ރާއްޖޭގެ ކަނޑުއަޑީގެ ޗާޓު ކުރެހުމަށް، ހައިޑްރޮގްރަފީގެ މަސައްކަތް ކުރުމުގެ ގާބިލުކަން މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް، އެމްއެންޑީއެފުގައި ގާއިމުކުރުމުގެ މަސައްކަތް ފައްޓަވާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ކޮޅުމަޑުލުގެ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ތ. ވޭމަންޑުއަށް ވަޑައިގެން އެ ރަށުގައި މިއަދު ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސްގެ ވާހަކަފުޅުގައި ވިދާޅުވީ، ރާއްޖޭގެ އިގުތިސާދީ ހާއްސަ ސަރަހައްދުގެ މައުލޫމާތުތަކަކީ އެހެން ބަޔަކަށް ދޫކޮށްލެވޭނެ މައުލޫމާތުތަކެއް ނޫންކަމަށެވެ. އެހެންކަމުން، ރާއްޖޭގެ ކަނޑުގެ ސަރަހައްދު ސްކޭންކޮށް ޗާޓު ކުރަހާ ހެދުމުގެ މަސައްކަތްތައް އެމްއެންޑީއެފުން ކުރުމަށް ކުރަންޖެހޭ މަސައްކަތްތަކަށް މިހާރު ތައްޔާރު ވުމުގެ މަސައްކަތް ފެށިފައިވާ ކަމަށާއި، އެކަމަށް ބޭނުންވާ ބަޖެޓް ފިނޭންސް މިނިސްޓްރީން އެމްއެންޑީއެފަށް ހަމަޖައްސައިދިނުމުގެ މަސައްކަތް މިހާރު ކުރިއަށް ދާކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ބަޖެޓު ހަމަޖެހުމާއެކު ލަސްނުވެ އެ މަސައްކަތަށް ބޭނުންވާ ވަސީލަތްތައް ގާއިމު ކުރުމުގެ މަސައްކަތް ކުރެވޭނެކަމަށެވެ.

މިރޭގެ ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް އިތުރަށް ވިދާޅުވީ ރާއްޖޭގެ 900،000 އަކަ ކިލޯމީޓަރަށް ވުރެ ބޮޑު އިގްތިސާދީ ސަރަހައްދު މިހާތަނަށް ބަލަހައްޓަމުން ގެންދެވިފައި ނެތްކަމަށެވެ. އަދި އެއީ މަސްވެރިކަމުގެ ސިނާއަތަށް އެޅިފައިވާ ބޮޑު ހުރަހެއް ކަމަށާއި އޭގެ އިތުރުން، އިގުތިސާދީ މަސައްކަތްތަކަށް ރައްކާތެރިކަން ދިނުމުގެ އިތުރުން، ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލު ކަށަވަރު ކުރުމަށް ވެސް ދިވެހިން އަމިއްލައަށް އީއީޒެޑު ބަލަހައްޓަން ފަށަން ޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް މިފަދައިން ވިދާޅުވިއިރު، ކުރީ ސަރުކާރުންވަނީ ރާއްޖޭގެ ކަނޑުގެ ހައިޑްރޯގްރަފިކް ސާވޭ ހެދުމަށް އިންޑިއާއާއިހަވާލު ކޮށްގެން އެކަން ކޮށްފައެވެ. އަދި އެމައުލޫމާތު ކޮންޓްރޯލްކޮށް ވިއްކުމުގެ އިހުތިޔާރު ވެސް ދީފައި އޮތީ އިންޑިއާ އަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން