އައްޑޫ ސީޓީ
އައްޑޫ ސީޓީ
އައްޑޫ ސިޓީގެ ރަށްތައް މި ދައުރުގައި ބްރިޖަކުން ގުޅާލަށްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިމޭރުމުން ވިދާޅުވީ މިއަހަރުގެ ރިޔާސީ ބަޔާން އިއްވެވުމަށް މިހާރު ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް މިއަދު ވިދާޅުވީ، ރާއްޖޭގައި ބްރިޖްތަކާ ކޯޒްވޭތަކުން ގުޅުވާލައިގެން އާބާދުކުރެވެން ހުރި ސަރަޙައްދުތައް ގުޅުވައިލުމުގެ ޢަމަލީ މަސައްކަތް ފަށައި، އެކަން ކާމިޔާބުކުރަށްވާނެ ކަމަށެވެ. މިގޮތުން އެންމެ ބޮޑު މަޝްރޫޢެއްގެ ގޮތުގައި ކުރިޔަށް ދާނީ އައްޑޫ ސިޓީގެ ރަށްތައް މި ދައުރުގައި ބްރިޖަކުން ގުޅުވައިލުން ކަމަށް ރައީސް ވިދާޅުވިއެވެ.

އޭގެއިތުރުން ޤައުމު އާބާދުކޮށް، ރަށްވެހި ތަރައްޤީ ގެނައުމަކީ ދުރު ރާސްތާ ވިސްނުމެއްއޮތް ކަމަކަށް ހެދުމަށްޓަކައި 20 އަހަރުދުވަހުގެ ޤައުމީ ތަރައްޤީގެ ޕްލޭނެއް މިއަހަރު އެކުލަވައިލައްވާނެކަން ރައީސް އިޢުލާނު ކުރެއްވިއެވެ. އަދި އެކަން ކުރާނީ ރަށްރަށުގެ ޢާއިލާތަކާ ހަމައިން، ވީހައި ގިނަ ރައްޔިތުންގެ ޚިޔާލު ހޯދައިގެން ކަމަށް ރައީސް ވިދާޅުވިއެވެ.

"ސަރުކާރު ބަދަލުވާ ކޮންމެ ފަހަރަކު ތަރައްޤީގެ މަޝްރޫޢުތައް ހުއްޓުވުމުގެ ޖާގަ ނުދިނުމަށްޓަކައި، ރައްޔިތުންގެ ޚިޔާލާއެކު މި އެކުލަވާލާ ޤައުމީ ތަރައްޤީގެ ޕްލޭނަށް ޤާނޫނީ ބާރުވެރިކަން ހޯދައިދޭނަން." ރައީސް ވިދާޅުވިއެވެ.

ރައީސް މިއަދު ވިދާޅުވީ، ރަށްރަށުގައި ހުރި ގޯތިގެދޮރުގެ ދަތިކަން ޙައްލުކުރުމަށް، ބިން ހިއްކުމާ، ގޯތި ދޫކުރުމާ، ފްލެޓް ބިނާކުރުމުގެ މަޝްރޫޢުތައް މި އަހަރު އިރާދަކުރެއްވިއްޔާ ފަށްޓަވާނެ ކަމަށެވެ. ހަމައެއާއެކު ހިޔާވަހިކަމެއް ހޯދަން ރައްޔިތުން ކުރަން ޖެހޭ ހޭދަ ލުއިކޮށްދެވޭތޯ ވެސް ސަރުކާރުން މަސައްކަތް ކުރަށްވާނެކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

ރިޔާސީ ބަޔާނުގައި ރައީސް އިތުރަށް ވިދާޅުވީ ފަސް ޕަސަންޓަށް ވުރެ ދަށް އިންޓަރެސްޓް ރޭޓެއްގައި ގެދޮރު އެޅުމަށާއި ގެދޮރު މަރާމާތު ކުރުމަށާއި ފްލެޓް ގަތުމަށް ފައިސާ ހަމަޖެހޭނެ ގޮތް ސަރުކާރުން ފަހިކޮށްދޭނެ ކަމަށެވެ.

އަދި ކޮންމެ ފަހަރަކު ގޯތި ހޯދަން ކުރިމަތިލާން ރައްޔިތުންނަށް ޖެހޭ ތަކްލީފް ކުޑަކޮށްދިނުމަށްޓަކައި، ގޯތިގެދޮރަށް ބޭނުން ޖެހިފައިވާ ހުރިހާ ރައްޔިތުންގެ ރަޖިސްޓްރީއާއި ހާލަތު އަބަދުވެސް އަދާހަމަވަމުންދާ ހާއްސަ ޕޯޓަލްއެއް ގާއިމުކުރުމުގެ މަސައްކަތްވެސް ސަރުކާރުން ކުރަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން