ނައިބު ރައީސް ހުސައިން މުޙައްމަދު ލަތީފު
ނައިބު ރައީސް ހުސައިން މުޙައްމަދު ލަތީފު
ތެލަސީމިއާ ކުދިންނަށް ޚާއްސަ ހޮސްޕިޓަލެއް މާލެ ސަރަހައްދުގައި ގާއިމު ކުރުމުގެ އަމަލީ މަސައްކަތް ވަރަށް އަވަހަށް ފަށާނެކަމަށް، ނައިބު ރައީސް ހުސައިން މުޙައްމަދު ލަތީފު މިއަދު ވިދާޅުވެއްޖެއެވެ.

ނައިބު ރައީސް މިމޭރުމުން ވިދާޅުވީ ނެޝަނަލް ތެލަސީމިއާ ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ. އެގޮތުން ތެލަސީމިއާ ކުދިންގެ ފަރުވާގެ ކަންކަން ލުއިފަސޭހަ ކޮށްދިނުމަކީ ރައީސް ޑރ. މުޙައްމަދު މުއިއްޒު ވަރަށް އިސްކަން ދެއްވާ ކަމެއް ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.

ނައިބު ރައީސް ވަނީ، ސަރުކާރުގެ ހަފުތާ 14ގެ ތެރޭގައި ހިމެނިގެން ތެލަސީމިއާ ކުދިންނަށް ޚާއްސަ ހޮސްޕިޓަލެއް ގާއިމު ކުރުމަށްޓަކައި ހުޅުމާލޭގެ ދެވަނަ ފިޔަވަހިން 71،000 އަކަފޫޓުގެ ބިމެއް މިހާރު ހަމަޖެހިފައިވާކަމަށް ވިދާޅުވެފައެވެ. މިހާރު ކުރިއަށް ދަނީ ހޮސްޕިޓަލް އެޅުމަށްޓަކައި ފައިނޭންސް ހޯދުމުގެ މަސައްކަތްކަން ފާހަގަ ކުރަށްވައި ނައިބު ރައީސް ވިދާޅުވީ، ހޮސްޕިޓަލްގެ އަމަލީ މަސައްކަތް ދާދި އަވަހަކަށް ފެށިގެން ދާނެ ކަމަށެވެ.

ހަމައެއާއެކު ސަރުކާރުގެ ހަރަދުގައި ތެލެސީމިއާ ކުދިންނަށް ބޯންމެރޯ ހެދޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތްވެސް މިހާރު ފަށާފައިވާ ކަމަށާއި، ތެލަސީމިއާ ކުދިންނަށް ބޭނުންވާ ބޭހާއި ކޮންޒިއުމަބަލްސް މިހާރު އަތޮޅުތެރޭގެ ރަށްރަށުން ލިބޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށް ވެސް ނައިބު ރައީސް މިއަދު ވިދާޅުވިއެވެ.

މި ސަރުކާރުން ވަނީ، ތެލެސީމިއާ ކެރިއަރެއްތޯ ބެލުމަށް ހަދާ ޑީއެންއޭ ޓެސްޓް އާސަންދަ މެދުވެރިކޮށް ހެދޭނެ އިންތިޒާމް ހަމަޖެއްސުމަށްވެސް ނިންމާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން