ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
މާފުށީ ބިން ހިއްކުން ދައުރުގެ ފަހު އަހަރަށް ފަސްނުކުރަށްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިމޭރުމުން ވިދާޅުވީ ޢާންމުންގެ ސުވާލުތަކަށް މީސްމީޑިއާގައި ސީދާ ރައީސުލްޖުމްހޫރިއްޔާ ޖަވާބުދެއްވުމުގެ ގޮތުން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކުރިއަށް ގެންދާ "ރައީސްގެ ޖަވާބު" ގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެގޮތުން ރައީސްގެ ރިޔާސީ ވަޢުދާ އެއްގޮތަށް މާފުށީ ބިންހިއްކުމުގެ މަޝްރޫޢު ފަށާނެ ދުވަހާ ގުޅޭގޮތުން ކ.މާފުށީ، ޖަންބުމާގޭ، އަޙްމަދު ސަމީރު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ، މާފުށީ ބިންހިއްކުމަކީ ރިޔާސީ ކެމްޕޭނުގައި އެމަނިކުފާނު ވެވަޑައިގެންނެވި ވަޢުދެއް ކަމަށެވެ.

ރައީސް ވިދާޅުވީ މާފުށީ ބިން ހިއްކުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށާއި ނަމަވެސް އެކަމަށް ވަކި ތާރީހެއް ދަންނަވަން ދަތި ކަމަށެވެ. ހަމައެއާއެކު ވެރިކަމުގެ އެންމެ ފަހު އަހަރަށް އެމަޝްރޫއު މަޑުނުޖައްސާނެ ކަމަށާއި، ރައްޔިތުންނަށް ފައިދާ ކުރަނިވި ގޮތަކަށް ވީ އެންމެ އަވަހަށް ހުރިހާ ކަމެއް ވެސް ކޮށްދެއްވަން މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވާފައެވެ.

"އެންމެ ފަހު އަހަރަށް މަޑުކޮށް އެގޮތަކަށް ނޫން އަޅުގަނޑު މަސައްކަތް ކުރާ ގޮތަކީވެސް. ވީހާވެސް އަވަހަކަށް ރައްޔިތުންނަށް ހެވާއި ލާބަ ހުރި މަޝްރޫޢުތައް ފަށައިގެން ކުރިއަށް ގެންދެވޭތޯ ބެލުން." ރައީސް ވިދާޅުވިއެވެ.

ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގައި ރައީސް ވިދާޅުވެފައިވަނީ، ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯދުމަށްފަހު ރައްޔިތުން އެދޭ ގޮތަށް މާފުއްޓަށް ބިން އިތުރު ކޮށްދެއްވާނެ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން