ރަށަކަށް ޒިޔާރަތްކުރި ފަތުރުވެރިންތަކަކަށް މަރުޙަބާ ކިޔަނީ
ރަށަކަށް ޒިޔާރަތްކުރި ފަތުރުވެރިންތަކަކަށް މަރުޙަބާ ކިޔަނީ
ސީޕްލޭން ހަބަކާއެކު އައްޑޫ ސިޓީގައި "އައްސޭރި ޓޫރިޒަމް"ގެ މަޝްރޫޢެއް އިފްތިތާހްކުރަށްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިމޭރުމުން ވިދާޅުވީ މިއަހަރުގެ ރިޔާސީ ބަޔާން އިއްވެވުމަށް މިހާރު ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް މިއަދު ވިދާޅުވީ، އަތޮޅުތަކަށް ޓޫރިޒަމް އިތުރަށް ފުޅާކުރުމުގެ ގޮތުން ސީޕްލޭން ހަބަކާއެކު އައްޑޫ ސިޓީއަށް "އައްސޭރި ޓޫރިޒަމް" މަޝްރޫޢެއް އެކުލަވާލައި އިފްތިތާޙުކުރުމަށް ހަމަޖެހިފައިވާކަން ހާމަކުރައްވާފައެވެ. އެގޮތުން އެ ކަންކަމާއި އެކު އައްޑޫ ސިޓީއަށް ޚާއްޞަ ޓޫރިޒަމް ޑިވެލޮޕްމަންޓް ޕްލޭންއެއްގެ މަސައްކަތް ދަނީ ކުރެވެމުން ކަން ރައީސް ހާމަކުރެއްވި އެވެ.

ހަމައެއާއެކު ފަތުރުވެރިކަން ތަރައްޤީކުރުމަށް ކުއްޔަށް ދޫކޮށްފައިވާ ރަށްރަށާއި ބިންބިމާއި ފަޅުތަކުގެ ތެރެއިން، އެކިއެކި ސަބަބުތަކާއި ހެދި މަސައްކަތް ހުއްޓިފައިވާ ތަންތަން ތަރައްޤީކުރުމަށް ހުރި ދަތިތަކާއި ހުރަސްތައްބަލައި އެކަންކަމަށް ހައްލުތައް ދެނެގަތުމުގެ މަސައްކަތް މިހާރު ސަރުކާރުން ފަށާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

އަދި ޓޫރިޒަމް ތަރައްޤީކުރަން ދޫކޮށްފައިވާ 63 މަޝްރޫޢެއް ނިންމައި މާކެޓަށް ނެރުމަށް ޓޫރިޒަމް މިނިސްޓްރީއާއި، ފައިނޭންސް މިނިސްޓްރީއާއި މީރާ އަދި އިކޮނޮމިކް ކައުންސިލް ގުޅިގެން ސިޔާސަތެއް މިހާރުދަނީ އެކުލަވާލެވެމުން ކަމަށާއި ކުރިޔަށް އޮތް ހަފްތާއެއްހާ ދުވަސް ތެރޭގައި މި މަސައްކަތް ނިމޭނެކަން ރައީސް ފާހަގަކުރެއްވިއެވެ.

"ޓޫރިޒަމްގެ ދާއިރާގައި ސަރުކާރުގެ އަމާޒަކީ އައު 20 ރިސޯޓް މިއަހަރު ހުޅުވައި 2857 އެނދު އުފެދިގެން ދިޔުން. ނުހެދި ހުރި ރިސޯޓްތައް ނިންމަން ފުރުޞަތު ފަހިކޮށްދިނުން." ރައީސް މިއަދު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ވަޒީރުންގެ މަޖިލީހުގައި ވިޒިޓަރ އިކޮނޮމީ ކައުންސިލެއް އުފެއްދެވީ، ޓޫރިޒަމްގެ ޚިދުމަތް ރާއްޖޭގައި ފުޅާކުރަން ކަމަށެވެ. އަދި ބައިނަލްއަޤްވާމީ ބޮޑެތި މަހާސިންތާތަކާ ޙަފްލާތައް ބޭއްވޭ މަންޒިލަކަށް ރާއްޖެ ހެދުމަށް މައިސް ޓޫރިޒަމް ތަޢާރަފްކުރަށްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

އެގޮތުން މި ދައުރުގެ ތެރޭގައި މި ހެޔޮ ބަދަލުތައް ރާއްޖޭގެ ޓޫރިޒަމަށް އިރާދަކުރެއްވިއްޔާ އަންނާނެ ކަމަށް ރައީސް މިއަދު ވަނީ ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން