ޖުމުލަ 44 މިލިއަން ރުފިޔާގެ ޑްރަގް މަގުމައްޗަށް ދިޔަ ނުދީ އަތުލައިގަނެވިއްޖެ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މިހެން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ އައްޑޫ ސިޓީއަށް މިހާރު ކުރައްވާ ދަތުރުފުޅުގައި، މިއަދު ފޭދޫގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

މިނިސްޓަރު ވިދާޅުވީ، މަސްތުވާ ތަކެތީގެ މައްސަލަ ހައްލު ކުރުމަށް ސިފައިންނާއި ފުލުހުން ގުޅިގެން މުހިންމު ފިޔަވަޅުތަކެއް އަޅަމުން ގެންދާ ކަމަށެވެ. އެގޮތުން ޑްރަގް އެންފޯސްމަންޓް އަދި މެރިން ޕޮލިސް ގުޅިގެން ހުޅުމާލޭގެ ފަޅުތެރެ އަބަދުވެސް ޕެޓްރޯލް ކުރުމަށް ނިންމާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން، ރާއްޖެއިން މަސްތުވާ ތަކެތީގެ ވަބާ ނައްތާލުމަށް ރައީސްގެ ހާއްސަ އިރުޝާދުގެ ދަށުން މަސައްކަތްތަކެއް ކުރަމުން ދާކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އޭގެ ތެރޭގައި، އެ ވަބާގައި ޖެހިފައިވާ މީހުން އަނބުރާ މުޖުތަމައަށް ނެރުމަށް މަސައްކަތް ހިމެނޭ ކަމަށް މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.

މިނިސްޓަރު ވިދާޅުވީ، މި ވެރިކަން ފެށުނުއިރު، މަސްތުވާތަކެތީގެ ވަބާގައި ޖެހި، ފަރުވާއަށް ހުކުމް ކޮށްފައިވާ 700 މީހުން ތިބި ކަމަށެވެ. އަދި މި ވެރިކަން ފެށުނުފަހުން، އޭގެ ތެރެއިން 300 މީހުންގެ ފަރުވާ ފަށާފައި ވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން