ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ޤައުމުގެ ސިޔާދަތަށް ލޮޅުން އަރާނެ އެއްވެސް ކަމެއްގައި އެއްވެސް ފަރާތަކަށް ދޫނުދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިމޭރުމުން ވިދާޅުވީ މިއަހަރުގެ ރިޔާސީ ބަޔާން އިއްވެވުމަށް މިހާރު ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް މިއަދު ވިދާޅުވީ، ރާއްޖޭގެ އިންތަކާ ކަނޑުއަޑީގެ ޗާޓުތައް ކުރަހައި ކަންކަން ބެލުމުގެ ބޮޑެތި އިޚްތިޔާރުތަކެއް އުތުރުކަރައަށް ލިބިދީފައިވާ އެއްބަސްވުން ދިވެހި ދައުލަތުން އަލުން އާ ނުކުރާނެ ވާހަކަ ރަސްމީ ހަމަތަކުގެ މަތީން އެޤައުމުގައި ދަންނަވާފައިވާ ކަމަށެވެ. އަދި ޤައުމުގެ ސިޔާދަތަށް ލޮޅުން އަރާނެ އެއްވެސްކަމެއްގައި އެއްވެސް ފަރާތަކަށް ދޫނުދެއްވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، 17 ނޮވެމްބަރު 2023 ގައި ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމުގެ ބޮޑު ޒިންމާއާ ޙަވާލުވިއިރު، ދިވެހި ލޮބުވެތި ރައްޔިތުންނަށް އެމަނިކުފާނުވީ އެންމެ ބޮޑު ވަޢުދަކީ، ދިވެހީންގެ މިނިވަންކަމާ އަމިއްލަވަންތަކަން ޙިމާޔަތްކޮށްދޭނެކަމުގެ ވަޢުދު ކަމަށެވެ.

"ދިވެހި ރައްޔިތުންގެ ބޮޑު އަޣްލަބިއްޔަތެއް، އަޅުގަނޑުމެންގެ ސަރުކާރަކަށް ކުރި ތާއީދަކީ، ރާއްޖޭގައި ތިބި ބޭރުގެ ޢަސްކަރީ ސިފައިން މި ފަސްގަނޑުން ފޮނުވައިލުމަށާ، ރާއްޖޭގެ ކަނޑުން ގެއްލުނު ބައި އަނބުރާ ހޯދުމަށާ، ރާއްޖޭގެ ސިޔާދަތަށް އުނިކަމެއް ލިބިދާނެގޮތަކަށް ދައުލަތުން ހަދާފައިވާ ކޮންމެ އެއްބަސްވުމެއް އުވައިލުމުގެ މައްޗަށް ކުރި ތާއީދަކާ ހިފި ބައިޢަތެއް." ރައީސް ވިދާޅުވިއެވެ.

އެމަސައްކަތް މިހާރު ގޮސްފައިވާ ހިސާބުގެ ތަފްސީލް ދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖޭގައި ތިބި އުތުރުކަރައިގެ ސިފައިން ގެންގޮސްދެއްވުމަށް އެ ކަރައިގެ ސަރުކާރުގައި ވާނީ ދަންނަވާފައި ކަމަށެވެ. އަދި އެކަމުގެ މަޝްވަރާތައް މިހާރުވެސް ދަނީކުރެވެމުން ކަމަށް ރައީސް ވިދާޅުވިއެވެ.

"އެންމެ ފަހުގެ މަޝްވަރާތަކުން އެއްބަސް ވެވިފައިވާ ގޮތުގެމަތިން ދިވެހިރާއްޖޭގައި ޤާއިމްވެތިބި 3 އޭވިއޭޝަން ޕްލެޓްފޯމުތަކުގެ ތެރެއިން 1 ޕްލެޓްފޯމުގައި ތިބި މިލިޓަރީ ފަރާތްތައް 10 މާރިޗު 2024ގެ ކުރިން ގެންދާނެ. ބާކީ 2 ޕްލެޓްފޯމުން 10 މޭ 2024ގެ ކުރިން މިލިޓަރީ ފަރާތްތައް ގެންދާނެ." ރައީސް މިއަދު ވިދާޅުވިއެވެ.

ރައީސް މިއަދު ވިދާޅުވީ، ރާއްޖޭގެ މިއަދުގެ ޙާލާއި، މުސްތަޤްބަލް ކަނޑައެޅުމުގައި އެންމެ މުހިންމު ދެ އަސާސަކަށް އަބަދުވެސް ވާނީ މާތްވެގެންވާ އިސްލާމްދީނާއި، ދިވެހީންގެ އަމިއްލަވަންތަކަމާއި މިނިވަންކަން ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން