ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ލޯކަލް މާރުކޭޓާއި މަސްމާރުކޭޓުގެ އާޢިމާރާތުގެ މަސައްކަތް އޭޕްރީލްމަހު ފެށޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިމޭރުމުން ވިދާޅުވީ ޢާންމުންގެ ސުވާލުތަކަށް މީސްމީޑިއާގައި ސީދާ ރައީސުލްޖުމްހޫރިއްޔާ ޖަވާބުދެއްވުމުގެ ގޮތުން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކުރިއަށް ގެންދާ "ރައީސްގެ ޖަވާބު" ގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެގޮތުން މާލޭގެ މާރުކޭޓުތައް މިވަގުތު ހުރީ ކާބޯތަކެތި ވިއްކަން އެންމެ އެކަށީގެންވާ ޙާލަތުގައި ނޫންކަމުގެ ކަންބޮޑުވުން ހއ.ބާރަށު، މަދޮށިމާގޭ، ޢަބްދުﷲ އިބްރާހީމް މަނިކު ފާޅުކުރެއްވުމާ ގުޅިގެން ރައީސް ވިދާޅުވީ، މާލޭގައި ހުރި ލޯކަލް މާރުކޭޓާއި، މަސްމާރުކޭޓުގެ އާ ޢިމާރާތުގެ މަސައްކަތް ރޯދައިގެ ފަހުން އޭޕްރީލްމަހުގެ ތެރޭގައި ފެށިގެން ދާނެ ކަމަށެވެ.

ޢަބްދުﷲ އިބްރާހީމް މަނިކުގެ ސުވާލަށް ދެއްވި ޖަވާބުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މާލޭގައި މިހާރުހުރި މާރުކޭޓުތަކަކީ އެންމެ އެކަށީގެންވާ ގޮތަށް ހުރި ތަންތަން ނޫންކަން ޤަބޫލުކުރަށްވާ ކަމަށާއި، އެހެންކަމުން މާރުކޭޓުގެ އާއިމާރާތް އެޅުމުގެ ހުރިހާ މަގެއް މާލޭ ސިޓީ ކައުންސިލަށް ސަރުކާރުން ފަހިކޮށްދީފައިވާ ކަމަށެވެ. އަދި މާރުކޭޓުގެ އާޢިމާރާތް އަޅާނީ މިހާރުހުރި ލޯކަލް މާރުކޭޓު ރޫޅާލުމަށްފަހު އެތަނުގައި ކަމަށް ރައީސް ވިދާޅުވިއެވެ.

"ލޯކަލް މާރުކޭޓު އެހުރި ތަނުގައި، އެންމެ ޒަމާނީ ފެންވަރުގައި، ދުނިޔޭގެ އެންމެ ރަނގަޅު މާރުކޭޓުތައް އެހުންނަ ފެންވަރުގެ ޢިމާރާތެއް އަޅާފައި އެތަނުގައި މަސްމާރުކޭޓުވެސް އަދި ލޯކަލް މާރުކޭޓް، ދަތުރުވެރިންގެ މާރުކޭޓުގައި ވިއްކާތަކެތި ވިއްކޭ ކަހަލަ ޖާގަވެސް ހިމެނޭ ގޮތަށް 4 ބުރީގެ ޒަމާނީ މާރުކޭޓު ޢިމާރާތެއް އަޅަން." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެޢިމާރާތް އެޅިގެންދާނީ ޢިމާރާތުގެ ބޭސްމެންޓްގައި ޕާކިންވެސް ހިމެނޭ ގޮތަށް ކަމަށާއި، އެއީ ހިތްފަސޭހަ އަދި ޖާގައިގެ ގޮތުންވެސް ތަނަވަސް މާރުކޭޓަކަށް ވެގެންދާނެ ކަމަށެވެ.

ހަމައެއާއެކު މާރުކޭޓުން މިހާރު ދިވެހިންނަށް ދޫކުރާ ގޮޅިތަކުގައި ބިދޭސީން ވިޔަފާރިކުރުން ނިމުމަކަށް ގެނައުމަށް ސަރުކާރުން މަސައްކަތް ކުރަށްވާ ކަމަށާއި، އާ މާރުކޭޓު އެޅިގެންދާއިރު އެކަމަށް ދާއިމީ ޙައްލެއް ހޯއްދަވައި ދެއްވާނެ ކަމަށެވެ.



ރައީސް އޮފީހުން ބުނީ ރައީސުލްޖުމްހޫރިއްޔާއަށް ވީޑިއޯ މެދުވެރިކޮށް ރައްޔިތުން ކުރާ ސުވާލަށް އެމަނިކުފާނު ދެއްވާ ޖަވާބު، ރައީސް އޮފީހުގެ ރަސްމީ މީސްމީޑިއާ މަންސަތަކުން ކޮންމެ ދުވަހަކުވެސް ޢާންމުކޮށް ހިއްސާކުރަމުން ގެންދާނެ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން