ގެދޮރުވެރިޔާ ސްކީމްގެ ދަށުން އެންޓިކޮރަޕްޝަން ކޮމިޝަނުން ތައްޔާރު ކޮށްފައިވާ ފުލެޓް ލިބޭ ލިސްޓްކަމަށްބުނެ މީސްމީޑިއާގައި ފަތުރަމުންދަނީ ސައްހަ ލިސްޓެއް ނޫންކަމަށް އެ ކޮމިޝަނުން ބުނެފިއެވެ.

އެ ކޮމިޝަނުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، ކުރީ ސަރުކާރުން ފުލެޓް ދިންގޮތުގެ މައްސަލައާއި ގުޅޭގޮތުން ކޮމިޝަނުގެ ތަހުގީގަށް ހޯދިފައިވާ ހޯދުންތަކުގެ މައްޗަށް ބިނާކޮށް ތަހުގީގުގެ ބޭނުމަށް ތައްޔާރު ކޮށްފައިވާ ލިސްޓެއްގެ މައުލޫމާތު މިހާތަނަށް ކޮމިޝަނުން ހިއްސާ ކޮށްފައިވާނީ، މި މައްސަލަ ރައްދުވާ ހައުސިންގ މިނިސްޓްރީއާއި ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމެޓީއާއި އެކަނި ކަމަށެވެ.

އަދި އެ މައްސަލައާއި ގުޅޭގޮތުން މީޑިއާއަށް މައުލޫމާތު ދިނުމަށް ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ތަހުގީގަށް ފާހަގަ ކުރެވުނު މުހިންމު ކަންކަމުގެ ތަފުސީލު ހިއްސާ ކޮށްފައިވާނޭ ކަމަށާއި، އޭގެ އިތުރުން އެއްވެސް ފަރާތަކަށް އެ މައްސަލައިއާއި ގުޅޭ މައުލޫމާތެއް ނުވަތަ ލިޔުމެއް ވެސް އެ ކޮމިޝަނުން ނުވަތަ ކޮމިޝަންގެ މުވައްޒަފަކު ވެސް ހިއްސާ ކޮށްފައި ނުވާނެކަމަށް ވަނީ ބުނެފައެވެ.

އޭސީސީގެ ބަޔާނުގައި، އާންމުންނާއި ގުޅުންހުރި އެފަދަ މައްސަލަތަކުގައި ރައްޔިތުންނަށް ކަންކަމުގެ ހަގީގަތް އޮޅޭގޮތަށް މީސްމީޑިއާގައި ހަގީގަތާއި ހިލާފު ވާހަކަތައް ފެތުރުމަކީ ރައްޔިތުންގެ ހިތްތަކުގައި ނަފުރަތު އުފެދޭނެ ކަމެއްކަމަށްވާއިރު އެ ފަދަ ކަންކަން ކުރުމުގައި ޒިންމާދާރު ވުމަށް އޭސީސީން ގޮވާލާފައި ވެއެވެ.

އަދި އެއްވެސް މައްސަލައެއް ތަހުގީގު ކުރުމުގައި އޭސީސީއަށް އެއްވެސް ބައެއްގެ ނުފޫޒެއް ނުފޯރުވޭނެކަމަށް ވެސް ބަޔާނުގައިވަނީ ބުނެފައެވެ.

އޭސީސީން މިފަދަ ބަޔާނެއް ނެރެފައިވާއިރު، ކުރީ ސަރުކާރުން ރިޔާސީ އިންތިހާބުގެ ދުވަސްވަރު ފުލެޓްތައް ދޫކޮށްފައިވާ ގޮތާއިމެދު ގިނަ ބަޔަކު ސުވާލު އުފައްދައި މައްސަލަ ހުށައެޅުމުން އެ މައްސަލަ އޭސީސީން ބެލުމަށްފަހު ވަނީ، އެ ފުލެޓްތައް ދިނުމުގައި ބޮޑެތި އޮޅުވާލުންތައް އެބަހުރިކަމަށް ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން