ރ. އުނގޫފާރަށް ދިމާވެފައިވާ ބިމުގެ ދަތިކަން ހައްލު ކުރުމަށް މިހާރު ކުރިއަށް ގެންދާ ބިން ހިއްކުމުގެ މަސައްކަތް ރައްޔިތުން ބޭނުންވާގޮތަށް ކުރިއަށް ގެންގޮސްދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުން މިހާރު ކުރިއަށް ގެންދާ "ރައީސްގެ ޖަވާބު" ޕްރޮގްރާމްގައި މިއަދު ގެނެސްދިން ބައިގައި ރ. އުނގޫފާރު ރައްޔިތެއްކަމަށްވާ އަޙްމަދު ޝިޔާމް ވަނީ އެ ރަށުގެ ބިން ހިއްކުމުގެ މަޝްރޫއު ކުރިއަށްދާގޮތާއި ގުޅޭގޮތުން ކަންބޮޑުވުން ފާޅުކުރަށާވާފައެވެ.

އޭނާ ވިދާޅުވީ، އުނގޫފާރުގެ ބިން ހިއްކެންއޮތް އެންމެ ބޮޑަކަށް ހިއްކައިދެއްވާނެ ކަމަށް ރިޔާސީ އިންތިހާބުގެ ކެމްޕޭންގައި ރައީސް ވިދާޅުވެފައިވާކަމަށާއި ނަމަވެސް، މިހާރު ވެސް އެ މަސައްކަތް ކުރިއަށްދަނީ އެގޮތަށް ނޫންކަމަށެވެ. އެހެންކަމުން އެކަން ކުރިއަށްދާގޮތާއި ގުޅޭގޮތުން އޭނާ ވަނީ ރައީސްއާއި ސުވާލު ކުރަށާވާފައެވެ.

އަޙްމަދު ޝިޔާމްގެ ސުވާލުގެ ޖަވާބުގައި ރައީސް ވިދާޅުވީ، އެމަނިކުފާނު ވެވަޑައިގަންނަވާ ވައުދުތައް ވައުދުވީގޮތަށް ފުއްދަވައިދެއްވާނެ ކަމަށެވެ. އެގޮތުން، އެ ރަށުގެ ބިން ހިއްކުމުގެ މަސައްކަތުގެ ސްކޯޕްގައި މިހާރު ހިމެނޭ މިންވަރަށްވުރެ 3 ހެކްޓަރު އިތުރަށް ހިއްކުމުން އެ ރަށުން ހިއްކޭނެ އެންމެ ބޮޑަށް ހިއްކުނީ ކަމަށާއި އެހެންކަމުން، މިހާރު ކުރިއަށްދާ މަސައްކަތުގެ ދަށުން އުނގޫފާރުގެ ބިން ހިއްކާ ބޮޑުމިނަށް އިތުރު 3 ހެކްޓަރު އިތުރު ކުރެވިގެން އެ މަސައްކަތް ނިންމާލެވޭނެކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

އުނގޫފާރުގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް އެމްޓީސީސީއާއި ހަވާލު ކުރީ 2021 ވަނަ އަހަރުގެ ޖަނަވަރީ 31 ވަނަ ދުވަހުއެވެ. ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު ހަވާލުކޮށްފައި ވަނީ 240 ދުވަސްތެރޭ ނިންމާގޮތަށް، 75.3 މިލިއަން ރުފިޔާ އަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން