ޤާނޫނު އަސާސީ ޑްރާފްކުރި ކޮމިޓީގެ މުޤައްރިރު އަދި އެމްޑީޕީގެ ކުރީގެ ރައީސް އިބްރާހީމް އިސްމާޢީލް (އިބުރާ)
ޤާނޫނު އަސާސީ ޑްރާފްކުރި ކޮމިޓީގެ މުޤައްރިރު އަދި އެމްޑީޕީގެ ކުރީގެ ރައީސް އިބްރާހީމް އިސްމާޢީލް (އިބުރާ)
ސަރުކާރުން އުޅެނީ މަޖިލިހުގެ ބާރު ކަނޑުވާލައި، ރައްޔިތުންގެ މައްޗަށް ގަދަވެގަންނަން ކަމަށް މިހާރު ޢަމަލުކުރަންދާ ޤާނޫނު އަސާސީ ޑްރާފްކުރި ކޮމިޓީގެ މުޤައްރިރު އަދި އެމްޑީޕީގެ ކުރީގެ ރައީސް އިބްރާހީމް އިސްމާޢީލް (އިބުރާ) ވިދާޅުވެއްޖެއެވެ.

އިބުރާ މިމޭރުމުން ވިދާޅުވީ މަޖިލީހުގެ ޖުމުލަ މެންބަރުންގެ ޢަދަދު ގުނުމުގައި ޢަމަލުކުރާނެގޮތާ ގުޅޭގޮތުން މަޖިލީހުން ނިންމާފައިވާ ނިންމުން ބާތިލުކުރުމަށް ސުޕްރީމްކޯޓަށް ހުށައެޅުއްވުމަށް ދަޢުލަތުގެ ބަންޑާރަނާއިބު ނިންމެވުމާ ގުޅިގެން އެކަމަށް ރައްދު ދެއްވުމުގެ ގޮތުންނެވެ.

ބަންޑާރަނާއިބުގެ އެ ނިންމެވުމާ ގުޅިގެން އިބުރާ ވިދާޅުވީ ރައްޔިތުންގެ މަޖިލިހުގެ ޤަވައިދުގެ ބައެއް ބާޠިލްކުރަން ދައުލަތުގެ ބަންޑާރަނައިބު ސުޕްރީމްކޯޓަށް ދިއުމަކީ، އެ މަޤާމަށް އޭނާ ޢައްޔަނުކުރަން މަޖިލިހުން ރުހުން ނުދިނީ ސަބަބެއްނެތި ނޫންކަން އަންގައިދޭ ކަމެއް ކަމަށެވެ. އެގޮތުން އެމައްސަލާގައި ދަޢުވާ ކުރާ ފަރާތާއި ދަޢުވާ ލިބޭ ފަރާތަކީވެސް އެއްފަރާތެއް ކަމަށް އިބްރާ ވިދާޅުވިއެވެ.

“މަޖިލިހަށް ދަޢުވާ ކުރަނީ ބަންޑާރަނައިބެވެ. މަޖިލިސް ދިފާޢުކުރާނީވެސް ބަންޑާރަ ނައިބެވެ.” އިބްރާ ވިދާޅުވިއެވެ.

މިހާރު ޢަމަލުކުރަންދާ ޤާނޫނު އަސާސީ ޑްރާފްކުރި ކޮމިޓީގެ މުޤައްރިރު އިބުރާ ވިދާޅުވީ މަޖިލީހުގެ ކަމެއް ހިންގިގޮތް ނުވަތަ ނިންމި ނިންމުމެއް އެއްވެސް ކޯޓަކުން ނުބެލޭނެކަމަށް ޤާނޫނު އަސާސީގައި ލިޔުނު ހަނދާންވާ ކަމަށެވެ. އަދި މަޖިލިސް ނެތިގެން ދިއުމަކީ ކޯޓްތައްވެސް ނެތިގެން ދިއުންކަން ހަނދާނުގައި ބަހައްޓާން ވާނެކަމަށް އިބްރާ ވަނީ ވިދާޅުވެފައެވެ.

އިބުރާ ވިދާޅުވީ މިހިނގަނީ ކުޑަކަމެއްނޫން ކަމަށާއި މިއީ ވަޒީރުންތަކެއްގެ ރުހުމުގެ މައްސަލައެއް، ނުވަތަ ރައީސް މަޤާމުން ދުރުކުރުމުގެ މައްސަލަވެސް ނޫންކަމަށެވެ.

“މިހިނގަނީ ރައްޔިތުންގެ މަޖިލިހުގެ ބާރު ކަނޑުވައިލައި، ރައްޔިތުންގެ މައްޗަށް ސަރުކާރު ގަދަވެ ގަތުމުގެ މައްސަލައެކެވެ.” އިބުރާ ވިދާޅުވެފައިވެއެވެ.

އިބުރާ މިމޭރުމުން ވިދާޅުވެފައިވާއިރު ބަންޑާރަނާއިބުގެ އޮފީހުން މިދިޔަ އަންގާރަ ދުވަހު ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ ޢަދަދު ކަނޑައެޅުމާ ގުޅޭގޮތުން، 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ 2023 ވަނަ އަހަރުގެ 3 ވަނަ ދައުރުގެ 37 ވަނަ ޖަލްސާއިން ފާސްކޮށް، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 49 ވަނަ މާއްދާއަށް އިތުރުކޮށްފައިވާ، "މަޖިލީހުގެ ޖުމްލަ މެންބަރުން" މި ޢިބާރާތަށް ދީފައިވާ މާނަކުރުމަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާ ޚިލާފަށް ދީފައިވާ މާނަކުރުމެއް ކަމަށެވެ.

އެހެންކަމުން ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 49 ވަނަ މާއްދާއަށް އިތުރު ކޮށްފައިވާ އެ އަކުރުތަކަކީ، ބާޠިލް އަކުރުތަކެއް ކަމުގައި ކަނޑައަޅައިދިނުމަށް އެދި ބަންޑާރަނާއިބުގެ އޮފީހުގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް 28 ޖަނަވަރީ 2024 ގައި ހުށައަޅާފައިވާކަމަށް އޭޖީ އޮފީހުން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން