އިސްރާއީލު ސިފައިން ޣައްޒާގައި ހިންގަމުންދާ ބޮޑު އަސްކަރީ ލާއިންސާނީ އަނިޔާތަކުގެ ސަބަބުން ގެދޮރު ގެއްލިފައިވާ އެތައް މިލިއަން ފަލަސްތީނުގެ މީހުން ވަގުތީ ހިޔާވަހިކަން ހޯދުމަށް ދިރިއުޅުން ބަދަލުކޮށްފައިވާ ދެކުނު ޣައްޒާގެ ރަފާ ސިޓީގައި އަސްކަރީ ހަރަކާތްތައް ފުޅާކުރުމަށް އިސްރާއީލު ސަރުކާރުން ނިންމި ނިންމުން ދިވެހި ސަރުކާރުން ކުށްވެރިކޮށްފިއެވެ.

ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ވަނީ އިސްރާއީލުގެ އިސްތިއުމާރީ ބާރުތަކުން ޣައްޒާއަށް ލާއިންސާނީ ހަމަލާތައް ދީގެން މައުސޫމް ފަލަސްތީން ރައްޔިތުންނަށް ގެދޮރު ދޫކޮށްލުމަށް މަޖުބޫރުކުރުވުމާއި އިންސާނީ އެހީ ފޯރުކޮށްދިނުމުގައި ހުރަސްއެޅުމަކީ ބައިނަލްއަގްވާމީ ގާނޫނުތަކާއި ގަވާއިދުތަކާ ކަނޑައެޅިގެން ޚިލާފުވުން ކަމަށް ބުނެފައެވެ.

އިސްރާއީލު ސިފައިން ހިންގާ ނަސްލު ނައްތާލުމުގެ މި އަމަލުތައް ކުރިއަށް ގެންދިއުން ހުއްޓުވުމަށް، ފިޔަވަޅު އެޅުމަށް ބައިނަލްއަގްވާމީ މުޖުތަމަޢަށް ގޮވާލާ، ބައިނަލްއަޤްވާމީ ކޯޓުން 26 ޖެނުއަރީގައި ނެރުނު ވަގުތީ ފިޔަވަޅުތަކުގެ އަމުރަށް އިސްރާއީލުގެ ކަމާބެހޭ ފަރާތްތަކަށް ބޯލެނބުމަށް ބާރުއެޅުވުމަށް ދިވެހި ސަރުކާރުން ގޮވާލާފައި ވެއެވެ. އަދި ނަސްލު ނައްތާލުމުގެ އަމަލުތައް ހުއްޓުވުމަށާއި، ވަގުތުން ހަނގުރާމަ ހުއްޓާލާ، ފަލަސްތީނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ފިޔަވަޅުތައް އެޅުމަށްވެސް ދިވެހި ސަރުކާރުން ނެރުނު ބަޔާނުގައި ގޮވާލާފައި ވެއެވެ.

1967 ގެ ކުރިން އޮތް ބޯޑަރުގެ މައްޗަށް ބިނާކޮށް ފަލަސްތީނުގައި މިނިވަން ދައުލަތެއް ޤާއިމުވެ، އެޤައުމުގެ ޝަރުއީ ހައްޤު ކަށަވަރުވުމަށް ދިވެހި ސަރުކާރުން އަބަދުވެސް ތާއީދުކުރާކަމަށް ސަރުކާޜުން ކަށަވަރުކޮށްދީފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން