ފެލިދޫ އައު އިންޖީނުގެ
ފެލިދޫ އައު އިންޖީނުގެ
30 އަހަރަށްފަހު ވ. ފެލިދޫގެ ބައު އިންޖީނުގޭގައި ހުރި އިންޖީނުތައް ނިއްވާލައި، އެ ރަށުގައި ސްޓެލްކޯއިން ޤާއިމްކުރި އައު ޒަމާނީ އިންޖީނުގެއިން ރަށަށް ކަރަންޓު ދޭން ފަށައިފިއެވެ.

ސްޓެލްކޯއިން މިއަދު ބުނީ ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން ފަހުމީ އިއްޔެ ފެލިދޫއަށް ވަޑައިގެން އެރަށު ބައު އިންޖީނުގެއިން މީގެކުރިން ފޯރުކޮށްދެމުންދިޔަ ކަރަންޓުގެ ޚިދުމަތް އައު އިންޖީނުގެއަށް ބަދަލުކޮށްދެއްވާފައިވާ ކަމަށެވެ.



ފެލިދޫ ބައު އިންޖީނުގޭގެ ޖަނަރޭޓަރުތައް ބޭނުންކުރުން ހުއްޓާލިއިރު، އެ ޖަނަރޭޓަރުތަކުގެ ގަދަ އަޑާއި ދުން ވަނީ ރަށުގެ ރައްޔިތުންނަށް ނުހަނު ބޮޑު ތަކުލީފަކަށް ވެފައިކަމަށް ސްޓެލްކޯއިން މަޢުލޫމާތުދެއެވެ.

“ފެލިދޫ އައު އިންޖީނުގޭގެ ޚިދުމަތް ފައްޓަވައިދެއްވުމަށްފަހު މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީ ވިދާޅުވީ، އެ އިންޖީނުގެއަކީ، ފަޔަރ ފައިޓިންއާއި، ސައުންޑް ޕްރޫފިންގ އަދި ސްޓާފް އެކޮމޮޑޭޝަންއަކާއި، ޓްރެއިނިންގ ހޯލެއް ހިމެނޭގޮތަށް ތައްޔާރުކޮށްފައިވާ އަދި ރައްޔިތުންނަށް ފަސޭހައިން ޚިދުމަތްތައް ލިއްބައިދެވޭނެ ކަސްޓަމަރސާވިސް ބިލްޑިންގއަކާއި އެކު، އަޅާފައިވާ އެންމެ ޒަމާނީ އިންޖީނުގެއެއް ކަމަށެވެ.” ސްޓެލްކޯގެ ބަޔާނުގައިވެއެވެ.

މިރަސްމިއްޔާތުގައި ފެލިދޫ ރަށު ކައުންސިލުން ބުނެފައިވަނީ ބައު އިންޖީނުގޭ ޖަނަރޭޓަރުތައް ބޭނުންކުރުން ހުއްޓާލުމަކީ ޒަމާންތަކަކަށްފަހު ރައްޔިތުންނަށް ލިބިގެންދިޔަ ބޮޑު ލުޔެއްކަމަށެވެ.

ރައްޔިތުންގެ އިންޖީނުގޭގެ ގޮތުގައި ފެލިދޫ ބައު އިންޖީނުގޭގެ ޚިދުމަތް ދޭން ފަށާފައިވަނީ 31 ޖަނަވަރީ 1994 ގައެވެ. 25 ކިލޯވޮޓްގެ ޖަނަރޭޓަރަކާއިއެކު ފެލިދޫގައި ކަރަންޓު ދޭން ފެށިއިރު އޭރު ރަށުގެ ޕީކް ލޯޑަކީ ގާތްގަނޑަކަށް 10 - 12 ކިލޯވޮޓެވެ.

2014 ވަނަ އަހަރު ފެލިދޫ އިންޖީނުގެ ސްޓެލްކޯއާއި ހަވާލުކުރުމާއި ގުޅިގެން ރަށުގެ ކަރަންޓު ޑިމާންޑަށް ބަލައި، ސްޓެލްކޯއިން ދިޔައީ ޚިދުމަތް ފުޅާކުރުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން އަލަށް އިތުރު ކުރެވުނު 304، 250 އަދި 500 ކިލޯވޮޓުގެ ޖަނަރޭޓަރުތަކާއިއެކު ރަށުގައި ކަރަންޓު އުފެއްދޭ ކެޕޭސިޓީ ވަނީ 1054 ކިލޯވޮޓަށް އިތުރު ކުރެވިފައެވެ.

މިވަގުތު ފެލިދޫގެ އެވަރެޖް ޕީކް ލޯޑަކީ 355 ކިލޯވޮޓެވެ. ފެލިދޫގައި ސްޓެލްކޯއިން ޤާއިމްކޮށްފައިވާ އިންޖީނުގެއަކީ އަޑުމަޑު، ކަސްޓަމަރ ސާވިސް އިމާރާތަކާއެކު ރައްޔިތުންނަށް ފަސޭހައިން ޚިދުމަތްތައް ދެވޭނެ ފަދަ އިންތިޒާމްތަކާއި އެކު އަޅާފައިވާ އިންޖީނުގެއެއް ކަމަށް ސްޓެލްކޯއިން ހާމަކޮށްފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން