ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސެއިން
ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސެއިން
ދައުލަތުގެ އެއްބާރުން އަނެއް ބާރުގެ ހިންގުމުގެ ތެރެއަށް ނުވަނުމަށް ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސެއިން ގޮވާލައްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އަދަދު ގުނާ ގޮތަށް މަޖިލީހުން ގެނައި އިސްލާހަށް މަޑުޖައްސާލުމަށް ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން، މިއަދު މަޖިލީހުގައި ކުރި ބަހުސްގަައި ސައުދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހަކީ ދައުލަތުގެ ޕަވަރ އޮފް ބެލެންސް ހިފަހައްޓާ ނިޒާމް ކަމަށެވެ. އަދި އެއީ ސަރުކާރުގެ ހިންގުމުގެ ބާރާއި ޝަރީއަތް ކުރުމުގެ ބާރާއި ދެމެދުގައި އޮންނަ ބެލެންސްކުރާ ބާރު ކަމަށެވެ.

އެހެންނަމަވެސް މިހާރު ކަންތައް ގޮސްފައި އޮތް ހިސާބުން ފެންނަނީ ދަޢުލަތުގެ ތިން ބާރުގެ ތެރެއިން އަނެއް ދެބާރުން އަނެއްކާވެސް މަޖިލިސް ކޮށަން ތައްޔާރުވެފައި އޮތް މަންޒަރު ކަމަށް ސަޢުދު ވިދާޅުވިއެވެ.

ސައުދު ވިދާޅުވީ މީގެ ކުރިންވެސް ސަރުކާރުން ސުޕްރީމް ކޯޓަށް ދިއުމުން މަޖިލިސް ކޮށާލަން މަސައްކަތް ކުރި ކަމަށެވެ.

"އެހެންވީމާ އަޅުގަނޑު އިލްތިމާސްކުރަން ދައުލަތުގެ ބާރުތަކަށް އެ ބާރެއްގެ ހުދޫދުގެ ތެރޭގައި އެ ބޭރުގެ ބޭނުން ހިފާށޭ. އޭގެން ބޭރު ނުވާށޭ. އަނެއްކާވެސް ރާއްޖޭގެ ތިން ބާރުގެ ބެލެންސް ކަޓައިގެން މި ބާރުތައް އިސްލާހު ކުރަން ޖެހިދާނެ." ސައުދު ވިދާޅުވި އެވެ.

ސައުދު ވިދާޅުވީ ސަރުކާރުގެ ބާރުތައް މިހާރުވެސް މާބޮޑުވެއްޖެ ކަމަށެވެ. އެހެންކަމުން ސަރުކާރުގެ ބާރުތައް ބޭނުންކުރަމުންދާ ގޮތް ރައްޔިތުންގެ މަޖިލީހުން ބަލައި ރަނގަޅަށް ފާރަލައި ބާރުތަކުގެ ތަރަހައިގެ ތެރެއަށް ވައްދަން ޖެހޭ ކަމަށް ސަޢުދު ވިދާޅުވިއެވެ.

"ރައީސުލްޖުމްހޫރިއްޔާއަކީ މާ ބާރުގަދަ މީހަކަށް ވެއްޖެ. ދައުލަތުގެ ކުންފުނިތަކަކީ އެމަނިކުފާނުގެ އަމިއްލަ މުދަލަށް ވެއްޖެ." ސައުދު ވިދާޅުވި އެވެ.

ސަޢުދު މިމޭރުމުން ވިދާޅުވެފައިވާއިރު އާންމު މަސްލަހަތު ދެމެހެއްޓުމަށްކަމަށް ބުނެ މި މަހުގެ 08 ވަނަ ދުވަހު ސުޕްރީމް ކޯޓުން މަޖިލީހުގެ މައްޗަށް ނެރުނު އަމުރުގައި ވަނީ މަޖިލީހުގެ ޖަލްސާތަކުގެ ކޯރަމް މީގެ ކުރިން ވެސް ގުނަމުން އައި ގޮތަށް ހުސްވެފައިވާ ގޮނޑިތައް ހިމަނައިގެން ޖުމްލަ އަދަދު ބެލުމަށެވެ.

ނަމަވެސް މަޖިލީހުން ނިންމާފައިވަނީ މަޖިލީހުގެ މެންބަރުންގެ ޖުމްލަ ޢަދަދު ކަމަށް ބަލާނީ އެވަގުތަކު މަޖިލީހުގައި ތިއްބަވާ މެންބަރުންގެ ޢަދަދު ކަމަށެވެ. މަޖިލީހަށް 87 މެންބަރުން އިންތިޚާބު ކޮށްފައިވީ ނަމަވެސް އޭގެ ތެރެއިން 7 މެންބަރުން މިހާރުވަނީ އިސްތިޢުފާ ދެއްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން