ހެލްތު މިނިސްޓަރ ޑރ. ޢަބްދުﷲ ޚަލީލް
ހެލްތު މިނިސްޓަރ ޑރ. ޢަބްދުﷲ ޚަލީލް
ކުރީ ސަރުކާރުން ވަނީ ރާއްޖޭގެ ސިއްޙީ ނިޒާމް ބޮޑު އަނދަވަޅަކަށް ވައްޓާލާފައިކަމަށް ހެލްތު މިނިސްޓަރ ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ޚަލީލް މިއަދު ވިދާޅުވީ، ކުރީ ސަރުކާރުގެ 5 އަހަރުގެ ދައުރު ނިމުނުއިރު ރާއްޖޭގެ ސިއްޙީ ނިޒާމަށްވަނީ ބޮޑެތި އިހުމާލުތަކެއްވެ އެތައް ގެއްލުންތަކެއްދީފައި ކަމަށެވެ. އެގޮތުން ސިއްހީ ޚިދުމަތްދޭ ޢިމާރާތްތައް މަރާމާތު ނުކޮށް ދޫކޮށްލާފައިވާ ކަމަށާއި، ގިނަ ތަންތަން ހުރީ ފުރާޅު ފޫވެއްޓި ނުވަތަ ސީލިންގ ވެއްޓޭ ހިސާބުގައި ކަމަށް ޚަލީލް ވިދާޅުވިއެވެ.

ޑރ. ޚަލީލް ވިދާޅުވީ، 5 އަހަރުގެ ދައުރު ނިމުނުއިރު ހޮސްޕިޓަލްތަކާއި، ސިއްޙީ މަރުކަޒުތަކުގައި ހުރި މެޝިނަރީތައްވެސް ހުރީ ވީރާނާވާން ދޫކޮށްލާފައިކަމަށެވެ. އެގޮތުން މެޝިނަރީޒް ހަލާކުވުމުން އެތަކެތިވެސް މަރާމާތު ކުރުމުގެ ބަދަލުގައި ހުރީ ނުހަދައި ދޫކޮށްލާފައި ކަމަށާއި، ސިއްހީ ޚިދުމަތްދޭ ބައެއް ތަންތަނުން އަސާސީ ބައެއް ބޭސްތައް ހުސްވެފައި ހުރުމުގެ އިތުރުން ބައެއް ޚިދުމަތްވެސް ހުރީ ހުއްޓިފައި ކަމަށް ޚަލީލް ވިދާޅުވެފައިވެއެވެ.

"މިއީ ދަރުމަވަންތަ ހޮސްޕިޓަލުން ފެށިގެން އެންމެ ކުޑަ އާބާދީ އޮތް ރަށުގެ ސިއްހީ ހާލަތު ހުރިގޮތް. މިއީ އެމްޑީޕީ ވެރިކަން އަންނަ ކޮންމެ ފަހަރަކު ކަންހިނގާ ގޮތް." މިނިސްޓަރ ޑރ. ޚަލީލް ވިދާޅުވެފައިވެއެވެ.

އޭގެ އިތުރުން ކުރީ ސަރުކާރުގެ ވެރިންނަށް އިޝާރާތް ކުރަށްވައި ޑރ. ޚަލީލް ވިދާޅުވީ، ރައްޔިތުންނަށް ހެޔޮއެދޭ ވެރިޔަކު މިހާ ބޮޑު އަނދަވަޅަކަށް ސިއްހީ ނިޒާމު ވައްޓާނުލާނެ ކަމަށެވެ.

މިނިސްޓަރ މިމޭރުމުން ކުރީ ސަރުކާރަށް ފާޑުވިދާޅުވެފައިވާއިރު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މި ސަރުކާރުގެ 5 އަހަރުގެ ތެރޭގައި ސިއްޙީ ދާއިރާއަށް އިންޤިލާބީ ބަދަލުތަކެއް ގެނެސްދެއްވާނެ ކަމަށް ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން