އެމްޑަބްލިޔުއެސްސީގެ އެމްޑީ އަބްދުލްމަތީން މުހައްމަދު -- ފޮޓޯ/ ފީއެސްއެމް ނިއުސް
އެމްޑަބްލިޔުއެސްސީގެ އެމްޑީ އަބްދުލްމަތީން މުހައްމަދު -- ފޮޓޯ/ ފީއެސްއެމް ނިއުސް
ރ. ދުވާފަރަށް ކަރަންޓު ދިނުމަށް އެމްޑަބްލިޔުއެސްސީގެ ޓީމުން ކުރި މަސައްކަތަށް ސެލިއުޓް ކުރައްވާކަމަށް އެ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރު އަބްދުލްމަތީން މުހައްމަދު ވިދާޅުވެއްޖެއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މަތީން ވިދާޅުވީ، އެމްޑަބްލިޔުއެސްސީގެ ޓީމުން މުޅި ރޭ ކުރި މިންނެތް މަސައްކަތުން ދުވާފަރުގެ ކަރަންޓުގެ މައްސަލައަށް ހައްލު ގެނެވިފައިވާ ކަމަށެވެ. އަދި މި މަސައްކަތުގައި ސްޓެލްކޯއާއި މަންތާ އެއާއިން ވެދިން އެހީތެރިކަންވެސް މަތީން ފާހަގަ ކުރެއްވިއެވެ.

ދުވާފަރުގައި ކަރަންޓާއި ފެނުގެ ހިދުމަތް ދެމުންގެންދަނީ އެމްޑަބްލިއުއެސްސީ އިންނެވެ. އެކަމަކު އިއްޔެ ދިމާވި މައްސަލައަކާ ގުޅިގެން ހެނދުނުން ފެށިގެން އެ ރަށުގެ ބޮޑު ސަރަހައްދުން އޮތީ ކަރަންޓު ކެނޑިފަ އެެވެ.

ކަރަންޓު ކޭބަލަކަށް ދިމާވި މައްސަލައާ ގުޅިގެން އެކަން ހައްލުކުރަން އެމްޑަބްލިއުއެސްސީގެ ޓެކްނީޝަނުންގެ ޓީމެއް ވެސް ދުވާފަރަށް ދިޔަ އެވެ.

އެ މައްސަލަ ހައްލުކުރުމުގެ މަސައްކަތް ދިގުލައިގެން ގޮސްފައިވަނިކޮށް ފަހުން އެކަމަށް އެހީތެރިވީ ސްޓެލްކޯއިންނެވެ.

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހަސަން ފަހުމީ މިއަދު ކުރެއްވި އެކްސްއެއްގައި ވިދާޅުވީ ސްޓެލްކޯގެ އިންޖީނިއަރިންގ ޓީމުގެ އެހީތެރިކަމާއެކު، މިއަދު ހެނދުނު 6:30 ހާއިރު ރ. ދުވާފަރުގެ ކަރަންޓުގެ މައްސަލަ ހައްލުކޮށް އެ ރަށަށް ކަރަންޓު ދޭން ފަށައިފައިވާ ކަމަށެވެ،

"ރައްޔިތުންނަށް އަޅުގަނޑުމެންގެ ބޭނުން ޖެހޭ މިފަދަ ކޮންމެ ދަނޑިވަޅެއްގައި، އެއީ ޤައުމީ މަސައްކަތެއް ކަމުގައި ދެކި، ކުންފުނީގެ މުވައްޒަފުން ކުރައްވަމުންގެންދަވާ އިޚްލާސްތެރި މަސައްކަތްތަކަށް ފަޚުރުވެރިކަމާއި ސާބަހާއިއެކު ޝުކުރުދަންނަވަން. ސްޓެލްކޯ ވާނީ އަބަދުވެސް ރައްޔިތުންނާއެކު، އެ ރައްޔިތުންގެ ޚިދުމަތުގައި." އޭނާ ވިދާޅުވި އެވެ.

ދުވާފަރަކީ ރ. އަތޮޅުގައި ވެސް އެންމެ އާބާދީ ބޮޑު ރަށެވެ. އަދި ގިނަ އިރެއް ވަންދެން ކަރަންޓުގެ ހިދުމަތް ކެނޑިފައި އޮތުމުން ވަރަށް ބޮޑަށް ދަތިވިކަމަށް އެެ ރަށުގެ ރައްޔިތުން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން