ސަރުކާރުން ދޫކުރާ އެކިއެކި ފުލެޓްތައް ދިނުމުގައި މައިންބަފައިންނާއެކު ދިރިއުޅޭ ނުވަތަ ދޮށީ އުމުރުގެ މީހުން ބަލަހައްޓާ ފަރާތްތަކަށް އިސްކަންދިނުމަށް ހާއްސަ އުސޫލެއް އެކުލަވާލަން ހަމަޖެހިފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

"އިސްރަށްވެހިންގެ ނާދީ" ގެ ނަމުގައި މާލޭގައި ހުޅުވި މަރުކަޒު ހުޅުވައިދެއްވައި ވާހަކަފުޅު ދައްކަވަމުން ރައީސް މިރޭ ވިދާޅުވީ އިސްރަށްވެހިންނަކީ މީގެ ކުރީގައި ވަރަށް ބޮޑަށް ހަވާސާ ކުރެވިފައިވާ ބައެއްކަމަށެވެ. އެގޮތުން، ދައުލަތުގެ ބަޖެޓުން ކުރެވޭ ހަރަދާއި ފޯރުކޮށްދޭ ވަސީލަތަށް ބެލިޔަސް އެ ފަރާތްތަކަށް ދެވޭ ސަމާލުކަން އޮތީ ނުދެވިކަމަށް ރައީސް ވިދާޅުވިއެވެ.

އޭގެ އިތުރުން ބޯހިޔާވަހިކަމުގެ ރައްކާތެރިކަން ކަށަވަރު ކޮށްދިނުމުގައި ވެސް އެ ފަރާތްތަކަށް އިސްކަމެއް ދިނުމަށް މި ސަރުކާރުން ނިންމާފައިވާކަމަށާއި، އެގޮތުން، ނަފްސާނީ އަދި އިޖުތިމާއީ ދުޅަހެޔޮކަން ކަށަވަރު ކުރުމަށް ހަރުދަނާ ބޯހިޔާވަހިކަމުގެ ސިޔާސަތެއްގެ ތެރެއިން ދެމެހެއްޓެނިވި ހައްލު ހޯދުމައްޓަކައި ރާއްޖޭގެ އާބާދީގައި ތިބި ދޮށީ އުމުރު، 65 އަހަރުން މަތީ މީހުންނަށް ރައްކާތެރިކަމާއެކު ހިތްހަމަޖެހިގެން އާއިލާއާއި އެކު އުޅުމަށް މަގުފަހިވާނެ ގޮތަށް ސަރުކާރުން އަލަށް ތައާރަފްކުރާ ބޯހިޔާވަހިކަމުގެ ސްކީމުތައް އެކަށައެޅުމަށް ސޯޝަލް ކައުންސިލުން މިހާރު ފާސްކޮށްފައިވާ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

އެހެންކަމުން އަލަށް ތައާރަފުކުރާ ސޯޝަލް ހައުސިންގ ސްކީމްތަކުގައި ދޮށީއުމުރުގެ މީހުންނާއެކު ދިރިއުޅޭ ނުވަތަ އެމީހުން ބަލަހައްޓާ ފަރާތްތަކަށް ޕޮއިންޓް ލިބޭނެގޮތަށް ހަމަޖެހިގެން ދާނެކަމަށާއި އެ އުސޫލުތައް ކަނޑައެޅިގެންދާއިރު އެކަހެރިކޮށް ދިރިއުޅޭ ދޮށީއުމުގެ މީހުންނަށް ސަރުކާރުގެ ސޯޝަލް ހައުސިން ސްކީމުތަކުގެ ތެރެއިން ދޫކުރާ ފްލެޓަށް ނުވަތަ އިޖުތިމާއީ ބޯހިޔާވަހިކަމަށް ކުރިމަތިލެވޭނެ އުސޫލު ވެސް ކަނޑައެޅޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މި ޖަލްސާގައި ރައީސް އިތުރަށް ވިދާޅުވީ، ސަރުކާރުން އަލަށް ފަށާ ހައުސިންގ މަޝްރޫއުތަކުގައި އަޅާ އިމާރާތްތަކުގައި އިސްރަށްވެހިންނަށް ފަސޭހަކަމާއެކު އެތަންތަނަށް ވަދެނިކުމެވޭނެހެން ޑިޒައިން ކުރެވިގެން ދާނެކަމަށާއި އަދި ގެދޮރު ބިނާކުރުމަށް ސަރުކާރުން ދޫކުރާ ލޯނުތަކަށް ވެސް އިސްރަށްވެހިންނަށް ކުރިމަތިލެވޭނެ ގޮތް ހަމަޖައްސައިދެއްވާނެ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން