ތ. ދިޔަމިގިލީގެ މަގު ހެދުމުގެ މަސައްކަތް ލަސްނުވެ ފެށިގެން ދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ކޮޅުމަޑުލުގެ ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ ރަށަށް ވަޑައިގެން ރަށު ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީއާއިއެކު ބޭއްވެވި ބައްދަލުވުމެއްގައެވެ.

މިއަދު މެންދުރު އެ ރަށު ކައުންސިލްގެ އިދާރާގައި ބޭއްވި މި ބައްދަލުވުމުގައި، ކައުންސިލްގެ ފަރާތުން ވަނީ ރަށަށް ބޭނުންވެފައިވާ ކަންތައްތަކާއި، ރަށުގެ ރައްޔިތުންނަށް ކުރިމަތިލާން ޖެހިފައިވާ ބައެއް ގޮންޖެހުންތަކާއި، ދިޔަމިގިލީގެ ތަރައްޤީއަށް ބޭނުންވާ ކަންކަން ޙިއްޞާކުރައްވާފައެވެ.

އެގޮތުން މަޑިފުއްޓާ ދިޔަމިގިލި ކޯޒްވޭއަކުން ގުޅާލުމާއި، މެދަފުއްޓާ ދިޔަމިގިލި ގުޅާލުމާއި، މަގުތައް ހެދުމާއި، މަތިދޫ ދިޔަމިގިލީގެ އިޚްތިސާސްގެ ތެރެއަށްލުމަށް ބޭނުންވާކަމަށާއި، އެމް.އެން.ޑީ.އެފް. ގެ ޕޯސްޓެއް އެރަށުގައި ޤާއިމުކުރުމަށް ބޭނުންވާކަމަށާއި، ރަށުން އޭ.ޓީ.އެމް. ގެ ޚިދުމަތް ލިބެން ބޭނުންވާކަމަށާއި، ޞިއްޙީ މަރުކަޒަށް އެކްސްޓެންޝަން ބޭނުންވާކަމުގައި އެބޭފުޅުން ފާހަގަކުރެއްވިއެވެ.

އަދި ރަށުގައި ފަށާފައިހުރި މަޝްރޫޢުތައް ކުރިއަށް ނުދިއުމުގެ ސަބަބުން ރަށުގެ ރައްޔިތުންނަށް ކުރިމަތިވާ ގޮންޖެހުންތައް ކައުންސިލުން ރައީސުލްޖުމްހޫރިއްޔާއާއި ޙިއްޞާކުރެއްވިއެވެ. މީގެ އިތުރުން ކައުންސިލް އިދާރާގެ ޖާގައިގެ ދަތިކަންވެސް ކައުންސިލުން ފާހަގަކުރެއްވިއެވެ.

ކައުންސިލުން ފާހަގަކުރެއްވި ކަންކަމާއި ގުޅޭ ގޮތުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ރަށުގެ ރައްޔިތުންނަށް ބޭނުންވެފައިވާ ކަންކަން ސަރުކާރުގެ ކަމާއި ގުޅުން ހުރި މުއައްސަސާތަކާއި ގުޅިގެން ކުރިޔަށް ގެންދެވުމަށް މަސައްކަތް ކޮށްދެއްވާނެ ކަމަށެވެ. އަދި ރަށުގެ މަގުތައް ހެދުން ފަދަ ކަންކަން އަވަހަށް ކުރިއަށްގެންދިއުމަށް މަސައްކަތް ކޮށްދެއްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ދިޔަމިގިއްޔަކީ މިއަދު ރައީސުލްޖުމްހޫރިއްޔާ ކޮޅުމަޑުލުގެ ބައެއް ރަށްރަށަށް ފެއްޓެވި 3 ދުވަހުގެ ދަތުރުފުޅުގެ ތެރެއިން ދެވަނަ މަންޒިލެވެ. މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ސަރުކާރުގެ މަތީފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން