ކުރީގެ ކުޅިވަރާބެހޭ ވަޒީރު އަޙްމަދު މަޙްލޫފް
ކުރީގެ ކުޅިވަރާބެހޭ ވަޒީރު އަޙްމަދު މަޙްލޫފް
އައްޑޫ ސިޓީގެ ކުޅިވަރު ސްޓޭޑިއަމްގައި މިދިޔަ ސަރުކާރުގެ ދަވާދު ކޮޅެއްގެ މިންވަރު ވެސް ހާކާނުލާކަމަށް އެސިޓީގެ މޭޔަރ ޢަލީ ނިޒާރު ވިދާޅުވުމާ ގުޅިގެން ކުރީގެ ކުޅިވަރާބެހޭ ވަޒީރު އަޙްމަދު މަޙްލޫފް އެކަމަށް ރައްދު ދެއްވައިފިއެވެ.

އައްޑޫ ސިޓީގެ ސްޓޭޑިއަމްގައި ކުރިއަށްދާ އިންޓަ ސްކޫލް އެތުލެޓިކްސް މީޓް ރަސްމީކޮށް ފެށުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގައި، ނިޒާރު ވިދާޅުވީ އެ ސްޓޭޑިއަމް މަރާމާތު ކުރުމުގައި ކުރީގެ ސަރުކާރުތަކުން އޮތީ އިހުމާލުވެފައި ކަމަށެވެ. އެގޮތުން ފާއިތުވި 10 އަހަރު އެންމެ ކުޑަމިނުން ދަވާދު ކޮޅެއްގެ މިންވަރު ވެސް އެ ތަނުގައި ހާކާނުލާ ކަމަށް އޭނާ ވިދާޅުވި އެވެ.

ނިޒާރުގެ ވާހަކަފުޅަށް ރައްދު ދެއްވަމުން މަޙްލޫފް ވިދާޅުވީ ނިޒާރު ދެއްކެވީ ވަރަށް ޒިމާދާރުކަން ކުޑަ ވާހަކައެއް ކަމަށާއި، އައްޑޫގެ ކުޅިވަރަށް މިދިޔަ ސަރުކާރުން ރޭވި ބައެއްކަންކަން ނިޒާރުގެ މޭޔަރުކަމުގައި ހިނގަމުންދިޔަ ކައުންސިލްގެ އިހުމާލުން އެއްކޮށް ނިންމާލެވިފައިނުވާ ކަމަށެވެ. އޭގެ އިތުރުން އައްޑޫގެ ކުޅިވަރަށް ކުރީ ސަރުކާރުން ކުރި ބައެއް މަސައްކަތްތައް މަޙްލޫފް ވަނީ ހަނދާން އާކޮށްދެއްވާފައެވެ.

"އައްޑޫ ސިޓީގެ ސްޓޭޑިއަމް މަރާމާތުކުރިކަން ނިޒާރަށް އެނގިވަޑައިނުގަތީކަމަށް ވެދާނެ. ނަމަވެސް ދެވަނަ ފަހަރަށް އެއިމާރާތް ބާވެފައިހުރިވަރުން، ކުރީގެ ސަރުކާރުން ނިންމީ ހިތަދޫގައި ސިންޓެޓިކް ޓްރެކެއް ތަރައްގީކުރަން." މަޙްލޫފް ވިދާޅުވިއެވެ.

މަޙްލޫފް ވިދާޅުވީ، އިންޑިއާގެ ލައިން އޮފް ކްރެޑިޓްގެ ދަށުން 40 މިލިއަން ޑޮލަރު ހޯއްދައި، އެޕްރޮޖެކްޓުތަކުގެ ތެރޭގައި ހިތަދޫ ސިންތެޓިކް ޓްރެކް ތަރައްގީކުރަން ބޭނުންވާ 1.6 މިލިއަން ޑޮލަރު ހަމަޖެއްސެވި ކަމަށެވެ. އަދި އެކަމަށް ބިޑުތައް ނަގައި އިވެލުއޭޝަން ވާނީ ނިންމާފައި ކަމަށާއި، މިސަރުކާރަށް ހަމައެކަނި އޮތްކަމަކީ ވީހާވެސް އަވަހަށް ސޮއިކޮށް މަސައްކަތްފެށުން ކަމަށް މަޙްލޫފް ވިދާޅުވިއެވެ. ހަމައެއާއެކު ހިތަދޫ އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސްގެ ބިޑު ނަގައި އިވެލުއޭޝަންް ވާނީ ނިންމާފައި ކަމަށާއި، މިހާރު އޮތީ އަވަހަށް ސޮއިކޮށް މަސައްކަތް ފެށުންކަމަށް މަޙްލޫފް ވިދާޅުވިއެވެ.

ރައީސް ޞާލިޙްގެ ސަރުކާރުގެ 5 އަހަރު އައްޑޫގައި ކުޅިވަރު ތަރައްގީއަށް އެތައް މިލިއަން ރުފިޔާއެއް ޚަރަދު ކުރެއްވި ކަމަށާއި، އައްޑޫ މޭޔަރުގެ މަގާމުގައި ހުންނަވައިގެން ނިޒާރު ދެއްކެވީ ވަރަށް ޒިމާދާރުކަން ކުޑަވާހަކައެއް ކަމަށް މަޙްލޫފް ވިދާޅުވިއެވެ.

"މިދިޔަ 5 އަހަރު އައްޑޫގައި ކުޅިވަރު ކުރިއަރުވަން ކުރި މަސައްކަތާއި ކުރި ހަރަދު އޭގެކުރިން ފާއިތުވި 40 އަހަރާވެސް ނުބައްދަލުވާނެ." ނިޒާރަށް ރައްދު ދެއްވަމުން މަޙްލޫފް ވިދާޅުވިއެވެ.

އޭގެ އިތުރުން ބެޑްމިންޓަން އިންޑޯ ވީރާނާވެގެން ދިޔަނުދިނުމަށް އެތަން މިނިސްޓްރީގެ ދަށަށް ބަދަލުކޮށް ރަނގަޅު ބެޑްމިންޓަން ޑިވެލޮޕްމަންޓު ޕްރޮގްރާމެއް ހިންގަން ތަކުރާރުކޮށް އާދޭސްކުރެވުނު ކަމަށާއި، ނެޝަނަލް ޓީޓީ ސެންޓަރު ގާއިމްކުރުމަށް ޓީޓީ އެސޯސިއޭޝަނާއިއެކު ކުރި މަސައްކަތް ކާމިޔާބު ނުވީ ކައުންސިލުގެ އެންބާރުލުން ނުލިބިގެން ކަމަށްވެސް މަޙްލޫފް ވިދާޅުވިއެވެ.

ހަމައެއާއެކު އިންޑޯ ވޮލީ ކޯޓު ހަދަން ކައުންސިލާ ހަވާލުކުރިތާ 3 އަހަރު ވީއިރުވެސް އެމަސައްކަތް ނުފެށުނު ކަމަށާއި، 2 ފުޓުބޯޅަ ދަނޑުގެ މަސައްކަތް ނިމުނީ 3 އަހަރުން ކަމަށް ވިދާޅުވެ މަޙްލޫފް ވަނީ ނިޒާރަށް ވަރުގަދައަށް ރައްދު ދެއްވާފައެވެ.

"4 ބޮޑު ފުޓުބޯޅަ ދަނޑު. 2 ސުވިމިންގ ޓްރެކު، ބެޑްމިންޓަން އިންޑޯ، އައުޓްޑޯ ވޮލީ ކޯޓު، އައުޓްޑޯ، އަދި ކުޑަކުދިންގެ ޕާކު އަދި 3 ފުޓްސަލް ދަނޑު ހިމެނޭ." އައްޑޫގެ ކުޅިވަރު ތަރައްޤީއަށް ކުރީގެ ސަރުކާރުން ކުރި މަސައްކަތްތައް މޭޔަރު ނިޒާރަށް ހަނދާން ކޮށްދެއްވަމުން މަޙްލޫފް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން