ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ޝަރުޢީ ދާއިރާއަށް އެއްވެސް ނުފޫޒެއް ނުފޯރުވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިމޭރުމުން ވިދާޅުވީ މިއަހަރުގެ ރިޔާސީ ބަޔާން އިއްވެވުމަށް މިހާރު ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް މިއަދު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާކަމުގެ ޤާނޫނީ ހުވައިކުރުމަށްފަހު، ޤައުމާ މުޚާޠަބުކޮށް ދެއްކެވި ވާހަކައިގާ، އެދުވަހުން ފެށިގެން، ސަރުކާރުން ޝަރީޢަތްތަކަށް ނުފޫޒު ފޯރުވުން ނިމުނީކަމުގައި ދަންނަވާފައިވާނެ ކަމަށެވެ. އަދި މިސަރުކާރުން ހިފަހައްޓާނީ އެ އުޞޫލު ކަމަށް ރައީސް މިއަދު ވިދާޅުވިއެވެ.

"ބަދަލުހިފުމުގެ ރޫޙު އަޅުގަނޑު ނުގެންގުޅޭނެކަމަށްވީ ވަޢުދާއި އެއްގޮތަށް އަޅުގަނޑު މިދަނީ ކުރިއަށް. ސިޔާސީގޮތުން މީހުން ހައްޔަރުކޮށް އަދަބު ދިނުމަކީ އަޅުގަނޑު ނުކުރާނެކަމެއް. ޤައުމަށް ހަމަޖެހުން އަންނަން ޖެހޭ. އެ ރޮނގުން އަޅުގަނޑު ދެއްކި ވާހަކައާއި އެއްގޮތަށް އަޅުގަނޑުގެ ބަހާ އަމަލު ސީދާކުރާނަން. ނަމަވެސް ޤާނޫނުގެ ވެރިކަން ކަށަވަރުކުރާނަން." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، މިސަރުކާރުން ޤާނޫނުގެ ވެރިކަން ކަށަވަރުކުރަށްވާނެ ކަމަށާއި، އަދުލުވެރިކަމާއި އިންސާފު ދައުލަތުގައި ގާއިމުކުރުމަށް ދައުލަތުގެ އެންމެ މަތީ ވެރިޔާގެ ހައިސިއްޔަތުން އަދާކުރަންޖެހޭ ވާޖިބު އަދާކުރަށްވާނެ ކަމަށެވެ. ހަމައެއާއިއެކު، ޝަރުޢީ ދާއިރާއަށް އެއްވެސް ނުފޫޒެއް ނުފޯރުވާނެ ކަމަށާއި، އެފަދަ ނުފޫޒެއް ސަރުކާރަށް ނިސްބަތްވާ އެއްވެސް ފަރާތަކުން ފޯރުވާކަން އެނގިއްޖެނަމަ ވަގުތުން ފިޔަވަޅުވެސް އަޅުއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

"އާދެ! 17 ނޮވެމްބަރު 2023ގެ ފަހުން ޝަރުޢީ ދާއިރާ ހިނގަމުން އެދަނީ ސަރުކާރުގެ އެއްވެސް ނުފޫޒެއް ނެތިކަން އަޅުގަނޑު ސާބިތުކަމާއެކު ދަންނަވަން." ރައީސް ވިދާޅުވިއެވެ.

ހަމައެއާއެކު ޝަރުޢީ ދާއިރާގެ ކަންކަމަށް ސިޔާސީ ނުފޫޒު ވަންނާނެ ފުރުޞަތު ހަނިކުރުމަށްޓަކައި ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އެކުލެވިގެންވާގޮތަށް ޤާނޫނީގޮތުން ގެންނަން ޖެހޭ ބަދަލު ގެނައުމަށް މި ފެށޭ މަޖްލީހުގެ ދައުރަށް ސަރުކާރުން އެބިލު ހުށަހަޅުއްވާނެ ކަމަށް ރައީސް މިއަދު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން