މަސްވެރިކަމާބެހޭ ވަޒީރު އަޙްމަދު ޝިޔާމް
މަސްވެރިކަމާބެހޭ ވަޒީރު އަޙްމަދު ޝިޔާމް
މަސްވެރިންނަށް ދޭންޖެހޭ ހުރިހާ ފައިސާއެއް މާޗް މަހުގެ 5 ވަނަދުވަހުގެ ނިޔަލަށް ޚަލާސް ކުރަށްވާނެ ކަމަށް މަސްވެރިކަމާބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ވަޒީރު މިމޭރުމުން ވިދާޅުވެފައިވާއިރު މަސްވެރިންނަށް ލިބެންޖެހޭ 3 މަސްދުވަހުގެ ފައިސާ ނުލިބޭ ކަމަށްބުނެ ކޫއްޑޫގައި މަސްވެރިން މިއަދު ދަނީ މުޒާހަރާ ކުރަމުންނެވެ. އެކަމާ ގުޅިގެން ވަޒީރު ވިދާޅުވީ މަސްވެރިންގެ ނުތަނަވަސް ކަމަކީ މިވަގުތު ސަރުކާރަށް އެކަމެއްގެ ކަންބޮޑުވުން އެންމެބޮޑަށް އޮތް އަދި އެންމެބާރަށް ހައްލު ކުރަން މަސައްކަތް ކުރަމުން ގެންދާ ކަންބޮޑުވުން ކަމަށެވެ.

އޭގެ އިތުރުން މަސްވެރިން ޙައްޤުހޯދަންކުރާ ސުލްހަވެރި އިހުތިޖާޖަށް ފުރިހަމައަށް މަރުޙަބާ ވިދާޅުވާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. ނަމަވެސް ކޫއްޑޫގެ އޮޕަރޭޝަން ކުރިޔަށް ގެންދެވޭނެ މާހައުލެއް އޮތުމަކީ އިހުތިޖާޖުގައި ބައިވެރިނުވާ އެތައް ދޯންޏެއްގެ މަސްވެރިންގެ ވަރަށް ބޮޑު އެދުމެއް ކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.

އެހެންކަމުން އެމާހައުލު ޤާއިމުކޮށްދެއްވުމަށް މިވަގުތު އިހުތިޖާޖުގައި ތިއްބެވި މަސްވެރިންގެ އަރިހުން ވަޒީރު ވަނީ އެދިވަޑައިގެންފައެވެ.

“މިސަރުކާރަށް ވާރުތަވީ 250 ވަރަކަށް މިލިޔަން ރުފިޔާ އާއެކު މިހާރު ނުދެވި ހުރި ޖުމްލަ 280 މިލިޔަން ރުފިޔާގެ ބެކްލޮގު އެއްކޮށް މާރޗު މަހުގެ 5 ވަނަދުވަހުގެ ނިޔަލަށް ސަރުކާރުން ނިންމާނެ ކަމުގައި ދަންނަވަން.” ވަޒީރު ވިދާޅުވިއެވެ.

އޭގެ އިތުރުން މަހުގެ އަގު މިސަރުކާރުން މުރާޖާ ކުރި ދުވަހުން ފެށިގެން ކިރުނު މަހަށްވާ 26 މިލިއަން ރުފިޔާ ކޮންމެ ހަފްތާއަކު މިފްކޯއަށް ކިރާމަހަށް ފައިސާ ދޫކުރާ އިންތިޒާމުގެ ތެރެއިން މިހަފްތާއިން ފެށިގެން ހަމަޖައްސަވާނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ޝިޔާމް ވިދާޅުވީ މަސްވެރިންގެ ކަންކަން ރައީސުލްޖުމްޙޫރިއްޔާ ޑރ. މުޢިއްޒު ގެންދަވަނީ ވަރަށްގާތުން ބައްލަވަމުން ކަމަށެވެ.

“ކޫއްޑޫގައި ތިއްބެވި މަސްވެރިންނާ ބައްދަލުކޮށްލަން އަޅުގަނޑު ކޫއްޑޫއަށް ދިއުމަށްޓަކައި ށ. އަތޮޅުން އެބަ ދަތުރުކުރުރަން. މަސްވެރިންގެ ހުރި ކަންބޮޑުވުންތައް އަދި މަސްވެރި ސިނާއަތުގައި ހުރި ގޮންޖެހުންތައް ހައްލުކުރާނީ އަޅުގަނޑުމެން.” ޝިޔާމް ވިދާޅުވިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ރިޔާސީ އިންތިޚާބުގައި ވަޢުދުވެވަޑައިގެންފައިވަނީ މަސްވެރިން މަސްކިރާތާ 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދޫކުރަށްވާނެ ކަމަށެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރު ނިމެން ގާތްވެފައިވަނިކޮށް، ސެޕްޓެމްބަރު މަހުގެ މަހުގެ މެދުތެރޭގައި މަސް ކިލޯއެއް 17 ރުފިޔާއިން 25 ރުފިޔާ އަށް ވަނީ ބޮޑުކޮށްފައެވެ. ނަމަވެސް މި ސަރުކާރުން ނިންމާފައިވަނީ އެއަގު 20 ރުފިޔާ އަށް ދަށްކުރުމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން