ކެންދޫ ދާއިރާގެ މެންބަރު ޢަލީ ޙުސައިން
ކެންދޫ ދާއިރާގެ މެންބަރު ޢަލީ ޙުސައިން
މާލޭގެ ތޮއްޖެހުމަށް އޮތް ޙައްލަކީ މާލެއާ ދުރުގައި ވަރުގަދަ ދެ ސިޓީ ތަރައްޤީ ކުރުން ކަމަށް ކެންދޫ ދާއިރާގެ މެންބަރު ޢަލީ ޙުސައިން މިއަދު ވިދާޅުވެއްޖެއެވެ.

މެންބަރު ޢަލީ ޙުސައިން މިމޭރުމުން ވިދާޅުވީ، ކުރީ ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓް ލިބިފައިވާ ފަރާތްތަަކަށް ވީހާވެސް އަަވަހަކަށް ފްލެޓް ހަވާލުކުރަން ގޮވާލައި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ މިއަދު މަޖިލީހަށް ހުށަހެޅުއްވި ކުއްލި މައްސަލައިގެ ބަހުސްގައެވެ.

މައްސަލައިގެ ބަހުސްގައި ޢަލީ ޙުސައިން މިއަދު ވިދާޅުވީ، ދަޢުލަތުގެ ކުންފުނިތަކުގެ މުދަލަކީ ރައީސުލްޖުމްހޫރިއްޔާ ހިތްޕުޅާވާ ގޮތަކަށް ބަހަން ހުންނަ އެއްޗެއް ނޫން ކަމަށެވެ. އެއީ ދަޢުލަތުގެ މުދާ ކަމަށާއި، އެއަށް އަމާނާތްތެރި ވާން ޖެހޭނެ ކަމަށް ޢަލީ ޙުސައިން މިއަދު ވިދާޅުވިއެވެ.

މާލޭގެ ބޯހިޔާވަހިކަމުގެ މައްސަލާގައި ވާހަކަފުޅު ދައްކަވަމުން ޢަލީ ޙުސައިން ވިދާޅުވީ، މާލެ ބަރުމަރުކާގެ އަޑީގައި އޮންނަތާ 40 އަހަރަށްވުރެ ގިނަ ދުވަސް ވެފައިވާ ކަމަށާއި، އެކަން އެގޮތަށް ދިމާވެފައިވަނީ ހުރިހާ ޚިދުމަތެއް ހޯދުމަށް ރައްޔިތުން މާލެއަށް ބަރޯސާވާން ޖެހޭތީ ކަމަށެވެ. އަދި އެކަމަށް ޙައްލު ހޯދުމަށް މާލެ ވަށައިގެން ހުރި ހުރިހާ ފަޅެއް ހިއްކި ނަމަވެސް މާލެއަށް އޮންނަ ޑިމާންޑު ދަށަށް ނުދާނެ ކަމަށް ޢަލީ ޙުސައިން ވިދާޅުވިއެވެ.

"މާލެއަށް ޙަޤީޤަތުގައި އޮތް ޙައްލަކީ، މާލެއާ މާ ދުރުގައި މިކަހަލަ ދެރަށެއްވަރު ހެދުން. އެނޫން އެއްވެސް ގޮތަކަށް މައްސަލަ ޙައްލު ކުރެވޭނެ ކަމަކަށް އަޅުގަނޑު ޤަބޫލެއް ނުކުރަން." ޢަލީ ޙުސައިން ވިދާޅުވިއެވެ.

ޢަލީ ޙުސައިން މިމޭރުމުން ވިދާޅުވެފައިވާއިރު މާލޭގެ ތޮއްޖެހުމަށް ނިމުމެއް ގެނައުމަށް ނިމިދިޔަ ސަރުކާރުން އިޢުލާނުކުރި ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެއިން 1،351 ގޯތި، ގުޅީފަޅުން 2،218 ގޯތި، ގިރާވަރު ފަޅުން 5،432 ގޯތި ދިނުމުގެ މަސައްކަތް މިހާރު ދަނީ ކުރިއަށެވެ. ރައީސް ޑރ. މުޢިއްޒު ވިދާޅުވެފައިވަނީ ކުރީ ސަރުކާރުން ގޯތި ދިނުމަށް ނިންމި ހުރިހާ ފަރާތްތަކަށްވެސް ބިން ހިކެމުންދާ މިންވަރުން ގޯތި ދެއްވާނެ ކަމަށެވެ.

ހަމައެއާއެކު މި ސަރުކާރުން ފުށިދިއްގަރު ފަޅު ހިއްކައިގެން ތަރައްޤީކުރާ "ރަސްމާލެ" މަޝްރޫޢުގެ ދަށުން، ގޯއްޗާއި ފްލެޓު ހިމެނޭ ގޮތަށް 65،000 ހައުސިން ޔުނިޓު ގާއިމުކުރުމުގެ މަސައްކަތްވެސް މިހާރުދަނީ ކުރިއަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން