އެއްގަމާ، ކަނޑާ، ވައިގެމަގުންވެސް ޤައުމު ދިފާޢުކުރެވޭނެ ޒަމާނީ ޢަސްކަރީ ޤާބިލުކަން ދިވެހިރާއްޖޭގައި ވަރުގަދަ ކުރަށްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިމޭރުމުން ވިދާޅުވީ މިއަހަރުގެ ރިޔާސީ ބަޔާން އިއްވެވުމަށް މިހާރު ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް މިއަދު ވިދާޅުވީ، އެއްގަމާ، ކަނޑާ، ވައިގެމަގުންވެސް ޤައުމު ދިފާޢުކުރެވޭނެ ޒަމާނީ ޢަސްކަރީ ޤާބިލުކަން ދިވެހިރާއްޖޭގައި ވަރުގަދަކުރަން ޖެހޭ ކަމަށެވެ. އަދި އެކަން މިހާރު ކުރަން ފަށާފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ދިވެހި ޤައުމު އުފެއްދި އެންމެ ވަރުގަދަ ބަޠަލުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ، ބޮޑުތަކުރުފާނާ، ދޮންބަންޑާރައިންނާ، ބޮޑުރަސްގެފާނާ، އިސްކަންދަރު މަހާރަދުން ފަދަ ކޮންމެ ލީޑަރެއްގެ ޒަޢާމަތުގައިވެސް ޤައުމީ ދިފާޢީ ބާރު ވަރުގަދަ ކުރެއްވުމަށް ވަނީ މަސައްކަތްކުރައްވާފައި ކަމަށެވެ.

އެގޮތުން ބޮޑުރަސްގެފާނުގެ ޒަމާނުގައި، މަލަބާރީންނާ ކަންނައްނޫރު އަލީރާޖާގެ ހަމަލާތަކުން ދަފަރާވުމަށް، ފުރަމާލޭގައި ބުރުޒުތައް ހައްދަވައި، އަސޭކަރައިން ރަތުލޯބަޑީގެ 14 ބަޑި ހޯއްދެވިގޮތުގެ ވާހަކަ ދިވެހި ތާރީޚުގައި އެބައޮތް ކަމަށާއި އެ ޒަމާނަށް ބަލާއިރު އެއީ ވަރުހުރި ދިފާޢީ އާލާތްތަކެއް ކަމަށް ރައީސް ވިދާޅުވިއެވެ.

"ރާއްޖޭގެ 900،000 އަކަކިލޯމީޓަރުގެ ބޮޑު އެކްސްކްލޫޒިވް އިކޮނޮމިކް ޒޯން 24 ގަޑިއިރު ހުއްޓުމެއް ނެތި ބެލެހެއްޓޭނެ ޤާބިލްކަން އިރާދަކުރެއްވިއްޔާ ދާދި އަވަހަށް ދިވެހި އަސްކަރިއްޔާގައި ޤާއިމް ކުރެވިގެންދާނެ." ރައީސް މިއަދު ވިދާޅުވިއެވެ.

ހަމައެއާއެކު، ޤައުމުގެ މިނިވަންކަމާ އިސްތިޤްލާލު ރައްކައުތެރިކުރުމާއެކު، ޤައުމުގެ ކަންކަން ހިންގުމުގައި މިސަރުކާރުން ހިފަހައްޓާނެ އެންމެ މައިގަނޑު އުޞޫލަކީ، ދިވެހީންނަށާއި ދިވެހި ޤައުމަށް އިސްކަން ދިނުން ނުވަތަ 'ޕްރޯ މޯލްޑިވްސް' ގެ ސިޔާސަތުކަން ވެސް ރައީސްގެ ރިޔާސީ ބަޔާނުގައި ފާހަގަކުރެއްވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން