ޝަރީފް ފޯމް ހުށައެޅުއްވުމަށް ވަޑައިގަންނަވަނީ
ޝަރީފް ފޯމް ހުށައެޅުއްވުމަށް ވަޑައިގަންނަވަނީ
އަމިއްލަގޮތުން ރައްޔިތުންގެ މަޖިލީހަށް ވާދަކުރެއްވުމަށް ސައިރިކްސް އަޙްމަދު ޝަރީފް ފޯމް ހުށައަޅުއްވައިފިއެވެ.

މޯލްޑިވްސް ނެޝަނަލް ޕާޓީގެ ނައިބު ރައީސްގެ މަޤާމުގައިވެސް ހުންނެވި ޝަރީފްގެ އެޕްލިކޭޝަން ފޯމް އިލެކްޝަންސް ކޮމިޝަނަށް ހުށައަޅުއްވާފައިވަނީ މިއަދުއެވެ. ފޯމު ހުށައެޅުއްވުމަށް ޝަރީފް ވަޑައިގެންނެވިއިރު އޭނާގެ އަރިހުގައި ދާއިރާގެ ގިނަ ޢަދަދެއްގެ ރައްޔިތުންވެސް އީސީއަށް ޙާޟިރުވެފައިވެއެވެ.

ޝަރީފަކީ އައްޑޫގެ ތަރައްޤީއަށް މިހާރުވެސް ގިނަ މަސައްކަތްތަކެއް ކުރަށްވަމުން ގެންދަވާ ފަރާތެކެވެ. އެގޮތުން އެ މަސައްކަތްތަކުގައި ޙަޤީޤީ ކުލަ ޖެއްސުމަށްޓަކައި ހުޅުދޫ ގެ މަޖިލީހުގެ ގޮނޑިއަކީ ސިޔާސީ ލީޑަރަކަށް ތަބާވާ އަޅަކު ހޫނުކުރާ ގޮނޑިއަކަށް މިފަހަރު ހަދައިގެން ނުވާނެ ކަމަށާއި، ހުޅުދޫގެ ގޮނޑި ހުޅުދޫގެ ރައްޔިތުންގެ ބާރުހިނގާ ގޮނޑިއަކަށް މިފަހަރު ހަދަންވާނެ ކަމަށް ޝަރީފް ވަނީ ވިދާޅުވެފައެވެ.

ފޯމު ހުށައެޅުއްވުމަށް ފަހު ޝަރީފް ވިދާޅުވީ، ރައްޔިތުންގެ ކެންޑިޑޭޓެއްގެ ގޮތުގައި މަޖިލީހުގައި ހުޅުދޫ ދާއިރާގެ ރައްޔިތުން ތަމްސީލު ކުރެއްވުމަށް ފޯމު ހުށައަޅުއްވާފައިވާ ކަމަށެވެ.



މަޖިލީސް އިންތިޚާބުގައި ވާދަކުރަށްވާނެކަން މީސްމީޑީއާގައި ހާމަކުރަށްވަމުން ޝަރީފް ވިދާޅުވެފައިވަނީ، މިފަހަރު ބަދަލަކަށް ޝަރީފަށް ފުރުސަތެއް ދެއްވުމަށާއި ސަރުކާރާ ގުޅިގެން ހުޅުދޫގެ ތަރައްޤީއަށް މަސައްކަތް ކުރަށްވާނެ ކަމުގެ ޔަޤީންކަން އަރުވާ ކަމަށެވެ.

"މިސަރުކާރުގެ ތެރެއިން އަޅުގަނޑަށް ނުކުރެވޭނެ ވަކި ކަމެއް އަޅުގަނޑާ ވާދަކުރާ އެހެން ކެނޑިޑޭޓަކަށް ވެސް ނުކުރެވޭނެ، ހުޅުދޫ ތަރައްގި ކުރެވޭނީ ޒަމާނި ފިކުރަށް އަދި ތައުލިމީ ގާބިލު އަލަށް ކުރިމަތިލާ ހުޅުދޫގެ ދަރިންނަށް ފުރުސަތުދީގެން." ޝަރީފް ވިދާޅުވެފައިވެއެވެ.

ޝަރީފްގެ އިތުރުން އެދާއިރާއަށް ކުރީގެ މެންބަރު މުޙައްމަދު ޝާހިދުވެސް ވާދަކުރަށްވާނެކަން މިހާރު ވަނީ އިއުލާން ކުރަށްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން