ނިމިދިޔަ ސަރުކާރަކީ މިހާތަނަށް ރާއްޖެދުށް އެންމެ ބޮޑު ދަރަންޏެއް އުފެއްދި ސަރުކާރުކަމަށް މަސްވެރިކަމާބެހޭ މިނިސްޓަރު އަޙްމަދު ސިޔާމް ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްގެ ޕްރޮގްރާމެއްގައި މިރޭ ވާހަކަ ދައްކަވަމުން ސިޔާމް ވިދާޅުވީ، މަސްވެރިކަމުގެ ސިނާއަތާއި އަދި އެނޫންވެސް ސިނާއަތްތަކަށް މިއަދު އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ކުރީގެ ސަރުކާރުން އުފައްދާފައިވާ ބޮޑު ދަރަނިކަމަށެވެ.

އެގޮތުން، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރު ވެރިކަމާއި ހަވާލުވިއިރު ރާއްޖޭގެ ދަރަނި ހުރީ 62 ބިލިއަން ރުފިޔާގައި ކަމަށާއި، ނަމަވެސް، ވެރިކަމުގެ ދައުރު ނިމުނުއިރު ރާއްޖޭގެ ދަރަނި 121 ބިލިއަނުގެ އަދަދަކަށް އަރާފައިވާކަމަށެވެ.

އެހެންކަމުން، މިދިޔަ ސަރުކާރުންވަނީ ރަސްރަސްކަލުންގެ ޒަމާނުއްސުރެ ވެސް އުފައްދާފައިނުވާ ދަރަނީގެ ދެގުނަ އުފައްދާފައިކަމަށް ސިޔާމް ވިދާޅުވިއެވެ.

ސިޔާމް ވިދާޅުވީ، އޭގެ ސަބަބުން މަސްވެރިންނަށް ދޭންޖެހޭ ފައިސާ ދިނުމުގައި ދަތިތަކެއް ހުރިކަމަށެވެ. ނަމަވެސް، މަސްވެރިންނަށް ދޭންޖެހޭ ފައިސާ ދިނުމަށްޓަކައި، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވާ ފަދައިން ސޮވެރިންގ ގެރެންޓީދީގެން ނަމަވެސް ފައިސާ ހަމަޖެއްސުމުގެ މަސައްކަތް މިހާރު ސަރުކާރުން ފަށާފައިވާ ކަމަށް ސިޔާމް ވަނީ ވިދާޅުވެފައެވެ.

ސިޔާމް އިތުރަށް ވިދާޅުވީ، ކުރީ ސަރުކާރުން މާލީ ކަންކަމުގައި އަމަލުކޮށްފައިވަނީ ވަރަށް ވެސް ޒިންމާދާރުކަން ކުޑަކޮށް ކަމަށާއި ފައިސާގެ މުއާމަލާތްތަކުގައި އެއްވެސް ޑިސިޕްލިންގ އެއްވެސް ގެންގުޅެފައި ނުވާކަމަށެވެ. އަދި ކުރީ ސަރުކާރުން މާލީ ކަންކަން ކުރިއަށް ގެންގޮސްފައިވަނީ އެއްވެސް ރޭޓިންއެއް ވެސް ނުހަދާކަމަށާއި އޭގެ ނަތީޖާއެއްގެ ގޮތުން ރާއްޖެއަށް ލޯނު ލިބުމުގައި ވެސް ދަތިތަކެއް އެބަހުރިކަމަށް އޭނާ ވިދާޅުވިއެވެ.

ކުރީ ސަރުކާރުން އުފެއްދި ދަރަނީގެ ވާހަކަ ރައީސް ޑރ. މުޙައްމަދު މުއިއްޒު ވެސް ދާދިފަހުން ވަނީ ފާހަގަ ކުރައްވާފައެވެ. އެމަނިކުފާނު ވިދާޅުވެފައިވަނީ މީގެ ކުރިން އެއްވެސް ސަރުކާރަކުން ރާއްޖެ ވައްޓާލާފައިނުވާހާ ދަށް ހާލަތަކަށް ދަރަނީގެ ގޮތުން މިދިޔަ ސަރުކާރުން ރާއްޖެ ވައްޓާލާފައިވާކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު


1

ޒިޔާފު

19-Feb-2024

އަވަސް ގޮތަކަށް ޚަލާސްކޮއްލާ



ޓްރެންޑިން