ރައްޔިތުންގެ މަޖިލީހުން ރުހުން ނުދިން ވަޒީރުންތަކެއް އަލުން މަޤާމަށް އައްޔަންކުރުމަކީ ގާނޫނުއަސާސީގެ ހުރުމަތްކަނޑާލުން ކަމަށް ދަ ޑިމޮކްރެޓްސް އިން ބުނެފިއެވެ.

ރައްޔިތުންގެ މަޖިލީހުން އިއްޔެ ރުހުން ލިބިވަޑައިނުގަތް ވަޒީރުން އަލުން މަޤާމަށް ޢައްޔަނު ކުރެއްވުމާ ގުޅިގެން ޑިމޮކްރެޓުން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ، ރައްޔިތުންގެ މަޖިލީހުން ރުހުން ނުދިން ވަޒީރުންތަކެއް އަލުން މަޤާމަށް އައްޔަންކުރުމަކީ ގާނޫނުއަސާސީގެ ހުރުމަތްކަނޑާލުން ކަމަށެވެ. އަދި މަޖިލީހުގެ ރުހުން ހޯދުމަށްޓަކައި އެ ވަޒީރުންގެ ނަންތައް އަލުން އަނބުރާ މަޖިލީހަށް ނުފޮނުވޭނެ ކަމަށް ޑިމޮކްރެޓުން ވަނީ ބުނެފައެވެ.

އޭގެ އިތުރުން ދަޢުލަތުގެ ބަންޑާރަނާއިބަށް މިވަގުތު ދަޢުލަތް ތަމްސީލު ނުކުރެވޭނެ ކަމަށާއި، އެއީ ބަންޑާރަނާއިބަށް މަޖިލީހުގެ ރުހުން ނެތުމުން ކަމަށްވެސް ޑިމޮކްރެޓުންގެ ބަޔާނުގައިވެއެވެ.

"ރައްޔިތުންގެ މަޖިލީހުން ރުހުން ނުދިން މީހަކު ބަންޑާރަނައިބުގެ ހައިސިއްޔަތާ އަމިއްލަ ޒާތީ ތައައްސުބުގެ ދެމެދުގައި ތާށިވެ ހުރެގެން، ގާނޫނުއަސާސީގެ އިންތަކާ މިންތަކުން ބޭރުން ގާނޫނީ ލަފަޔާއި ރައުޔުތައް ނެރި، ދައުލަތް ތަމްސީލެއް ނުކުރެވޭނެއެވެ." ޑިމޮކްރެޓުން މިއަދު ނެރެފައިވާ ބަޔާނުގައިވެއެވެ.

ދަ ޑިމޮކްރެޓޫން ބުނީ އެޕާޓީން ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ މި އަމަލުތައް ބަލައި ނުގަންނަ ކަމަށެވެ. އަދި ގާނޫނުއަސާސީގެ ހުރުމަތާއި، ދުނިޔޭގެ ޑިމޮކްރެޓިކް ހަމަތަކާއި، ގާނޫނީ ދައުލަތްތަކުގެ ނިޒާމުތައް ރޭވިފައި އޮންނަ އެންމެ އަސާސީ މަފްހޫމުތަކަށް ކުޑައިމީސް ނުކުރެއްވުމަށް ޑިމޮކްރެޓުން ވަނީ ރައީސް މުޢިއްޒަށް ގޮވާލާފައެވެ.

ޑިމޮކްރެޓުން މިފަދަ ބަޔާނެއް ނެރެފައިވާއިރު، އިއްޔެ ދައުރުން ބޭރުގައި ބޭއްވި ޖަލްސާގައި އިދިކޮޅު އެމްޑީޕީ އާއި ޑިމޮކްރެޓްސްގެ ކޮންޓްރޯލް އޮންނަ ރައްޔިތުންގެ މަޖިލީހުން ވަނީ ތިން ވަޒީރަކަށް ރުހުން ނުދޭން ނިންމާފައެވެ. އޭގެ ތެރޭގައި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި އެޓާނީ ޖެނަރަލް އަހުމަދު އުޝާމް އަދި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު ހިމެނިވަޑައިގަންނަވައެވެ.

ނަމަވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އިއްޔެ އަލުން އެ ތިން ބޭފުޅުންވެސް ހަމަ އެމަގާމުތަކަށް އައްޔަން ކުރަށްވާފައެވެ.

ޤާނޫނު އަސާސީ ބުނާގޮތުން މަޖިލީހުން ވަޒީރުންނަށް ރުހުން ނުދިނަސް، ވަޒީރަކު މަޤާމުން ދުރުކުރުމުގެ ބާރު ލިބިގެންވަނީ ހަމައެކަނި ރައީސުލްޖުމްހޫރިއްޔާއަށެވެ.

ވަޒީރުން ކެބިނެޓަށް އައްޔަން ކުރުމަށް ފަހު ހަތް ދުވަހުގެ ތެރޭގައި ރުހުން ހޯދަން މަޖިލީހަށް ނަންތައް ފޮނުވަން ޤާނޫނު އަސާސީން ލާޒިމުކޮށްފައި ވެއެވެ. ނަމަވެސް މަޖިލީހުން ރުހުން ނުދޭ ވަޒީރުންގެ މަޤާމު ގެއްލިގެންދާނެ ކަމަށް ޤާނޫނު އަސާސީގައި ބަޔާންކޮށްފައެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން