އެމްޑީޕީގެ ޕްރައިމަރީ ކުރިއަށްދަނީ
އެމްޑީޕީގެ ޕްރައިމަރީ ކުރިއަށްދަނީ
އެމްޑީޕީ އާއި ޑިމޮކްރެޓްސްގެ ފަރާތުން 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރަށްވާނެ ކެންޑިޑޭޓުން ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީގެ ވޯޓުލުން ފަށައިފިއެވެ.

ޑިމޮކްރެޓްސްގެ ޓިކެޓުގައި ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލާނޭ ކެންޑިޑޭޓުން ކަށަވަރުކުރުމަށް ބާއްވާ ޕްރައިމަރީގެ ވޯޓުލުން ކުރިޔަށް ދާނީ މިއަދު ހެނދުނު 8:00 އިން ހަވީރު 4:00 އަށެވެ. އެ ޕާޓީން ޕްރައިމަރީ ބާއްވަނީ އެއް ކެންޑިޑޭޓަށް ވުރެން ގިނަ ކެންޑިޑޭޓުން ކުރިމަތި ލާފައިވާ ކެލާ ދާއިރާ، ކަނޑިތީމު ދާއިރާ، ހުޅުމާލޭ ދެކުނު ދާއިރާ އަދި ހެންވޭރު ދެކުނު ދާއިރާގައެވެ.

ޑިމޮކްރެޓްސްގެ ޕްރައިމަރީގައި ވާދަކުރަން ހުޅުވާލުމުން 41 ދާއިރާއަކަށް ކުރިމަތިލީ 46 ކެންޑިޑޭޓުންނެވެ. އެންމެ ކެންޑިޑޭޓަކު ކުރިމަތިލި ދާއިރާތަކުގެ ކެންޑިޑޭޓުންނަށް ޕާޓީގެ ޓިކެޓު މިހާރުވަނީ ހަވާލުކޮށްފައެވެ.

މިއަދު ކުރިއަށްދަނީ އެމްޑީޕީގެ 40 ދާއިރާއެއްގެ ޕްރައިމަރީއެވެ. މިޕްރައިމަރީގައި ކެންޑިޑޭޓުންގެ ގޮތުގައި 149 ކެންޑިޑޭޓުން ވާދަކުރާނެ ކަމަށް އެމްޑީޕީން މަޢުލޫމާތުދީފައިވެއެވެ.

އެމްޑީޕީގެ ޕްރައިމަރީގައި އެއްވެސް ކެންޑިޑޭޓަކު ކުރިމަތިނުލައްވާ 2 ދާއިރާއެއް އެބަ އޮތެވެ. އަދި 51 ދާއިރާއަކުން ޓިކެޓު ވަނީ ދީފައެވެ.

އެމްޑީޕީގެ ޕްރައިމަރީ ކުރިއަށް ދާނީ މިއަދު ހެނދުނު 9:00 އިން ހަވީރު 5:00 އަށެވެ.

އެމްޑީޕީ ޕްރައިމަރީގައި މާލޭގައި 27 ވޯޓް ފޮށި ބަހައްޓާފައިވާއިރު އަތޮޅު ތެރޭގެ 95 ރަށެއްގައި ވޯޓް ފޮށި ބަހައްޓާފައިވެ އެވެ. މިޕްރައިމަރީގައި 25،325 މީހުންނަށް ވޯޓް ލެވޭނެ ކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބާއްވަން އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވަނީ އަންނަ މާޗު މަހުގެ 17 ވަނަ ދުވަހު އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން