ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ޒުވާން ހުނަރުވެރިންނަށް އޮންލައިން ޕްލެޓްފޯމެއް ފަހިކޮށްދިނުމަށް މަސައްކަތް ކުރަށްވަމުން ގެންދަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިމޭރުމުން ވިދާޅުވީ ޢާންމުންގެ ސުވާލުތަކަށް މީސްމީޑިއާގައި ސީދާ ރައީސުލްޖުމްހޫރިއްޔާ ޖަވާބުދެއްވުމުގެ ގޮތުން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކުރިއަށް ގެންދާ "ރައީސްގެ ޖަވާބު" ގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެގޮތުން ކިޔެވުން ނިންމައި ވަޒީފާއަށް ނުކުންނަ ކުދީންނަށް ރަށުގައި ތިބެ ވަޒީފާ އަދާކުރާނެ ފުރުޞަތު ފަހިކޮށްދިނުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތު ސާފު ކުރުމަށް ތ.ކިނބިދޫ، އުފާ، ޢާއިޝަތު ރައުނާ މުޙައްމަދު، ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ، ރަށުގައި ތިބެގެން ޒުވާނުންގެ ހުނަރުތައް ބޭރުގެ މާކެޓްތަކަށް ވިއްކުމުގެ ފުރުސަތު ފަހިކޮށް ދިނުމަށް މަސައްކަތް ކުރަށްވާ ކަމަށެވެ.

ރައީސް ވިދާޅުވީ އެކިކަހަލަ ހުނަރުތައް ހުރި ޒުވާނުންގެ ކްރިއޭޓިވް މަސައްކަތްތައް އޮންލައިންކޮށް ބޭރުގެ މާކެޓްތަކަށް ވިއްކުމުގެ ފުރުސަތު ފަހިކޮށްދޭން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. އަދި އެ ފުރުސަތު ހަމަޖެހުމުން ކޮންމެ ތަނެއްގައި ހުރެގެން ވެސް އާމްދަނީ ހޯދުމުގެ ފުރުސަތު ޒުވާނުންނަށް ފަހިވާނެކަމަށް ރައީސް ވިދާޅުވި އެވެ.

"އެކުއްޖެއްގެ ޓެލެންޓް ބޭރުގެ އެކިމާކެޓްތަކަށް އޮންލައިން ވިޔަފާރީގެ ތެރެއިން، ޕޭމަންޓް ގޭޓްވޭ ނިޒާމުގެ ތެރެއިން ގެންދެވޭނެ. އެކިހަލަ ޓެލެންޓް ހުންނަ ކުދިން މިތިބެނީ. އެހެންވީމާ އެހުންނަ ތަނެއް މެޓާއެއް ނުވާނެ އޭރަކުން." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އަތޮޅުތަކުގައި ފުޅާކުރާ އިގްތިޞާދީ މަޝްރޫއުތަކުގެ މަގުސަދަކީ ރަށުގައި ތިބެގެން ވަޒީފާ އަދާކުރުމުގެ ފުރުސަތު ހޯދައިދިނުން ކަމަށެވެ. ނަމަވެސް މިހާތަނަށް ތ. އަތޮޅުގައި އެކަށީގެންވާ ވަޒީފާގެ ފުރުސަތުތައް ނެތްކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި ވަޒީފާގެ ފުރުސަތު ފުޅާވެގެންދާނީ ރިސޯޓުތަކާއި، މަސްވެރިކަމާއި، ނުވަތަ ކްރިއޭޓިވް އެކޮނަމީއެއް އަތޮޅުގައި ގާއިމްކުރެވިގެން ކަމަށް ރައީސް ވިދާޅުވިއެވެ.

"ރައުނާއަށް އަޅުގަނޑު ދަންނަވަން ބޭނުންވަނީ އުންމީދު ކުރާށޭ އިރާދަކުރެއްވިއްޔާ ނަތީޖާ އަޅުގަނޑު ނެރެދޭނަަމޭ." ރައީސް ވިދާޅުވި އެވެ.



ރައީސް ޒުވާނުންނަށް މިފަދަ އުންމީދެއް ދެއްވާފައިވާއިރު، ރާއްޖޭގެ އިޤްތިޞާދު އިތުރަށް ފުޅާކޮށް އަމިއްލަ ފައިމައްޗަށް ތެދުވުމުގެ މަސައްކަތް ފައްޓަވާފައިވާ ކަމަށް މީގެ ކުރިން ރައީސް ވަނީ ވިދާޅުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން