިރު މުހިންމު ވުޒާރާތައް ކަމަށްވާ ދިފާޢީ ވުޒާރާ އަށާއި ޚާރިޖީ ވުޒާރާ އަށާއި ދާޚިލީ ވުޒާރާގެ އިތުރުން ތަޢުލީމީ ވުޒާރާއާއި އިޤްތިޞާދީ ވުޒާރާ އާއި މާލީ ވުޒާރާގެ ވަޒީރުންނަށް މަޖިލީހުން ވަނީ ރުހުން ދީފައެވެ.

އެގޮތުން ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫނަށް ރުހުން ދިނުމަށް ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 71 މެމްބަރުންގެ އިއްތިފާގުންނެވެ. ފޮރިން މިނިސްޓަރު މޫސާ ޒަމީރަށް ރުހުން ދޭން ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 70 މެމްބަރުންގެ އިއްތިފާގުންނެވެ.

އަދި މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ އަލީ އިހުސާނަށް ރުހުން ދިނުމަށް ފާސްވީ 68 މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ. އޭނާއަށް ރުހުން ދޭން ނުފެންނަ ކަމަށް އެއް މެމްބަރަކު ވޯޓު ދެއްވިއެވެ.

ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގަށް ރުހުން ދިނުމަށް ފާސްވީ މަޖިލީހުގެ 70 މެމްބަރުންގެ އިއްތިފާގުންނެވެ. އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު އަށް ރުހުން ދޭން ފެންނަ ކަމަށް 55 މެމްބަރުން ވޯޓު ދެއްވާފައި ވެއެވެ. އޭނާ އަށް ރުހުން ދޭން ނުފެންނަ ކަމަށް ނުވަ މެމްބަރުން ވޯޓު ދެއްވިއެވެ. އަދި ވަކި ގޮތަކަށް ވޯޓު ނުދެއްވާ އެއް މެމްބަރަކު އިންނެވި އެވެ.

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދަށް ރުހުން ދޭން ފެންނަ ކަމަށް 37 މެމްބަރުން ވޯޓު ދެއްވާފައިވާއިރު ސައީދަށް ރުހުން ދޭން ނުފެންނަ ކަމަށް ވޯޓު ދެއްވީ 32 މެމްބަރުންނެވެ.

މިނިސްޓަރ ސަޢީދަކީ އެންމެ މަދު މެންބަރުންގެ ވޯޓު ލިބިގެން މަޖިލީހުގެ ރުހުން ލިބުނު ވަޒީރެވެ.

މިއަދުގެ ޖަލްސާގައި ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުގެ ވަޒީރުންގެ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ 22 ބޭފުޅުންގެ ތެރެއިން 19 ބޭފުޅަކަށް ވަނީ ރުހުން ދީފައެވެ. މަޖިލީހުން ރުހުން ލިބިފައިނުވަނީ އިސްލާމިކް މިނިސްޓަރ ޑރ. ޝަހީމާއި ހައުސިންގ މިނިސްޓަރ ޑރ. ހައިދަރާއި ބަންޑާރަނާއިބު އަޙްމަދު އުޝާމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން