ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ޑޮކްޓަރަށް ދެއްކުމަށް ޔަޤީންކަމާއެކު އެޕޮއިންޓްމަންޓް ލިބޭނެ ދުވަސް އެނގޭނެ ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތް ކުރަށްވަމުން ގެންދަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިމޭރުމުން ވިދާޅުވީ ޢާންމުންގެ ސުވާލުތަކަށް މީސްމީޑިއާގައި ސީދާ ރައީސުލްޖުމްހޫރިއްޔާ ޖަވާބުދެއްވުމުގެ ގޮތުން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކުރިއަށް ގެންދާ "ރައީސްގެ ޖަވާބު" ގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެގޮތުން ޑޮކްޓަރަށް ދެއްކުމަށް އެޕޮއިންޓްމަންޓް ހަމަޖެއްސުމަށްފަހުވެސް އިންތިޒާރުގައި ގިނަ ދުވަސްތަކެއް ތިބެން ޖެހޭކަން ފާހަގަކޮށް ލ.މާބައިދޫ، ލަކްސްލިން، އާދަމް ޢަބްދުﷲ، ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ، ޑޮކްޓަރަށް ދެއްކުމަށް ޔަޤީންކަމާއެކު އެޕޮއިންޓްމަންޓް ލިބޭނެ ދުވަސް އެނގޭނެ ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުން ގެންދާ ކަމަށެވެ. އަދި އެގޮތަށް ނިޒާމު ބައްޓަންކުރުމުން ރައްޔިތުން މިހާރު އުފުލާ ތަކްލީފުތަކަށް ބޮޑު ލުޔެއް ލިބޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

"އެޕޮއިންޓްމަންޓާއެކު ސީދާ ދުވަސް ލިބި އިތުރަށް އިންތިޒާރުކުރަން ނުޖެހޭ ގޮތަށް. އޭރުން ރަށްރަށުން ވަޑައިންނަވާ ބޭފުޅުންނަށްވެސް އިތުރަށް އިންތިޒާރުކުރަން ޖެހޭގޮތް ނުވާނެ." ރައީސް މުޢިއްޒު ވިދާޅުވިއެވެ.

އާދަމް ޢަބްދުﷲ ކުރެއްވި ސުވާލުތަކަށް ދެއްވި ޖަވާބުގައި ރައީސް އިތުރަށް ވިދާޅުވީ، މިހާރު ނިޒާމު ބައްޓަން ކުރަމުންދާ ގޮތުން ޑޮކްޓަރުންނަކީ ގިނަ ވަގުތު ހޮސްޕިޓަލުގައި ޚިދުމަތް ދިނުމަތް ތިބޭ ބަޔަކަށް ވެގެންދާނެ ކަމަށެވެ.



ހަމައެއާއެކު މާލެއާއި ރަށްރަށުގައި ޤާއިމުކޮށްފައިވާ ހޮސްޕިޓަލްތަކުގެ ޚިދުމަތް ރަނގަޅު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަށްވަމުން ގެންދަވާ ކަމަށް ރައީސް މިއަދު ވަނީ ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން