ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓުގެ ހައިސިއްޔަތުން، ދިވެހި ރައްޔިތުންނާ މުހާތަބުކުރައްވައި، 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ދެއްކެވި ވާހަކަފުޅުތަކުގެ ފޮތް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓުގައި ޝާއިއުކޮށްފިއެވެ.

"ދިވެހީންގެރާއްޖެ" މި ޝިޢާރުގެ ދަށުން، ޕީޕީއެމް-ޕީއެންސީއިން ކުރިއަށް ގެންދިޔަ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަނީ، 53 ދުވަހުގެ ތެރޭގައި، ރާއްޖޭގެ މީހުން ދިރިއުޅޭ 153 ރަށަކަށާއި، ހުރިހާ ސިޓީތަކަށް ޒިޔާރަތްކުރައްވާފައެވެ. ތަފާތު އެކި އިންތިހާބީ ހަރަކާތްތަކުގައި، ދިވެހި ގައުމުގެ ހާލަތާއި ކުރިމަގާމެދު އެމަނިކުފާނުގެ ވިސްނުންފުޅާއި ތަސައްވުރާއި ސިޔާސަތު ހާމަކުރައްވައި، 205 ފަހަރު ވާހަކަފުޅު ދައްކަވާފައިވެއެވެ.

ރިޔާސީ އިންތިހާބުގައި ދައްކަވާފައިވާ ހުރިހާ ވާހަކަފުޅުތަކާއި، ވެވަޑައިގެންފައިވާ ހުރިހާ ވައުދެއް އެއްފޮތެއްގެ ސިފައިގާ ޝާއިއުކުރައްވައި އާންމުކުރެއްވުމަކީ، ރައީސްގެ ރިޔާސީ ވައުދެކެވެ. 1024 ސަފުހާގެ މައްޗަށް އެކުލެވޭ މިފޮތުގައި، ރައްޔިތުންނާ މުހާތަބުކުރައްވައި ދެއްކެވި ކޮންމެ ވާހަކަފުޅެއްގައި ވެވަޑައިގެންނެވި މުހިންމު ވައުދުތައް ވަކީން ރަށްރަށް ސެލެކްޓް ކުރެވޭގޮތަށް ފާހަގަކޮށްދެއްވާފައިވެއެވެ. އަދި ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކަށް ކުރެއްވި ދަތުރުފުޅުތަކާއި، ކުރިއަށް ގެންދެވި ހަރަކާތްތަކުގެ ފޮޓޯތައްވެސް ހިމަނުއްވާފައިވެއެވެ.

މިއީ، ރާއްޖޭގެ ރައީސަކު، ރައްޔިތުންނަށް ވެވަޑައިގަތް ވައުދުތަކާއި، އިންތިހާބުގައި ދެއްކެވި ވާހަކަފުޅުތައް ފޮތެއްގެ ސިފައިގާ މިގާ ތަފުސީލުކޮށް އެކުލަވައިލައްވާ އާންމުކޮށް ޝާއިއުކުރެއްވި ފުރަތަމަ ފަހަރެވެ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ދިވެހި ރައްޔިތުންނާ މުޚާޠަބުކުރައްވައި 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ދެއްކެވި ވާހަކަފުޅުތަކުގެ މިފޮތް ޗާޕުކޮށް، މި ފެބްރުއަރީ މަހުގެ ތެރޭގައި، ސަރުކާރުގެ އިދާރާތަކަށާއި، ސްކޫލް މަދަރުސާތަކަށާއި، ލައިބްރަރީތަކަށް ހަދިޔާކުރެއްވުމަށްވެސް ނިންމަވާފައިވާކަން ރިޔާސީ ބަޔާނުގައި ވަނީ ހާމަކުރައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން