ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ
ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ
ޤާނޫނު އަސާސީގައި ތިންބާރު ވަކިކުރުމުގެ އެންމެބޮޑު ބޭނުމަކީ އެއްވެސް ވެރިއަކަށް ސިސްޓަމް އެބިއުސް ކުރުމުގެ ފުރުސަތު ނުދިނުން ކަމަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ ވިދާޅުވެއްޖެއެވެ.

އީވާ މިމޭރުމުން ވިދާޅުވީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވަޒީރުންގެ ތެރެއިން މަޖިލީހުން ރުހުން ނުލިބުނު ތިން ވަޒީރުން އަލުން މަޤާމަށް އައްޔަންކުރުމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 167 ވަނަ މާއްދާގެ ދަށުން މަޖިލީހަށް ހުށައެޅުއްވި ޤަރާރުގައެވެ. އެގޮތުން އީވާ ވިދާޅުވީ، ބަރުލަމާނީ ބާރަށް ސަރުކާރުން އިހުތިރާމުކުރަން ޖެހޭނެ ކަމަށެވެ.

ހަމައެއާއެކު މަޖިލީހުން ރުހުން ނުލިބުނު ތިން ވަޒީރުން އަލުން ކެބިނެޓަށް އައްޔަންކޮށްފައިވާތީ އެ ނިންމުމާމެދު އަލުން ވިސްނާވަޑައިގެން، ގާނޫނުއަސާސީއާ އެއްގޮތަށް އަމަލު ކުރުމަށް އީވާ ވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒަށް ގޮވާލައްވާފައެވެ. އަދި މިއީ ދިވެހިރައްޔިތުން ދިވެހި ދައުލަތަށާއި ދިވެހި ސަރުކާރަށް ކުރާ އިތުބާރުނެތިގެންދާނެ ފަދަ، އުނދަގޫ ހާލަތަކަށް ހިނގައިގެންދާނެ ފަދަކަމެއް ކަމަށްވެސް އީވާ ވިދާޅުވިއެވެ.

އޭގެ އިތުރުން ވެރިކަން ހިންގާ ބާރުގެ އެ ޢަމަލަކީ، ވެރިކަން ހިންގުމުގެ ބާރުގެ ފަރާތުން ކުރާ ކަންތައްތައް ހިނގާނުހިނގާ ގޮތް ބެލުމާއި ވެރިކަން ހިންގުމުގެ ބާރު ޖަވާބުދާރީކުރުވުމަށް ރައްޔިތުންގެ މަޖިލީހަށް ދީފައިވާ ބާރު ނިގުޅައިގެންދާފަދަ އަމަލެއް ކަމަށްވެސް އީވާ ވިދާޅުވިއެވެ.

"އެ ނިންމެވުމަކީ ރައްޔިތުންގެ މަޖިލީހުގެ ގާނޫނީ ބާރުވެރިކަމަށް ކަނޑައެޅިގެން ގޮންޖައްސަވައި ގާނޫނުއަސާސީ އާއި ގާނޫނާ ހިލާފު ނިންމުމެއް." އީވާ ވިދާޅުވި އެވެ.

ގާނޫނުއަސާސީ އިސްލާހު ކުރިއިރު އެންމެ ފޮނިމީރުކަމެއްކަމަށް އުންމީދުކުރީ ޗެކް އެންޑް ބެލެންސް ކަމަށާއި، ދަޢުލަތުގެ އެއްވެސް ބާރަކަށް، ނުވަތަ އެއްވެސް ވެރިއަކަށް ސިސްޓަމް އެބިއުސް ނުކުރެވޭނެ ގޮތް ހެދުން ކަމަށްވެސް އީވާ މިއަދު ވިދާޅުވިއެވެ.

އީވާގެ މި ޤަރާރަށް މަޖިލީހުން ވަކިގޮތެއް ކަނޑައެޅުމުގެ ކުރިން، ރުހުން ނުލިބުނު ތިން ވަޒީރުނަށް ރުހުން ދިނުމުގެ މައްސަލަ ތާވަލު ނުކޮށް ފަސްކުރަން މަޖިލީހުގެ ރައީސް އަސްލަމް މިއަދު ވަނީ ނިންމަވާފައެވެ.



ކިޔުންތެރިންގެ ހިޔާލު


2

އަލިފު ޙާ!

17-Feb-2024

ސަރުކާރު ހިންގަން ޖެހެނީ ރިޔާސީ ނިޒާމަށް، އެކަމަކު ރައްޔިތުންގެ މަޖިލިސް ހިންގަން މިޖެހެނީ ބަރުލަމާނީ ނިޒާމަށް، އިސްފިރޭނު ކޯޓު ހިންގަންޖެހޭނީ ދެ ނިޒާމަށް، ވީއިރު ރައްޔިތުން އުޅެންޖެހޭ ނިޒާމެއް ނެތެވެ.



ޓްރެންޑިން