ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރާއްޖޭގައި އިތުރު ޤައުމެއްގެ ސިފައިން ނުތިބޭ ހިސާބަށް ވަރަށްއަވަހަށް ގެންގޮސްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިމޭރުމުން ވިދާޅުވީ ޢާންމުންގެ ސުވާލުތަކަށް މީސްމީޑިއާގައި ސީދާ ރައީސުލްޖުމްހޫރިއްޔާ ޖަވާބުދެއްވުމުގެ ގޮތުން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކުރިއަށް ގެންދާ "ރައީސްގެ ޖަވާބު" ގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެގޮތުން ރާއްޖޭގައި މިހާރުތިބި އިންޑިއާ ސިފައިން އެޤައުމަށް ގެންދިއުމަށްފަހު އިންޑިއާގެ މަދަނީން ރާއްޖެއަށް ގެންނަން ސަރުކާރުން އެއްބަސްވެފައިވާ ކަމަށްބުނެ ފަތުރެމުންދާ ޚަބަރުތަކުގެ ޙަޤީޤަތް ސާފު ކުރުމަށް ހުޅުމާލެ، ފުލެޓް ނަންބަރު 21308، އަޙްމަދު ޝަރީފް، ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖޭގައި އިތުރު ޤައުމެއްގެ ސިފައިން ނުތިބޭ ހިސާބަށް ވަރަށްއަވަހަށް ގެންގޮސްދެއްވާނެ ކަމުގެ ޔަޤީންކަން އަރުވާ ކަމަށެވެ.

އަޙްމަދު ޝަރީފްގެ ސުވާލަށް ދެއްވި ޖަވާބުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އެމަނިކުފާނުގެ އެެންމެ އިސް ޒިންމާއެއްގެ ގޮތުގައި ދެކޭ ކަމަކީ ރާއްޖޭގައި އެއްވެސް ގައުމެއްގެ ސިފައިން ނުތިބޭނެކަން ޔަގީން ކުރުން ކަމަށެވެ. އަދި މިހާރު ރާއްޖޭގައި ތިބި އިންޑިއާ މިލިޓަރީ ސިފައިން ރާއްޖެއިން ގެންދިއުމަށްޓަކައި ކުރަން ޖެހޭ ހުރިހާ މަސައްކަތްތައް ޑިޕްލޮމެސީގެ ރިވެތި އުސޫލުގެ މަތިން އެމަނިކުފާނު ވެރިކަމާއި ހަވާލުވި ފުރަތަމަ ދުވަހު ރަސްމީކޮށް ފަށާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

"އިރާދަކުރެއްވިއްޔާ މި މާރިޗް މަހުގެ 10 ދުވަހާއި ހަމައަށް ދާއިރުގައި އެއް ޕްލެޓްފޯމްގެ ސިފައިން ގެންދާނެ، މެއި މަހުގެ 10 އަންނަންވާއިރަށް ދެން ހުރި ޕްލެޓްފޯމްތަކުގެ ސިފައިން އިރާދަކުރެއްވިއްޔާ އަނބުރާ ގެންދާނެ،" ރައީސް ވިދާޅުވިއެވެ.

ހަމައެއާއެކު، ބަލި މީހުން އުުފުލުމަށްޓަކައި އެއާ އެމްބިއުލާންސްގެ ހިދުމަތް މާރިޗް މަހުގެ ފުރަތަމަ ދުވަހު ފަށާނެ ކަމަށާއި، ރާއްޖޭގެ ކަނޑުގެ ސަރަހައްދު ދިވެހިން އަމިއްލަަށް ބެލެހެއްޓުމަށްޓަކައި އަސްކަރިއްޔާގެ ގާބިލްކަން އިތުރުކުރުމުގެ މަސައްކަތް ބާރު ސްޕީޑްގައި ކުރެވެމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ.

"ރޭވުންތެރިކަމާއެކީ މަޝްވަރާގެ އުސޫލުން އަޅުގަނޑުމެން މިކުރާ މަސައްކަތުން އިރާދަކުރެއްވިއްޔާ ރައްޔިތުންނަށް ޔަގީންކަން މިދެނީ މި ރާއްޖޭގައި އެއްވެސް ގައުމެއްގެ ސިފައިން ނުތިބޭ ހިސާބަށް ވަރަށް އަވަހަށް ގެންގޮސްދޭނަން،" ރައީސް ޑރ. މުޢިއްޒު މިއަދު ވިދާޅުވިއެވެ.



ރައީސް މިމޭރުމުން ވިދާޅުވެފައިވާއިރު، 17 ނޮވެމްބަރު 2023 ގައި ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމުގެ ބޮޑު ޒިންމާއާ ޙަވާލުވިއިރު، ދިވެހި ރައްޔިތުންނަށް ރައީސް ވެވަޑައިގެންނެވި އެންމެ ބޮޑު ވަޢުދަކީ، ދިވެހީންގެ މިނިވަންކަމާއި އަމިއްލަވަންތަކަން ޙިމާޔަތްކޮށްދޭނެކަމުގެ ވަޢުދެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން