އ.ދ. ގެ އާންމު މަޖިލީހުގައި ފާސްކޮށްފައިވާ އެއްބަސްވުމެއް ކަމުގައިވާ "އެގްރީމަންޓް އަންޑަރ ދަ ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން އޮން ދަ ލޯ އޮފް ދަ ސީ އޮން ދަ ކޮންޒަވޭޝަން އެންޑް ސަސްޓެއިނަބަލް ޔޫޒް އޮފް މެރިން ބައޮލޮޖިކަލް ޑައިވަރސިޓީ އޮފް އޭރިއަރޒް ބިޔޯންޑް ނޭޝަނަލް ޖުރިސްޑިކްޝަން" ނުވަތަ ބަޔޯޑައިވަރސިޓީ ބިޔޯންޑް ނޭޝަނަލް ޖުރިސްޑިކްޝަން (ބީ.ބީ.އެން.ޖޭ) ގައި ރާއްޖެއިން ބައިވެރިވުމަށް ކެބިނެޓުގެ ލަފައާއެކު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ނިންމަވައިފިއެވެ.

ރައީސް މިގޮތަށް ނިންމެވީ މިއަދު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް އެންވަޔަރަންމަންޓް އެންޑް އެނަރޖީން ހުށަހަޅުއްވާފައިވާ ކަރުދާހާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް ފަހުގައެވެ.

މި މުޢާހަދާއަކީ ހައި ސީސް ނުވަތަ މާކަނޑުގެ ދިރުންތަކާއި ސަރަހައްދުތައް ހިމާޔަތްކޮށް ރައްކާތެރިކުރުމަށާއި، ދެމެހެއްޓެނިވި ގޮތުގައި ބޭނުންކުރުމަށް މަގުފަހިކުރުމަށް އެކުލަވާލާފައިވާ މުޢާހަދާއެކެވެ.

ސަރުކާރުން ބުނެފައިވަނީ، މި މުޢާހަދާ އެކުލަވައިލެވިގެން ދިއުމަކީ މާކަނޑުގެ މާހައުލީ ނިޒާމުތައް ރައްކާތެރިކޮށް ހިމާޔަތްކުރުމަށް މިހާތަނަށް ބައިނަލްއަޤްވާމީ ގޮތުން ކުރެވުނު އެންމެ މުހިންމު މަސައްކަތް ކަމަށާއި އަދި ކަނޑުގެ ސަރަހައްދު ހިމާޔަތްކުރުމަށާއި ދެމެހެއްޓެނިވި ގޮތުގައި ބޭނުންކުރުމަށް މަގުފަހިކުރުވާ މިފަދަ މުޢާހަދާއެއްގައި ދިވެހިރާއްޖެފަދަ ކުޑަ ޖަޒީރާ ޤައުމަކުން ބައިވެރިވުމަކީ މުހިންމުކަމެއްކަމަށް ސަރުކާރުން ގަބޫލު ކުރާކަމަށެވެ.

މި މުޢާހަދާގައި ދުނިޔޭގެ 83 ޤައުމަކުން މިހާތަނަށް ވަނީ ސޮއިކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން