އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒު އިސްމާޢީލް
އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒު އިސްމާޢީލް
ޕީޖީ ޝަމީމަށް ހަމަލާދިން ފަރާތްތައް ހޯދާ އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ އެމްޑީޕީން ގޮވާލައިފިއެވެ.

ޕްރޮސެކިއުޓަރ ޖެނަރަލް އަލްއުސްތާޛު ހުސައިން ޝަމީމަށް މަގުމަތިން މިއަދު ދިން ހަމަލާ ކުށްވެރިކޮށް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ ޕްރޮސެކިއުޓަރ ޖެނަރަލްއަކީ ގާނޫނުއަސާސީގެ ދަށުން ރާއްޖޭގައި ކުރާ ޖިނާއީ ކުށްތަކުގައި ޝަރުއީ ކޯޓުތަކުގައި ދައުލަތުގެ ފަރާތުން ޖިނާއީ ދައުވާކުރައްވާ އިސް ވަކީލު ކަމަށެވެ.

އަދި ރައީސް ޑރ މުއިއްޒުގެ ސަރުކާރުގައި ދައުލަތުގެ އިސް މަގާމުތަކުގައި ތިއްބަވާ ފަރާތްތަކަށް މަގުމަތިން ޖެހިލުމެއްނެތި ހަމަލާތައް ދެވެނީ ސަރުކާރުގެ އިސްވެރިންނާ ރާއްޖޭގައި ކުށްކުރާ ގްރޫޕްތަކާ އޮންނަ ގާތް ގުޅުންތަކާހުރެ އެ ކުށްކުރާ ގްރޫޕްތަކަށް މި ސަރުކާރުން ދޭ ހިމާޔަތުގެ ސަބަބުން ކަމަށް ގަބޫލުކުރާކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ.

“ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީން ރައީސް ޑރ މުއިއްޒަށް ގޮވާލަނީ ދިވެހިރާއްޖޭގެ ޕްރޮސެކިއުޓަރ ޖެނަރަލްއަށް ދިން ހަމަލާގެ ފުރިހަމަ ތަހުގީގެއް ހިންގާ, ދައުލަތުގެ ވެރިންނަށް ހިމާޔަތާއި ރައްކާތެރިކަން ފޯރުކޮށްދީ އަދި އެމަނިކުފާނަށް ހަމަލާ ދިން ފަރާތްތައް ހޯދާ އަދުލު އިންސާފުގެ ކުރިމައްޗަށް ގެނައުމަށެވެ.” އެމްޑީޕީގެ ބަޔާނުގައިވެއެވެ.

އޭގެ އިތުރުން ރައީސް ޑރ މުއިއްޒު ސަރުކާރާ ހަވާލުވެވަޑައިގެން ފަހުން ރައްޔިތުންނަށާއި ދުސްތޫރީ މަސްއޫލިއްޔަތުތަކާ ވާޖިބުތައް އަދާކުރައްވާ ފަރާތްތަކަށް ދެވެންޖެހޭ ހިމާޔަތާއި ރައްކާތެރިކަން ދިނުމުގައި އިހުމާލުވެފައިވާ ކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ.

“މިގޮތުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށްވެސް އެ މެމްބަރުންނަށް ލިބިދޭންޖެހޭ ރައްކާތެރިކަން ދިނުމުގައާއި ނިމިދިޔަ ސަރުކާރުގައި ރާއްޖޭގައި މާރާމާރީ މަދުކުރެވިފައިވަނިކޮށް ރައީސް ޑރ މުއިއްޒު ސަރުކާރާ ހަވާލުވެވަޑައިގެންފަހުން މާރާމާރީތައްވެސް އިތުރުވެފައިވާކަން މި ޕާޓީން ފާހަގަކުރަމެވެ.” އެމްޑީޕީން މިއަދު ނެރުނު ބަޔާނުގައި ފާހަގަ ކޮށްފައިވެއެވެ.

އޭގެ އިތުރުން ރައީސް ޑރ މުއިއްޒުގެ ސަރުކާރާއި ރާއްޖޭގައި ކުށްކުރާ ގްރޫޕްތަކާ އޮންނަ ގާތްގުޅުމެއްގެ ތެރެއިން އެ މީހުންނަށް ދެމުންދާ ހިމާޔަތާއި ރައްކާތެރިކަން ހުއްޓާލުމަށްވެސް އެމްޑީޕީން ގޮވާލާފައިވެއެވެ.

ޕީޖީ ޝަމީމަށް ދިން ޙަމަލާއާ ގުޅިގެން ފުލުހުން ބުނީ ޝަމީމް ޒަހަމްކޮށްލީ މިއަދު ހެނދުނުގެ ވަގުތެއްގައި މާލޭގެ މަގުމަތިން ކަމަށެވެ. އަދި އޭނާއަށް ހަމަލާ ދިނީ ތޫނު އެއްޗަކުން ނޫން ކަމަށް މިހާތަނަށް ބެލިބެލުމުން އެނގިފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

ޙަމަލާއާ ގުޅިގެން ޝަމީމަށް އޭޑީކޭ ހޮސްޕިޓަލްގައިވަނީ ފަރުވާދީފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން