ކުރިން ހުއްދަ ނެގުމަކާނުލާ މާލޭގައި އެއްވެ އުޅެވޭ އިތުރު ތަންތަން ކަނޑައެޅުމުގެ މަސައްކަތް ސަރުކާރުން ކުރަމުން ދާކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު ޢަލީ އިހުސާން ވިދާޅުވެއްޖެއެވެ.

މިނިސްޓްރީގެ މަސައްކަތްތަކާއި ގުޅޭގޮތުން ބައެއް އެހެން އިދާރާތައް ވެސް ހިމެނޭހެން މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިހުސާން ވިދާޅުވީ، އެއްވެ އުޅުމުގެ މިނިވަންކަމާއި ގުޅޭގޮތުން، ކުރިން އެންގުމަކާއިނުލާ މާލޭގައި އެއްވެ އުޅެވޭ އިތުރު ސަރަހައްދުތައް ކަނޑައެޅުމަށް އެކަމުގައި ބަލަންޖެހޭ ކަންކަން މިހާރު މިނިސްޓްރީގެ ފަރާތުން ބަލަމުން ދާކަމަށެވެ.

އަދި ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވިސްނުންފުޅާއި އެއްގޮތަށް އެ ލުއިތައް ދިނުމަށްޓަކައި އެ ސަރަހައްދުތައް ވަރަށް އަވަހަށް އިއުލާނު ކުރައްވާނެކަމަށް ވެސް އިހުސާން ވަނީ ވިދާޅުވެފައެވެ.

"ހަފުތާ14ގެ ތެރޭގައި ވަރަށް އަވަހަށް އިއުލާން ކުރާނަން އޭގެ ތެރެއިން ދޫކުރާނެ ލުއިތައް. އަޅުގަނޑުމެން މިހާރު ބަލަމުން މިދަނީ މިސާލަކަށް ހުއްދައެއް ނުނަގާ މާލެ ތެރޭގައި އެއްވާން މި އޮންނަނީ އެންމެ ތަނެއް، އޭގެ ބަދަލުގައި ފުލުހުންގެ ހުއްދަ ކުރިއާލައި ނުނަގާ އެއްވެ އުޅެވޭނެ އިތުރު ތަންތަން އައިޑެންޓިފައި ކުރެވޭތޯ މި ދަނީ މަސައްކަތް ކުރަމުން،" މިނިސްޓަރު ވިދާޅުވިއެވެ.

އިހުސާން މިހެން ވިދާޅުވިއިރު، މި އަހަރަށް ރައްޔިތުންގެ މަޖިލީސް ހުޅުވުމަށް ބޭއްވި ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެސް ވަނީ މާލޭގައި އެއްވެ އުޅެވޭ ތަންތަން އިތުރު ކުރުމަށް، އެއްވެ އުޅުމުގެ ގާނޫނަށް ގެންނަން ބޭނުންވާ އިސްލާހުތައް އަވަސްކުރަން ބޭނުންވާފުޅުވާކަމަށާއި އެކަން މަޖިލީހުގެ ތެރެއިން އަވަސް ކޮށްދިނުމަށް އެދިވަޑައިގެންފައެވެ.

ކުރިން ހުއްދަ ހޯދުމަކާއި ނުލާ މާލޭގައި އެއްވެވޭނީ ހަމައެކަނި ކާނިވާ ސަރަހައްދަށްކަމަށް ކަނޑައެޅީ ރައީސް ޔާމީންގެ ސަރުކާރުގައެވެ. އެ ނިންމުމަށް އޭރުގެ އިދިކޮޅު އެމްޑީޕީން ބޮޑެތި ފާޑުކިޔުންތަކެއް ކީނަމަވެސް، އޭގެފަހުން އެ ޕާޓީގެ ސަރުކާރެއް އުފެދި ދައުރު ނިމުނު އިރުވެސް ހަނިކުރި އެއްވެސް ކަމެއް ދޫކޮށްލުމަށް ގާނޫނަށް އިސްލާހު ގެނެސްފައެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން